ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް އަދިވެސް ހުރީ ލިވަޕޫލަށް ވަފާތެރިކޮށް ކަމަށާއި، ސައުދީ ލީގަށް ދާން ނޫޅޭ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ސަލާހު ހޯދަން ސައުދީގެ އަލް-އިއްތިހާދުން ވަނީ ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރުވެސް 52 މިލިއަން ޕައުންޑްގެ ބިޑެއް ލިވަޕޫލަށް ހުށަހަޅައިފައިވާ އިރު، ސަލާހަށް އިއްތިހާދުން ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ދެ އަހަރުން އޭނާއަށް 155 މިލިއަން ޕައުންޑުގެ މުސާރައެއް ޖެހެއެވެ.
އެ އެއްބަސްވުމަށް ސަލާހް އެއްބަސްވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވީ ނަމަވެސް، ކޯޗު ކްލޮޕް ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. ލިވަޕޫލުން މި ހަފުތާގައި ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ވާހަކަދައްކަމުން ކްލޮޕް ބުނީ ސަލާހް ހުރީ "100 ޕަސެންޓް" ލިވަޕޫލަށް ވަފާތެރިކޮށް ކަމަށެވެ.
އޭގެ އިތުރުން ކްލޮޕް ބުނީ ސަލާހަކީ އަދިވެސް ލިވަޕޫލަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި، ސަލާހް ގޮސްދާނެ ކަމަށް މިވަގުތު ނުވިސްނާ ކަމަށެވެ. އަދި ސައުދީން ސަލާހަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކަމަށް މާ ބޮޑަށް ނުވިސްނާ ކަމަށްވެސް ކްލޮޕް ބުންޏެވެ.
ބޮޑު މުސާރައެއް އިއްތިހާދުން ހުށަހެޅި ނަމަވެސް، ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް މީގެ ކުރިން އެޖެންޓް ވަނީ ސޯޝަލް މީޑިއާގައި ޔަގީންކޮށްދީފައެވެ. ސަލާހް މިދިޔަ ހޫނު މޫސުމުގައި ލިވަޕޫލްގެ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ތިން އަހަރަށެވެ. މިދިޔަ އަހަރު އާކުރި އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އެ މުއްދަތުގައި ސަލާހް ވަނީ ޕްރިމިއާ ލީގުގެ ތިން ރަން ބޫޓު ހޯދައި، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދައިފައެވެ.