(19 ނޮވެންބަރުގެ އަދަދާ ގުޅޭ)
ރޭގެ ޕްރޮގްރާމު ފެށި، ޢަސްކަރީ އެއްބާރުލެއްވުން ދެއްވުމާއި ކައުސާހިބާ ޙިމާޔަތް ކުރެއްވުމުގެ ޢަހުދުގެ ވާހަކަ ދެކެވެން ތައްޔާރުވުމުން އެންމެ ފުރަތަމަ ވާހަކަދެއްކެވީ عــبّـــاس ގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ޚަޒުރަޖުވަންހައިގެ މީހުންނޭވެ! މިހުންނެވި محــمّــــد ގެފާނު އެހުންނެވީ އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަނުގައެވެ. ޢިއްޒަތުގައެވެ. ތިޔަބައިމީހުން ދަންނާނެ ފަދައިން قـــــريـش ންނަކީ އެކަލޭގެފާނުގެ ޖާނީ ދުޝްމަނުންނެވެ. ނަމަވެސް އަހަރެމެން އެކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައިގެންނެވިޔަނުދީ އެކަލޭގެފާނު ޙިމާޔަތްކޮށްފީމުއެވެ. މިހާރު އެކަލޭގެފާނު ބޭނުންފުޅުވަނީ ތިޔަބައިމީހުންގެ ރަށަށް ބަދަލުވެވަޑައިގަންނަވާށެވެ. ތިޔަބައިމީހުން އެކަލޭގެފާނަށް ހިފާން ތިޔައުޅޭ ބައިޢަތު ފުރިހަމަކުރެވޭނެކަމުގެ ޔަގީންކަން ތިޔަބައިމީހުންނަށް އޮތްކަމުގައިވާނަމަ ތިޔަބައިމީހުން ތިޔަ ޢަޤުދުކޮށް ބައިޢަތުގެ ކަންތައް ފުރިހަމަކުރާށެވެ. ތިޔަބައިމީހުން ތިޔަކުރާ ޢަހުދަކީ އެންމެހައި ކަޅުމީހުންނަށާއި ދޮންމީހުންނަށް ދެވޭ ހަނގުރާމައިގެ ދަޢުވަތެކެވެ. ތިޔަބައިމީހުންނަކީ ގަދަފަދަކަމާއި ހިތްވަރުގަދަކަންހުރި މިނިވަން ބަޔަކު ކަމުގައިވާނަމަ ތިޔަކަންތައް އުފުލާށެވެ. ތިޔަބައިމީހުންގެ ހަށިތަކުގައި ފުރާނަ ހުރިހައިހިނދަކު އެކަލޭގެފާނަށް ނަޞްރުދީ އެކަލޭގެފާނު ރައްކައުތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އޮތްކަމުގައިވާނަމަ ތިޔަ ބައިޢަތު ހިފައި ޢަހުދުކުރާށެވެ. އެހެންނޫންނަމަ މިހާރުއްސުރެ އެކަލޭގެފާނު ދޫކޮށްލާށެވެ. ޝަރަފުވެރި ގޮތަކަށްވާނީ އެގޮތެވެ."
ބައެއް ރިވާޔަތްތަކުގައިވާގޮތުން عــبّـــاس ގެފާނުގެ ވާހަކަފުޅުގެ އަޑު އިވިވަޑައިގެންނެވުމުން "ޠާހާގެ އަންޞާރުން" އެމާތް ސާހިބާ ބަސްފުޅެއް ވިދާޅުވުމަށް އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އެކަން ގަބޫލުކުރައްވައި އެންމެ ފުރަތަމަ ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. މާތް اللّــــه ގެ ވަޙީ ބަސްފުޅުގެ ކޮންމެ ކަލިމައެއް އެބޭކަލުންގެ ހިތްޕުޅުތަކުގެ އެންމެ އަޑިޔަށް ފޭދެމުން ދިޔައެވެ. އެ ހިތްޕުޅުތަކަށް ޖާދޫގެ އަސަރު ވެރިކުރުވަމުން އަލިކުރަމުން ދިޔައެވެ. އެންމެހައި އަންޞާރުންގެ ހިތްޕުޅުތައް މަޑުވެ ކީރިތިކުރެއްވޭން ފަށައިފިއެވެ. އެވަގުތު އެންމެހައި އަންޞާރުން އެއްދޫފުޅަކުން އެއް އަޑުފުޅަކުން ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އަށް އެބޭކަލުންގެ ރަށަށް ގެމަށްވޮޑިގަތުމަށް ދަޢުވަތު އަރުއްވައިފިއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އެބޭކަލުންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ.
1. އަހުރެން މާތް اللّــــه ގެ ޙައްޤު ދީނަށް ދަޢުވަތުދީ އެދީން ފެތުރުމުގައި އަހުރެންނަށް ފުރިހަމަޔަށް އަތްބާރުއަޅައިދީ އެއްބާރުލުން ދޭނޫހެއްޔެވެ؟ - އަދި
2. އަހުރެން ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެއްޖެކަމުގައިވާނަމަ ތިޔަބައިމީހުންގެ އަނބިދަރީން ޙިމާޔަތްކުރާ ފަދައިން އަހުރެންނާއި އަހުރެންގެ އެކުވެރީން ރައްކައުތެރިކޮށްދީ ބަލަހައްޓައިދޭނޫހެއްޔެވެ؟
އަންޞާރުން ޖަވާބު ދެއްވިއެވެ. "އާދޭހެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ! "އެވަގުތު عــبـــد اللّــــه بـــن رواحــــة رضـــــى اللّــــه عــنـــــه ސުވާލުކުރެއްވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑުމެން އެކަން ކުރުމުން އޭގެބަދަލުގައި އަޅުގަނޑުމެންނަށް ލިބޭނީ ކޮންކަމެއްތޯއެވެ." ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ޖަވާބު ދެއްވިއެވެ. "ސުވަރުގެއެވެ."
ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ދެއްވި ޖަވާބުފުޅުން އަންޞާރުންގެ ހިތްޕުޅުތައް އުފާފުޅުން ފަރިވެފޮޅުނެވެ. ނަމަވެސް އުފަލާއި ލޯތްބަކީ ފިލައިހިނގައިދާނެތީއާއި ބީވެދާނެތީ ބިރުގަންނަ ކަންކަމެވެ. ޝައްކު އުފައްދާ ކަންކަމެވެ. އަނެކަކަށް އެކަންކަން ލިބިދާނެތީ ހަހުރަކުރެވޭ ކަންކަމެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ދުވަހަކުކޮޅުންވެސް އެބޭކަލުންނާ ވަކިވެވަޑައިގެންނެވުމަކީ އަންޞާރުންގެ ހިތްޕުޅުތަކަށް ބަރުދާސްކުރެއްވޭފަދަ ކަމަކަށް ނުވެއެވެ. އެމާތް ސާހިބާގެ ޙަޔާތްޕުޅުގެ އެއްވެސް މަރުޙަލާއެއްގައި ޔަޘްރިބު ދޫކޮށްލައްވައިފައި އަލުން މައްކާއަށް ބަދަލުވެވަޑައިގަންނަވާކަށެއް އެބޭކަލުން ރުހިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އަންޞާރުން ސުވާލުކުރެއްވިއެވެ. "ކަލޭގެފާނަށް ބާރާއި ވެރިކަން ލިބިވަޑައިގެންނެވުމުން އަޅުގަނޑުމެން ދޫކޮށްލައްވައިފައި ވަޑައެއް ނުގަންނަވާނުތޯއެވެ؟"
އިތުރު ސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ޖަވާބު ދެއްވިއެވެ. "އާނއެކެވެ. އަހުރެންގެ ދިރިހުރުމާއި މަރުވެދިޔުން ވާނީ ތިޔަބައިމީހުންނާ އެކުގައެވެ." ބައެއް ރިވާޔަތްތަކުގައިވާގޮތުން މިދަންނަވާ ގޮތަށްވެސް ޙަދީޘްކުރެއްވިއެވެ.
"ތިޔަބައިމީހުންގެ ލެޔަކީ އަހުރެންގެ ލެއެވެ. ތިޔަބައިމީހުންނަކީ އަހުރެންގެއެވެ. އަހުރެންނަކީ ތިޔަބައިމީހުންގެއެވެ. އަހުރެންނަކީ ތިޔަބައިމީހުންކުރެ އެކަކީމެވެ. ތިޔަބައިމީހުންގެ ޞުލްޙައަކީ އަހުރެންގެ ޞުލްޙައެވެ."
ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ އެ ޖަވާބުފުޅު ހިމެނުނީ އަންޞާރުންގެ ޝައުޤުވެރިކަމުން ފުރިފައިވާ ހިތްޕުޅުތަކަށް ލިބިވަޑައިގެންނެވި ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއް ކަމުގައެވެ. ފިނިކަމެއް ކަމުގައެވެ. އެ ހިތްޕުޅުތަކުގައި އުފާވެރިކަމުގެ ރާޅުބާނިތަކެއް ދުއްވައިގަތުމުގެ ސަބަބެއްކަމުގައެވެ. އެބޭކަލުން އެއްބޭކަލަކަށްވުރެ ކުރީން އަނެއްބޭކަލަކު ބައިޢަތުހިއްޕަވާން އަވަސްވެވަޑައިގެންނެވިއެވެ. އެންމެފުރަތަމަ ބައިޢަތުހިއްޕެވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ بـــــرّاء بـــن مـعـــــــرور رضـــــى اللّــــه عــنـــــه އަށެވެ. ބައެއް މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި ބައިޢަތުގައި ހިމެނޭ މާއްދާތަކަކީ ނުވަތަ އިޤްރާރުތަކަކީ ތިރީގައި މިދަންނަވަނީއެވެ.
- ހިތްރުހޭ ކަންކަމާއި ހިތްނުރުހޭ ކަންކަމުގައި ކިޔަމަންތެރިވުމަށާއި،
2. އަތްމަތި ދަތިކަމުގައްޔާއި ތިޔާގިކަމުގައިވެސް ހެޔޮކަންކަމަށް ޚަރަދުކުރުމަށާއި،
3. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަށާއި،
4. މާތް اللّــــه ގެ މަގުގައި ގޮވައިލެވިއްޖެ ކޮންމެ ހިނދަކު ތެދުވެ އިޖާބަދިނުމަށާއި،
5. މާތް اللّــــه ގެ މަގުގައި ކުރާ އެއްވެސް ކަމެއްގައި މަލާމާތްކުރާ މީހެއްގެ މަލާމާތަށް ބިރު ނުގަތުމަށާއި،
6. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ފައިންޕުޅު ބީއްސެވުމުން އެބޭކަލުންގެ އަމިއްލަފުޅު ހަށިކޮޅުތަކާއި އަހުލުޢިޔާލުން ރައްކައުތެރިކުރައްވާ ފަދައިން ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އާއި އެކަލޭގެފާނުގެ އެކުވެރީން ޙިމާޔަތްކުރެއްވުމަށާއި މިކަންކަމުގެ މައްޗަށެވެ.
ޝަރީކު ނުކުރުމާއި، ޒިނޭ ނުކުރުމާއި، ވައްކަން ނުކުރުމާއި، ދަރީން (އަންހެން ދަރީން) ޤަތުލު ނުކުރުމާއި، ދޮގު ވާހަކަތައް ހަދަހަދައިގެން ނުފެތުރުންވެސް ބައެއް އެހެނިހެން ރިވާޔަތްތަކުގައި ހިމެނިފައިވެއެވެ.
އަންޞާރުންގެ ކުރިޔަށް ތިއްބެވި ބޭކަލުންގެ ވާހަކަފުޅާއި ބައިޢަތުގެ ސިލްސިލާ ކުރިޔަށް ދަނިކޮށް ســعــد بـــن زُرارة رضـــــى اللّــــه عــنــــه ކުރިޔަށް ނުކުމެވަޑައިގެން އަންޞާރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޚުންނޭވެ! އަދި އިހަށް މަޑުކުރައްވާށެވެ! ތިޔަބޭކަލުން ތިޔަ ބައިޢަތުހިއްޕަވަނީ ކޮންކަމަކަށްކަން އެނގިވަޑައިގަންނަވާތޯއެވެ؟ މިއީ، ޢަރަބީންނާއި ޢަޖަމީންނާއި އެންމެހައި އިންސީންނާއި ޖިންނީންނާ ހަނގުރާމަކުރުމުގެ މައްޗަށް ހިފެވޭ ބައިޢަތެކެވެ." ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހައި ބޭކަލުން އެއްއަޑުފުޅަކުން ވިދާޅުވިއެވެ. "އާދޭހެވެ! އަޅުގަނޑުމެން މި ބައިޢަތުހިފަނީ ތިޔަކަންކަމުގެ މައްޗަށެވެ." ޚާއްޞަކޮށް أبـــو الــهـيثــــم بــــن الــتّــيـهـــان ހަރުއަޑުފުޅުން ވިދާޅުވިއެވެ. "އަހަރެމެން މިމާތް ސާހިބާ މި ގަބޫލުކުރަނީ މުދަލަށް މުސީބާތްޖެހުމާއި، މާތް މީހުން މިކަމާހުރެ ޤަތުލުވުމުގެ މައްޗަށެވެ."
ســعــد އާއި أبـــو الــهـيثــــم (رضـــــى اللّــــه عــنـــهـمــــا) ގެ މިވާހަކަފުޅުން ހާމަވަނީ އިސްލާމީ އިންޤިލާބީ ރޫޙަކީ ކޮބައިކަން ބައެއް މީހުންނަށް ތަންކޮޅެއް ޖުމުލަގޮތަކަށް ވިސްނިފައި އޮތްކަމުގައިވިޔަސް އޭރުގެ ޢަރަބީންގެ ސިޔާސީ ބޭކަލުންގެ ދުރުވިސްނުންފުޅަށް އެކަން ފުރިހަމަޔަށް ހާމަވެފައިވާކަމެވެ. އިސްލާމީ އިންޤިލާބުގެ ތަޙުރީކަކީ ޙަޤީޤަތުގައިވެސް މުލްޙިދުންނާއި، ބުދަށް އަޅުކަންކުރާ މުޝްރިކުންނާއި، ނިކަމެތީންގެ ކިބައިން ހުއްދަނޫން ފައިދާ ހޯދަމުންގެންދާ ފަރާތްތަކަށް ޖަހައިލެވުނު ގޮންޖެހުމެކެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް އިޢުލާނުކުރެވުނު ހަނގުރާމައިގެ އިޢުލާނެކެވެ. މުސްލިމުންގެ ކިބައިގައި ޙަޤީޤީ އިސްލާމީ ރޫޙެއް ހުރެއްޖެ ކޮންމެ ހިނދަކު ވަގުތުގެ ފިރުޢައުނުންނާއި ހާމާނުންނާއި ޤާރޫނުންނާއި ނަމްރޫދުން މުސްލިމުންދެކެ ބިރުން ރޫރޫއަޅަނީ އެހެންވެގެންނެވެ.
އިސްލާމްދީނަކީ އެދީނުގެ ފިޠުރަތަށް ބަލާއިރު ތައުޙީދުގެ ދީނެވެ. ކޮންމެ ގޮތެއްގައިވެސް ތައުޙީދަކީ ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ ހަތުރެކެވެ. ހެވާއި ނުބައިގައި، އަލިކަމާއި އަނދިރިކަމުގައި، ރީއްޗާއި ހުތުރުގައި ހުންނަ ތަފާތު، އިސްލާމްދީނާއި ޝިރުކާ ދެމެދުގައި އެބަހުއްޓެވެ. ފިއުޑަލިޒަމް ކަމުގައިވިޔަސް، ކެޕިޓަލިޒަމް ކަމުގައިވިޔަސް، ފިރުޢައުނާއި ހާމާނުގެ ހޭޑިފޭޑީގެ ވެރީންގެ ވެރިކަމުގެ ނިޒާމު ކަމުގައިވިޔަސް މިއިން ކޮންމެ ނިޒާމަކީވެސް އިސްލާމީ ނިޒާމާ ދުޝްމިނު ނިޒާމެކެވެ. އެކަން އޮތީ އެގޮތަށެވެ. އަބަދުވެސް އޮންނާނީވެސް އެގޮތަށެވެ.
ތެދުފުޅެކެވެ. އަޅުގަނޑު އިންސާފުކުރާން ގަލަންނެގި މައިގަނޑު ނަމާ ތަންކޮޅެއް ފޭއަށް ޖެހެވިއްޖެއެވެ. އެހެންކަމުން އަލުން އެނބުރި މައުޟޫޢާ ކައިރިއަށް ޖެހިލައި މިސްރާބު ސީދާކުރަމުން ދަންނަވަމެވެ. ޢަޤަބާގެ ތާރީޚީ ދެވަނަ ބައިޢަތު ނުވަތަ ތިންވަނަ ބައިޢަތު ހިއްޕަވައި ނިމިއްޖެއެވެ. އިސްލާމީ އިންޤިލާބުގެ ތަޙުރީކު މަދީނާއަށް ބަދަލުކުރެއްވުމުގެ މުޢާހަދާގައި ސޮއިކުރެއްވިއްޖެއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ދެން އެނބުރިވަޑައިގެންނެވީ އަންޞާރުންގެ ތެރެއިން ވެރީން ޢައްޔަން ކުރައްވާށެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. مــــوســــى ގެފާނު ބަނީއިސްރާއީލުގެ މައްޗަށް ވެރީން ލެއްވިފަދައިން އަހުރެންވެސް ޔަޘްރިބުގެ މުސްލިމުންގެ މައްޗަށް ތިޔަބޭކަލުންގެ ތެރެއިން ވެރީން ލައްވާހުށީމެވެ. ތިޔަބޭކަލުންގެ ތެރެއިން ބާރަ ނަޤީބުން އިންތިޚާބުކޮށްދެއްވާށެވެ. އެބަޔަކު ވާންޖެހޭނީ ޤައުމުގައި އެބަޔެއްގެ ބަސްވިކޭ މީހުން ކަމުގައެވެ. ޤައުމުގެ ކަންތައްތައް ޙައްލުކުރެވޭފަދަ ލަޔާޤަތަކާއި ޤާބިލިއްޔަތުހުރި ހަރުދަނާ ބަޔަކު ކަމުގައެވެ. މިއީ މުސްލިމުން އެބައިމީހުންގެ މަންދޫބުން ހޮވާންވީ ގޮތާމެދު ދެއްވި ދާއިމީ އިރުޝާދެކެވެ. ނަޤީބުންގެ ޢަދަދު ކަނޑައެޅުއްވީ خـــــزرج ވަންހައާއި أوس ވަންހައިގެ އާބާދީގެ ނިސްބަތުންނެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
ކޮމެންޓް