ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭ ގޮތަށް ހައުސިން މިނިސްޓްރީން ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ހައުސިން މިނިސްޓްރީން ރޭ ގަވާއިދު އިސްލާހުކޮށް ގެޒެޓު ކުރި އިރު، މީގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަދައިދެނީ ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުންތަކުންނެވެ. މިހާރު އިސްލާހު ކުރި ގަވާއިދުގައިވާ ގޮތުން ގޯތީގެ ރަޖިސްޓްރީ ދޫކޮށް އަދި ބާތިލު ކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އިދާރާއަކުން ނުވަތަ އެ ރަޖިސްޓްރީއެއް ދޫކުރި އިދާރާއަކުންނެވެ.
މި ގަވާއިދުގައި ބުނާގޮތުން ބަންޑާރަ ގޯއްޗާއި އަމިއްލަގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމުގެ ކަންކަން ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭނެއެވެ. އަދި ގޯތީގެ ރަޖިސްޓްރީ ސިޓީ ކައުންސިލާއި އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓްރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާ ދޫކުރެވޭނެއެވެ. ނުވަތަ ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއަކުންވެސް ރަޖިސްޓަރީ ދޫކުރެވޭނެއެވެ.
ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިއަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫތަކުގެ ދަށުން ގޯތި ހަވާލުކުރާ އިރު، އެ ގޯއްޗެއްގެ ދާއިމީ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ދޫކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.
ސަރުކާރުން ތަރައްގީ ކުރުމުގެ ގޮތުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަހައްދެއް ނަމަ، އެފަދަ ސަރަހައްދުން ގޯތި ދޫކުރާ އިރު، ގޯތި ދޫކުރި ކަމުގެ ލިޔުމެއް، ގޯތި ލިބުނު ފަރާތަށް ހަވާލު ކުރެވިދާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.
ހައުސިން މިނިސްޓްރިން ގޯތި ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް ބަދަލު ގެނަސްފައި މިވަނީ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދަނިކޮށެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހި، ގުޅިފަޅު އަދި ގިރާވަރު ފަޅުން ބަންޑާރަ ގޯތި ދޭން ނިންމައި ގޯތި ލިބޭ މީހުން ވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ޖުމުލަ 9003 ގޯއްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު