(18 އޯގަސްޓުގެ އަދަދާ ގުޅޭ)

އިސްލާމްދީން މުއުމިނު ފިރިހެނުންނަށާއި އަންހެނުންނަށް އިރުޝާދު ދީފައިވަނީ ހުއްދަނޫން ބެލުންތަކުން ރައްކައުތެރިވުމަށެވެ. އަބުރު ރައްކައުތެރި ކުރުމަށެވެ. ކީރިތި ޤުރްއާނުގައި މިމޭރުމުން އިރުޝާދު ދެއްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"މުއުމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކައުތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށް ޠާހިރުކަން ބޮޑެވެ." (الــنّـــــور: 30)

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!" (الــنّـــــور: 31)

މިމާތް ދެއާޔަތަށް ނަޒަރު ހިންގާއިރު ދެކަމެއްގެ (ބެލުން ތިރިކުރުމާއި ޖިންސީ ގުނަންތައް ރައްކައުތެރިކުރުން) ވާހަކަ ބަޔާންކުރައްވައިފައި އެވަނީ އެއްކަމެއް އަނެއްކަމަކާ ގުޅުއްވައިގެންނެވެ. އެކުއެކުގައެވެ. އެއިން އެނގެނީ އެދެކަމުގައިހުރި ޚާއްޞަ ގުޅުމެވެ. މީހަކު (އަންހެނަކު ކަމުގައިވިޔަސް ފިރިހެނަކު ކަމުގައިވިޔަސް) އޭނާގެ ބެލުންތަކަށް ރައްކައުތެރި ނުވާނަމަ ފާޙިޝުކަމުގެ އަނދަވަޅަކަށް ވެއްޓުމުގެ ބިރު އޮންނާނީ ވަރަށްވެސް ކައިރީގައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްފަހަރަކު އެމާތް ސާހިބާގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އަދި ދަނބިދަރިކަލުން عـلـــى مـــرتـضـــى رضــى اللّـــه عـــنــــه އަށް ނަސޭހަތް ދެއްވުމުގެގޮތުން ޙަދީޘުކުރައްވައިފައިވެއެވެ.

"އޭ عـلـــى އެވެ! ހިލޭއަންހެނެއްގެ މައްޗަށް ތިބާގެ ނަޒަރު ހުއްޓިއްޖެކަމުގައިވާނަމަ ވަގުތުން ތިބާގެ މޫނު (ބެއްލެވުން) އަނެއްފަރާތަށް އަނބުރައިލައްވާށެވެ. ދެވަނަފަހަރަށް އޭނާއާ ދިމާޔަށް ނުބައްލަވާށެވެ. އެންމެފުރަތަމަ ބައްލަވައިލެއްވުނު ބެއްލެވުމަކީ ފާފައެއްކަމުގައެއް ނުވާނެއެވެ. އެކަމަކު ކަލޭގެފާނަކަށް ދެވަނަފަހަރަށް ބައްލަވައިލެއްވުމުގެ ޙައްޤެއް ލިބިވަޑައިގެންފައެއް ނުވެއެވެ." (ސުނަނު އަބޫދާއޫދު: 2149، ޖާމިޢުތިރްމިޒީ: 2777)

ށ. ނާމަޙްރަމުންނާއެކު އެކަހެރިވެއުޅުން މަނާކުރުން

އިސްލާމީ އިރްޝާދުތަކުގެ ތެރެއިން އެއް އިރްޝާދަކީ ފިރިހެނަކުވިޔަސް އަންހެނަކުވިޔަސް ނާމަޙްރަމަކާއެކު އެހެންމީހުނާ އެކަހެރިވެގެން ނުއުޅުމެވެ. މިކަމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާ ކަމެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީޘުފުޅެއްގައި އިރްޝާދު ދެއްވައިފައިވެއެވެ.

"އެއްވެސް ފިރިހެނަކު ހިލޭއަންހެނަކާއެކު ފަހަރެއްގައިވެސް އެކަހެރިވެގެން ނުއުޅޭހުށިކަމެވެ. އެހެނީ އެފަދަ ޙާލަތުގައި އެދެމީހުނާއެކު ނުހުރެ ނުދާނެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ." (ތިރުމިޒީ: 2165)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްފަހަރަކު ޞަޙާބީންނާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ. "އަންހެނަކު އެކަނިހުރިކަމުގައިވާނަމަ އޭނާގެ ގާތަށް ނުދާށެވެ." ޞަޙާބީންކުރެ ބޭކަލަކު ދެންނެވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ! އެއަންހެނާގެ ޅިޔަނެއްކަމުގައިވިޔަސްތޯއެވެ؟" ޙަދީޘުކުރެއްވިއެވެ. "އެއީ މަރެއްފަދަ ކަމެކެވެ." (ބުޚާރީ: 5232، މުސްލިމު: 2172)

ނ. އިސްލާމްދީން މިނިވަން މައްސުނިވުންތަކަކާ ނުރުހެއެވެ.

ހިލޭފިރިހެނުންނާއި އަންހެނުން މިނިވަންކަމާއެކު މައްސުނިވެ އުޅުމަކީ އިސްލާމްދީން ރުހުމުގެ ނަޒަރުން ބަލާކަމެއް ނޫނެވެ. އިސްލާމްދީން އެދެނީ ހިލޭއަންހެނުންނާއި ފިރިހެނުން މައްސުނިވެގެން ނުއުޅުމެވެ. އެގޮތަށް އުޅޭއިރު ޖިންސީ ޖަޒުބާތު އުފެދުމުގެ އެކަށޭނަކަން އޮންނާތީއެވެ. އެކަން ފާޙިޟު ޢަމަލަކާ ހަމަޔަށް ހިނގައިދާނެތީއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެއްފަހަރަކު އަންހެނުންނާއި ފިރިހެނުން މައްސުނިވެގެން މަގުމަތީގައި އުޅޭތީ ފެނިވަޑައިގެންނެވުމުން އެކަން މަނާކުރެއްވިއެވެ. އަންހެނުންނަށް ޙަދީޘުކުރެއްވިއެވެ.

"ތިޔަބައިމީހުން ފަހަތަށް ޖެހިލާށެވެ. ތިޔަބައިމީހުން (ފިރިހެނުންނާ މައްސުނިވެގެން މަގުމެދުން ހިނގުމަކީ ރަނގަޅުގޮތެއް ނޫނެވެ. ތިޔަބައިމީހުން މަގުގެ އަރިމަތީން ހިނގާށެވެ."

(أبــــو داؤد: 5272)

أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضـــى الـلّــه عــنـــهـــا ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބެހޭގޮތުން ހެކިބަސް ދެއްވައިފައިވެއެވެ. އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދުވަހަކުވެސް ހިލޭ އަންހެނެއްގެ ގަޔަކު އަތްޕުޅެއް ނުބީއްސަވައެވެ. (ބުޚާރީ: 5288، މުސްލިމު: 1866)

ރ. މަޙްރަމަކާނުލައި ދަތުރުކުރުން މަނާކުރުން

އިސްލާމްދީން އަންހެނުންނަށް އިރްޝާދުދޭ އެއްކަމަކީ އެކަނބަލުންގެ ފިރީންނާ އެކުގައި ނުވަތަ މަޙްރަމުންނާ އެކުގައި މެނުވީ ދަތުރު ނުކުރުމެވެ. އެކަނބަލުން ދިރިއުޅޭ އަވަށްއަވަށުގައި ނުވަތަ ރަށްރަށުގައި އެކަނބަލުންގެ ބޭނުންތަކުގައި އެކަނި ބޭރަށް ނުކުމެވިދާނެއެވެ. ގޮސް އައިސް އުޅެވިދާނެއެވެ. އެކަމަކު ދުރު މަންޒިލުތަކަށް އެކަނިމާއެކަނި ގޮސްއުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އިރްޝާދު ދެއްވައިފައިވެއެވެ.

"މާތް اللّــــه އާއި އާޚިރަތަށް އީމާންވާ އަންހެނަކު އެއްރޭ އެއްދުވާލުގެ މަސާފަތުގެ ދަތުރަކަށް މަޙްރަމަކާނުލައި ދިޔުމަކީ ހުއްދަކަމެއް ނޫނެވެ." (ބުޚާރީ: 1088، މުސްލިމު: 1339)

އިސްލާމްދީނުގެ މި ތަޢުލީމާމެދު ބައެއް ފަރާތްތަކުންވަނީ އިޢުތިރާޟުކޮށްފައެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި މިއީ އަންހެނުންގެ މިނިވަންކަމަށް އެޅޭ ހުރަހެކެވެ. އިސްލާމްދީން ވަނީ އަންހެނުން ގޭގެ ހަތަރު ފާރުގެ ތެރޭގައި ޤައިދުކޮށްފައެވެ. އެކަމަކު މިއީ ޙަޤީޤަތާ އެއްގޮތް ވާހަކަތަކެއް ނޫނެވެ. އެވާހަކަތައް ދައްކާ މީހުން އިސްލާމްދީނުގެ މި ޙުކުމުގެ ޙިކުމަތާމެދަކު ޚިޔާލެއް ނުކުރެއެވެ. އިސްލާމްދީން އަންހެނުން ގެއިންބޭރަށް ނުކުތުމެއް މަނައެއް ނުކުރެއެވެ. އަންހެނުންނަށް އެކިބޭނުންތަކުގައި ބޭރަށް ނުކުމެވިދާނެއެވެ. ގެއިންބޭރުގައި އާމްދަނީ ހޯދާން މަސައްކަތްވެސް ކުރެވިދާނެ ގިއުގަނޑެއްވެސް އެބައޮތެވެ. މައްސަލައަކީ އިސްލާމްދީން އަންހެނުންގެ ޢިއްޒަތާއި ޢިޞްމަތަށް ނުހަނުބޮޑު އަހަންމިއްޔަތެއް ދޭކަމެވެ. އެކަމާހުރެ އިސްލާމްދީން އެދެނީ އަންހެނަކު ދުރު މަސާފަތަކަށް ދަތުރުކުރާއިރު އޭނާގެ ޖާނާއި ޢިއްޒަތާއި ޢިޞްމަތުގެ ފާރަވެރިކަމުގައި އޭނާއާއެކު މަޙްރަމަކު ހުރުމެވެ. ފާފަތަކަށް ދޯޅުވެފައިހުރި އާވާރާ ފިރިހެނަކަށް އޭނާއާ "ބެހުމުގެ" ފުރުޞަތު ލިބުނަ ނުދިނުމަށްޓަކައެވެ.

ބ. ޕަރުމަރައި ސެންޓު ޖަހައިގެން ބޭރަށް ނުނިކުތުން

އިސްލާމްދީން އިރްޝާދު ދެނީ އަންހެނުން މޭކަޕްކޮށް ޕަރުމަރައިގެން ބޭރަށް ނުނިކުތުމަށެވެ. ބޭރަށް ނުކުންނައިރު ފިރިހެނުންގެ ސަމާލުކަން މާބޮޑަށް އަތުލުމަށްޓަކައި ސެންޓު ޖަހައިގެން ނުނިކުތުމަށެވެ. އެހެނީ އަންހެނުން އެގޮތަށް ޢަމަލުކުރާ ކަމުގައިވާނަމަ ހިލޭ ފިރިހެނުންގެ ލޯތަކުގައި އެކަނބަލުން އަޅައިގަތުން ބޮޑުވާނެއެވެ. ޖިންސީ ޖަޒުބާތު އުތުރޭގޮތްވާނެއެވެ. ނަތީޖާއަކީ އެކަނބަލުންނާ ދިމާޔަށް އަތްދިއްކުރުމުގެ އެކަށޭނަކަން އިތުރުވުމެވެ. އިސްލާމްދީން ތާއީދުކުރާގޮތަކީ އަންހެނުން ބޭރަށް ނުކުންނައިރު އެކަނބަލުންގެ ވަނާތައް ފާޅުނުވާކަހަލަ ދޫހެދުން ލުމެވެ. އެކަނބަލުންގެ ހުރިހައި ވަނާތަކެއް ފޮރުވިފައި ހުރުމެވެ.

ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ." (الأحـــــزاب: 59)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީޘްފުޅެއްގައި އިރްޝާދު ދެއްވައިފައިވެއެވެ.

"އަންހެނަކު ހުވަނދުލައިގެން ގިނަ ފިރިހެނުންތަކެއް ތިބިތަނަކަށް ގޮސްއުޅޭކަމުގައިވާނަމަ އޭނާއަކީ އެވެނި މިވެނިކަހަލަ މީހެކެވެ." (ޔަޢުނީ ފާޙިޝު ޢަމަލުތަކަށް ދަޢުވަތުދޭ މީހަކު ފަދައެވެ.) (ޖާމިޢު ތިރުމިޒީ: 2786)

(ނުނިމޭ)