(20 ނޮވެންބަރުގެ އަދަދާ ގުޅޭ)
ކުއްލިޔަކަށް ޝަކުންތަލާގެ މޫނުފުޅު ކޯފާގެ ސަބަބުން ރަތް ވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ބޭބޭފުޅަކީ ތިޔަ ކަހަލަ ބޭފުޅެއް ނޫނެވެ. އޭނާ މުސްލިމުންގެ އެހީގައި ދުނިޔޭގައި ހުންނެވުމުގެ ބަދަލުގައި ތަރުޙީބު ދެއްވާނީ މަރަށެވެ."
ގުލާބުޗަންދު ހަމަޖެހިވަޑައިގަތުމާ އެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ތިޔަ ބޭފުޅާގެ ބޭބޭފުޅަށް އިހާނެތި ބަހެއް ދެންނެވީއެއް ނޫނެވެ. އޭނާގެ ބަދަލުގައި އަޅުގަނޑު ހުރި ނަމަ، އެފަދަ ޙާލާތެއް ކުރިމަތި ވުމުން އަޅުގަނޑު ވެސް ހަދާނީ އެހެންނެވެ. ނަންދުނާގެ ކިއްލާގެ ވެރިޔާ އަކީ ކޮންމެ މީހަކުމެ އެއީ އެމީހެއްގެ ރަޙުމަތްތެރިއެއް ކަމުގައި ބަލާނެ ބޭފުޅެކެވެ. ތިޔަ ބޭފުޅާ ނަންދުނާގެ ކޮންމެ ޤައިދީއެއްގެ ގާތުން އޭނާގެ ވާހަކަ އައްސަވައިލެއްވި ކަމުގައި ވިޔަސް ދަންނަވާނީ އޭނާއަކީ އިންސާނެއް ނޫންކަމަށެވެ. ދޭވަތާއެއް ކަމުގައެވެ. ތިޔަ ބޭފުޅާގެ ބޭބޭފުޅު އާލާސްކަންފުޅާ އުޅުއްވި އިރު އޭނާ ކޮންމެ ދުވަހަކު ބޭބޭފުޅުގެ ޙާލުކޮޅު ބައްލަވާން ވަޑައިގަންނަވައެވެ. އެ އާލާސްކަންފުޅުގެ ތެރޭގައި ތިޔަ ބޭފުޅާގެ ބޭބޭފުޅު ދިރިއުޅުއްވުން ދެކެ ފޫހިފުޅު ވިއެވެ. ތިޔަ ބޭފުޅާގެ ބޭބޭފުޅުގެ ހިތްޕުޅުގައި ދުނިޔޭގައި ހުންނެވުމުގެ ޝައުގު އުފެއްދެވީ އޭނާއެވެ. އެހެންކަމުން، ތިޔަ ބޭފުޅާ ތިޔަ ވިދާޅުވި ފަދަ ގޮތެއް ދިމާ ވުމުން ބޭބޭފުޅު އެތަނަށް ވަޑައިގަތުމަކީ ޢަޖާއިބު ވާންވީ ކަމެއް ނޫނެވެ. އަޅުގަނޑަށް ޔަޤީނެވެ. ނަންދުނާގެ ކިއްލާގެ ކޮމާންޑަރު ދެކެފައި ވާ މީހުންގެ ތެރެއިން ގިނަ މީހުން ދެވަނަ ފަހަރަކަށް މުސްލިމުންނާ ދެކޮޅަކަށް ކަނޑިޔަކު އަތެއް ނުލާނެއެވެ."
ޝަކުންތަލާ ވިދާޅުވިއެވެ. "ބޭބޭފުޅު ނަންދުނާއަށް ވަޑައިގެން ނަންދުނާގެ ކޮމާންޑަރު އޭނާއަށް އެހީ ވެވަޑައިގެންދެއްވި ނަމަ، އޭނާއަށް މިހައިތަނަށް އަޅުގަނޑުމެންގެ ރަށަށް ވަޑައިގެންނެވޭން ވާނެއެވެ. ނަމަވެސް ދާދި ފަހުން ކީދާރުނާތު ބޭބެ އެ ރަށަށް ދުރުވިއެވެ. އޭނާއަކަށް ބޭބެގެ އެއްވެސް ޚަބަރެއް ނުވިއެވެ."
ގުލާބުޗަންދު ވިދާޅުވިއެވެ. "އަޅުގަނޑު އޭނާ އެތަނަށް ވަޑައިގަންނަވާނެކަމަށް ޔަޤީންކަމާ އެކުގައި ދެންނެވީކީއެއް ނޫނެވެ. އޭނާ ކޮންމެވެސް ރަޙުމަތްތެރިއެއްގެ ގެއަށް ވަޑައިގަތީކަމަށް ވުމާއި، އޭނާގެ ރަށް ދުޝްމަނުންގެ ވަކިތަކުން ސަލާމަތް ކުރެއްވުމަށް ޓަކައި އެކަށޭނަ ވަގުތަކަށް އިންތިޒާރު ކުރައްވަނީ ކަމުގައި ވެސް ވެދާނެއެވެ. ކޮންމެއަކަސް އޭނާ ދުނިޔޭގައި ހުންނެވި ކަމުގައި ވާނަމަ، ކޮންމެވެސް ދުވަހަކުން ތިޔަ ބޭފުޅުންގެ ރަށަށް ވަޑައިގަންނަވާނެއެވެ. ބޭނުން ވެއްޖެ ނަމަ، ޚުދު އަޅުގަނޑު އޭނާ ހޯދާން ދާނަމެވެ."
+ + + +
سلطان محمود ކަލަންޖަރުގެ ރަސްގެފާނު ބަލި ކޮށްލެއްވި ފަހުން، އޭނާގެ ތަނަވަސް ރަސްކަމުގެ އުތުރުގެ ޤައުމުތަކުގެ ޙާލަތު، އޭނާ ދެކުނު ފަރާތުން ކުރިޔަށް ވަޑައިގަތުމުގެ ފުރުޞަތެއް ނުދިނެވެ. އޭނާއަށް ކުއްލިޔަކަށް ޖެހިވަޑައިގެންނެވީ އެނބުރި ވަޑައިގަންނަވާށެވެ. ރާޖާގުންޑާ މައިދާނުން ފިލައިވަޑައިގެންނެވި ކަމުގައި ވިޔަސް، މާ ބޮޑަށް އޭނާގެ ހިތްވަރުފުޅު އެލޭވަރުގެ ޢަސްކަރީ ގެއްލުމެއް އޭނާއަކަށް ލިބިވަޑައެއްނުގަންނަވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކަލަންޖަރުގެ ކިއްލާއަކީ މިހާރު ވެސް ފަތަޙަ ނުކުރެވޭނެ ތަނެކެވެ. އެހެންކަމުން، سلطان محمود އެނބުރި ވަޑައިގެންނެވުމުން އޭނާ އަނެއްކާވެސް މުސްލިމުންނާ ދޭތިން އެކައްޗަށް ހަނގުރާމަ ކުރައްވާން ތައްޔާރު ކުރައްވާން ފަށްޓަވައިފިއެވެ.
عبدالواحد އަދިވެސް ހުންނެވީ ގުނޫޖުގައެވެ. ގަވަރުނަރެއްގެ ޙައިޘިއްޔަތަށް ވުރެ ބޮޑަށް އޭނާ މަސައްކަތްޕުޅު ކުރައްވަނީ އިސްލާމް ދީނަށް ގޮވައިލައްވާ ބޭފުޅެއްގެ ގޮތުންނެވެ. އޭނާގެ މަޤްޞަދަކީ ގުނޫޖުގެ އަހުލުވެރީންގެ ހިތުގައި سلطان محمود ގެ ހައިބަތާއި ކީރިތިމޫރިތިކަން އަށަގެންނެވުމެއް ނޫނެވެ. އެމީހުންގެ ތެރެޔަށް ސިކުނޑީގެ އިންގިލާބެއް ގެންނެވުނެވެ. عبدالواحد ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ އިންގިލާބަކާ ނުލައެއް އިންޑިޔާގެ އަހުލުވެރީންނަކަށް ސަލާމަތެއް ނެތެވެ.
ޝާހީ ޢާއިލާގެ ވެރިކަން ނިމުމަށް ފަހު ގުނޫޖުގެ ގިނަ އަމީރުން މުސްލިމުންނަށް ކިޔަމަން ވެވަޑައިގެންފިއެވެ. ބައެއް ބޭފުޅުން ކަލަންޖަރުގެ ރަސްގެފާނު އެ ބޭފުޅުންގެ މުސްތަޤުބަލުގެ އުއްމީދެއް ކަމުގައި ބައްލަވައިގެން ވެސް ތިއްބެވިއެވެ. ނަމަވެސް ރާޖާގުންޑާ ބަލިފުޅު ވުމުން، އެ ބޭފުޅުން ވެސް އެއް ބޭފުޅަކަށް ފަހު އަނެއް ބޭފުޅަކު عبدالواحد ގެ އަރިހަށް ވަޑައިގެން މުސްލިމުންނަށް ކިޔަމަންތެރިކަން އަދާ ކުރައްވާން ފަށްޓަވައިފިއެވެ. سلطان محمود ރާޖާގުންޑާ އާއި އޭނާގެ އެކުވެރީންނަށް އެންމެ ފަހުގެ ޙަމަލަ ދެއްވާން ވަޑައިގަންނަވާނެކަން އެ ބޭފުޅުންނަށް ޔަޤީން ވެވަޑައިގަންނަވައެވެ.
عبدالواحد ގުނޫޖުގެ ނުފޫޒު ހުރި ފަރާތްތަކަށް އަންގަވަނީ އެ ފަރާތްތަކުން سلطان محمود ގެ ރުހިވަޑައިގަތުން ހޯއްދެވުމަށް ޓަކައި ހަމައެކަނި ދޫފުޅުން ކިޔަމަންތެރިކަން ފާޅު ކުރެއްވުމަކުން ނުފުދޭނެ ކަމުގައެވެ. އަދި ކީއްތޯއެވެ. އެކަމަށް ޓަކައި ރައްޔިތުންގެ ތާއީދު ވެސް ބޭނުންފުޅު ވާނެ ކަމުގައެވެ. އެހެން ނޫނީ އެ ބޭފުޅުންނަށް ވެރިކަމުގައި ނުތިއްބެވޭނެ ކަމުގައެވެ. سلطان محمود ގެ ދަރުބާރުގައި މޮޅު މީހުންނާއި ދެރަ މީހުންގެ އެއްވެސް ތަފާތެއް ނުހުންނާނެ ކަމުގައެވެ. އޭނާ ޤަބޫލު ކުރައްވާ އަޚްލާޤީ ޤާނޫނު އިންސާނުން މިނިކާވަގަށާއި، ގެރިބަކަރި ބައިބައިގަނޑަށް ބައި ކުރާ މުޖުތަމަޢެއް ޤަބޫލު ނުކުރާ ކަމެވެ.
ގުނޫޖުގެ އަމީރުން މަސައްކަތް ކުރައްވަމުން ގެންދެވީ ޢާއްމުންނަށް ވުރެ ބޮޑަށް عبدالواحد ގެ ތާއީދު ހޯއްދަވާށެވެ. އޭނާ މެދުވެރި ކުރައްވައި سلطان محمود ގެ ރުހިވަޑައިގަތުން ހޯއްދަވާށެވެ. އެކަމަށް ޓަކައި އެ ބޭފުޅުން ގެންދެވީ ރައްޔިތުންގެ ރަޙުމަތްތެރިކަން ހޯއްދެވުމުގައި އެއް ބޭފުޅަކަށް ވުރެ އަނެއް ބޭފުޅަކު ކުރި އަތުލައްވާށެވެ. عبدالواحد ގުނޫޖުގެ ހުރިހައި ކަންކޮޅުތަކަށް ވަޑައިގަންނަވައެވެ. ޢާއްމުންގެ ޝަކުވާތައް އަޑު އައްސަވައެވެ. އަމީރުންނަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު ވިސްނަވައިދެއްވައެވެ. އިސްލާމް ދީން ފަތުރާން މަސައްކަތް ކުރާ މީހުން (އޭގެ ތެރޭގައި ބައެއް ހިންދީ އައު މުސްލިމުން ވެސް ހިމެނެއެވެ) ގުނޫޖުގެ ކޮންމެ ރަށަކާއި ކޮންމެ އަވަށަކަށް އިސްލާމް ދީނުގެ މެސެޖު ރައްދު ކުރަމުން ގެންދެއެވެ. عبدالواحد އެކޭ އެއްގޮތަށް އެބައިމީހުން ވެސް ޢާއްމުންގެ ޝަކުވާތައް އަޑު އަހައި އިޞްލާޙު ވެވަޑައިނުގަންނަވާ އަމީރުންގެ ކިބައިން ޢާއްމުންގެ ޙައްޤުތައް އަތުލައިދެއެވެ. އެހެންކަމުން، ނިކަމެތީންނާއި ދަށް ނަސްލުތަކުގެ މީހުންނަށް، ޤަރުނުތަކަކަށް ފަހު އެބައިމީހުންނަށް ޢަދުލުއިންޞާފުގެ ދޮރު ހުޅުވެމުން ދާކަން އެނގޭން ފަށައިފިއެވެ. މަތީ ފަންތީގެ ސުންޕާ ކިއްލާތައް ފުނޑުފުނޑު ވަމުންދާކަން އެނގޭން ފަށައިފިއެވެ. ޖިފުޓިތަކުގައި ދިރިއުޅޭ މީހުންގެ ހިތްތަކުގައި އިންސާނީ އުޚުއްވަތާއި މުސާވާތުގެ ޝުޢޫރު އުފެދެމުން ދާން ފަށައިފިއެވެ. ދޭވަތާއިންގެ ބިމުގައި އަޗޫތުންނަށް އެބައިމީހުންނަކީ ވެސް އިންސާނުންކަން އެންމެ ފުރަތަމަ ފަހަރަށް އިޙުސާސް ވާން ފަށައިފިއެވެ.
ނަމަވެސް ދުވަސްކޮޅެއްގެ ފަހުން މި އާ ހެއިލުންތެރިކަމުގެ ރާޅާ އިދިކޮޅު ޢަމަލުތައް ހިނގައިގެންފިއެވެ. ހަމައެކަނި ވެރިކަމުގެ ތަޚުތުގައި ތިއްބެވުމުގެ ބޭނުންފުޅުގައި މުސްލިމުންނަށް ކިޔަމަންތެރިކަން ފާޅު ކުރެއްވި ބޭފުޅުންނަށް މަޑުމަޑުން އިޙުސާސް ވެވަޑައިގަންނަވަމުން ދިޔައީ، އަލަށް މި އުފެދެމުންދާ ޝުޢޫރަކީ އެ ބޭފުޅުންގެ ނަސަބުގެ މަތިވެރިކަމާ ދެކޮޅަށް ކުރެވޭ ބަޣާވާތެއްގެ ފެށުން ކަމުގައި ވެދާނެކަމެވެ. އެ ބޭފުޅުން ހެދިފޯދުމުގެ ފުރުޞަތު ދެއްވާ އިންސާނުން ކޮންމެވެސް ދުވަހަކުން މަނޫޖީގެ މުޖުތަމަޢުގެ ދޭވަތާއިންތަކަށް ގޮން ޖަހާނެކަމެވެ. ތިމާމެންގެ މަތިވެރިކަމުގެ ސިއްރަކީ އަޗޫތުން ނިކަމެތި ކޮށްފައި ބައިތިއްބުން ކަމުގައި ދެކޭ ބުރަހުމަނުން ރާޖުޕޫތު އަމީރުންނަށް ވުރެ މާ ބޮޑަށް ދުރަށް ވިސްނައެވެ. ވައިރޯޅި އަރާން އުޅޭ މިސްރާބު އެމީހުން ވަރަށް ކުރީން ފާހަގަ ކޮށްފިއެވެ. އެމީހުން އަމީރުންގެ އަރިހަށް ގޮސް އެ ބޭފުޅުންގެ އަރިހުގައި ދަންނަވާން ފަށައިފިއެވެ. ތިޔަ ބޭފުޅުންގެ ވެރިކަމުގެ ދައުރު ނިމޭން އުޅެނީއެވެ. ތިޔަ ބޭފުޅުން މި ޤައުމުގައި މުސްލިމުންގެ ދީން ފެތުރުމުގެ ފުރުޞަތު ދެއްވައިފި ކަމުގައި ވާނަމަ، ކޮންމެވެސް ދުވަހަކުން ތިޔަ ބޭފުޅުން ތިޔަ ތިއްބަވާ އުސް ގަނޑުވަރުތަކުން ބޭރަށް ނެރެ އަޗޫތުންނާ އެއް ސަފަކަށް ގެންދާނެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ސަމާލު ވެވަޑައިގަންނަވާށެވެ. ތިމާމެންގެ ދީނުގެ ދުޝްމަނުންނަށް ކުރިއެރުމާއި ތަރައްޤީ ވުމުގެ ފުރުޞަތު ނުދެއްވާށެވެ. ކަލަންޖަރުގެ ރަސްގެފާނު މުސްލިމުން މި ޤައުމުން ނެރުއްވައި ހިކި ފަތްތަކެއް ފަދައިން ބުރުއްސައިލެއްވޭވަރުގެ ލަޝްކަރެއް އެބަ ތައްޔާރު ކުރައްވައެވެ. ތިޔަ ބޭފުޅުން މި ދެންނެވި ދޭތިން އެކައްޗަށް ކުރެވޭ ހަނގުރާމައިގައި ރަސްގެފާނާ ބައިވެރި ވެވަޑައިގަންނަވާން ތައްޔާރަށް ތިއްބަވާށެވެ.
ބުރަހުމަނުންގެ މި ޙަރަކާތުގެ ސަބަބުން، ގުނޫޖުގެ ވަރަށް ގިނަ އަމީރުން އަނެއްކާވެސް ރާޖާ ގުންޑާއާ އެ ބޭފުޅުންގެ މުސްތަޤުބަލް ގުޅުވައިލައްވައިފިއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
ކޮމެންޓް