ގޯތީގެ ރަޖިސްޓަރީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއަށް ދެވޭ ގޮތް ހެދީ މާލޭ ސިޓީ ކައުންސިލުން ގޯތީގެ ރަޖިސްޓަރީ ދިނުން ލަސްކުރަން އުޅޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގޯތީގެ ރަޖިސްޓަރީ ކުރުމުގެ ކަންކަން މީގެ ކުރިން އޮންނަނީ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ. ނަމަވެސް މާލޭ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީއަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" ވަނީ އިސްލާހުކޮށްފައެވެ.
އެ ގަވައިދުގެ ދަށުން ނުހިއްކާ އޮންނަ ތަނަކުންވެސް ގޯތި ދޫކޮށް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.
ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ހުންނަ އެމްޑީޕީ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރާ ވާހަކަ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކުމުން އެކަމާ ބިރުގަންނަން ޖެހޭ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ދަރަނި ރީސްޓްރަކްޗާ ކުރުމޭ މުއިއްޒު އެ ވިދާޅުވާ ވާހަކައަކީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ގުޅިފަޅާއި ގިރާވަރު ފަޅުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއު ވަގުތުން ހުއްޓާލާ ވާހަކަ ކަމަށެވެ.
"ވަރަށް މުއުތަބަރު ފަރާތަކުން އަޅުގަނޑުމެންނަށް އެނގުނީ ކައުންސިލް ދަށުގައި ރަޖިސްޓަރީ ކުރުމުގެ ބައިވެސް ބަހައްޓާފައި އޮތްކަމުގައި ވަންޏާ އެ މީހުން ގަސްތުކުރަނީ އެ ލަސްކޮށްލަންކަން. އެ ލަސްކޮށްލަން އުޅޭނީ އަޅުގަނޑުމެން ކެބިނެޓުން ފާސްކޮށްގެން ގަވައިދު ބަދަލުކޮށްގެންވެސް މިނިސްޓްރީން ރަޖިސްޓަރީ ދޭ ގޮތަށް މި ނިންމީ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ކުރީން ގުޅިފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 125 މީހުންނަށް ފްލެޓް ލިބި އެތާނގައި ބައެއް މީހުން ދިރިއުޅެން ފަށާފައިވަނިކޮށް އެ މަޝްރޫއު މަޑުޖައްސާލުމަށް 2014 ގައި އަންގައި 2016 ގައި އެސްއޯ ފުލުހުން އެ ރަށަށް އަރުވައި ކޯޓު އަމުރަކާ ނުލައި އެތާ ތިބި އެންމެން ގަދަކަމުން ބާލުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ދިނީވެސް އެންމެ 18 މީހުންނަށް ކަމަށް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންނަށް ބަދަލުގެ ގޮތުގައި 12،000 ރުފިޔާ ދެމުން އައީވެސް މި ސަރުކާރުން ކަމަށެވެ.
ވެރިކަން ލިބިއްޖެނަމަ ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ލިބުނު ނަމަވެސް މި ސަރުކާރުން ދޭ ގޯތިތައް އަތުނުލާނެ ކަމަށާއި ނަމަވެސް އެ ގޯތިތަކުގައި އިމާރާތް ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު