ގދ. ހޯނޑެއްދޫ ކައިރީގައި އޮންނަ ކަޑެވާރެހާ ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާ އެ ރަށަށް ފޭބިތަނާ ކުޑަކުއްޖަކު އައިސް ނޯޓެއް ދިން ކަމަށާއި ރަށަށް ބޭނުންވާ ކަންކަން ލިޔެފައިވާ އެ ނޫޓުގައި ކަޑެވާރެހާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އެދިފައިވާ ކަމަށެވެ.
"އެއީ ރައްޔިތުން އެދޭ ގޮތް ކަމަށްވާ ނަމަ ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއެކީގައި އެ ތަން ޓޫރިޒަމަށް އިންވެސްޓް ކުރާނެ ތަނެއް ގޮތުގައި ކަނޑައަޅައި ދިނުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހޯނޑެއްދޫ ޒުވާނުންނަށް ވޮލީ ކޯޓަކާއި ބަށި ކޯޓަކާއި ފުޓްބޯޅަ ދަނޑެއް ހަދައިދޭނެ ކަމަށެވެ. އަދި ހޯނޑެއްދޫ ސިއްހީ މަރުކަޒު ތަރައްގީކޮށް އެ ރަށު ސްކޫލަށް ކްލާސްރޫމް އިތުރުކޮށްދީ، މަލްޓިޕާޕަސް ހޯލެއް ހަދައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުން އެދޭ ކަންކަން ސަރުކާރަށް ނުކޮށްދޭވެ ނަމަ އެ ސަރުކާރެއް ބަދަލުކުރުމުގެ ރޫހު ރައްޔިތުންގެ މެދުގައި އުފެދޭނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައި އެ ރޫހު މިހާރު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން މި އިންތިހާބު އެއްބުރުން ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް ރައްޔިތުން މަސައްކަތް ކޮށްދޭންޖެހޭ ކަމަށާއި ދެވަނަ ބުރަކަށް ގޮސްފި ނަމަ 40 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ފައިސާ އިން ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެހެންކަމުން ދެވަނައިގައިވެސް ނުހިމެނޭނެ ފަރާތަކަށް ވޯޓު ދިނުމުގެ ބޭނުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު