މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ވޮލީ ޓީމާއި ފިރިހެން ވޮލީ ޓީމުންވެސް ކުޅުނު ފުރަތަމަ މެޗުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެ ގޮތުން، އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮރިޝަސް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް މޮރިޝަސް ޓީމުން ގެންދިޔައީ 25-11، 25-16 އަދި 25-20 އިންނެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ސެޓުތަކުގައި އެއް ފެންވަރެއްގައި ނުކުޅެވުމުގެ އިތުރުން އެޓޭކަށް ދާ ބޯޅަތަކުގައި ވެސް ނިންމައިނުލެވުމުގެ މައްސަލަތަކެވެ. ރާއްޖޭގެ ކުޅުންތެރިން ރިސީވިންގައި ރަނގަޅު ވަގުތުތަކެއް ދިޔަ ނަމަވެސް ނިންމާނުލެވި، ޕްރެޝަރުގައި ކުޅެން ޖެހި އިތުރު ގޯސްތަކެއް ހެދުނީއެވެ. މޮރިޝަސްއިން އެންމެ ބޮޑަށް ބޭނުންކުރި އެޑްވާންޓޭޖަކީ އެ ޓީމުގެ އިސްކޮޅުން ރަނގަޅުވުމުގެ ފައިދާއެވެ.

ގައުމީ ފިރިހެން ޓީމުން މިއަދު ރީޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-18، 29-27، 19-25 އަދި 25-22 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެ އަށް އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވުނު ކަމުގައި ވިޔަސް ދެން ކުޅުނު ތިން ސެޓުގައި ވެސް ރީޔޫނިއަންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން، މެޗުގެ ތިން ވަނަ ސެޓު ގެންގޮސް ރާއްޖޭން ހަތަރު ވަނަ ސެޓުގެ ބޮޑުބައިގައި ވެސް ރީޔޫނިއަން ހާސްކޮށްލައިގެން ރަނގަޅު ކުޅުމެއް ދެއްކިއެވެ.

މެޗުގެ ވަކި ހިސާބަކުން ރާއްޖެ ޓީމުގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އަށް އަނިޔާވެގެން ފަރުވާ ހޯދިއިރު، ބަދަލުގައި ކުޅެން އަރައި، ދެ ވަނަ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު ޝޮޓްތަކެއް ވެސް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.

ފިރިހެން ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ރީޔޫނިއަން އަކީ މުބާރާތުގެ "ފޭވަރިޓް" ޓީމު ކަމަށާއި އެ ފަދަ ޓީމަކާ ދެކޮޅަށް ފިރިހެން ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި ގޯސްކޮށްދިޔަ ކަންކަން ރަނގަޅު ކޮށްގެން ފަހު މެޗުގައި މަޑަގަސްކަރާ އަތުން މޮޅުވެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

މަޑަގަސްކަރާއާ ދެކޮޅަށް ފިރިހެން ވޮލީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.