(23 ނޮވެންބަރުގެ އަދަދާ ގުޅޭ)

ތެދުފުޅެކެވެ. އަޅުގަނޑު އިންސާފުކުރާން ގަލަންނެގި މައިގަނޑު ނަމާ ތަންކޮޅެއް ފޭއަށް ޖެހެވިއްޖެއެވެ. އެހެންކަމުން އަލުން އެނބުރި މައުޟޫޢާ ކައިރިއަށް ޖެހިލައި މިސްރާބު ސީދާކުރަމުން ދަންނަވަމެވެ. ޢަޤަބާގެ ތާރީޚީ ދެވަނަ ބައިޢަތު ނުވަތަ ތިންވަނަ ބައިޢަތު ހިއްޕަވައި ނިމިއްޖެއެވެ. އިސްލާމީ އިންޤިލާބުގެ ތަޙުރީކު މަދީނާއަށް ބަދަލުކުރެއްވުމުގެ މުޢާހަދާގައި ސޮއިކުރެއްވިއްޖެއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ދެން އެނބުރިވަޑައިގެންނެވީ އަންޞާރުންގެ ތެރެއިން ވެރީން ޢައްޔަން ކުރައްވާށެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. مــــوســــى ގެފާނު ބަނީއިސްރާއީލުގެ މައްޗަށް ވެރީން ލެއްވިފަދައިން އަހުރެންވެސް ޔަޘްރިބުގެ މުސްލިމުންގެ މައްޗަށް ތިޔަބޭކަލުންގެ ތެރެއިން ވެރީން ލައްވާހުށީމެވެ. ތިޔަބޭކަލުންގެ ތެރެއިން ބާރަ ނަޤީބުން އިންތިޚާބުކޮށްދެއްވާށެވެ. އެބަޔަކު ވާންޖެހޭނީ ޤައުމުގައި އެބަޔެއްގެ ބަސްވިކޭ މީހުން ކަމުގައެވެ. ޤައުމުގެ ކަންތައްތައް ޙައްލުކުރެވޭފަދަ ލަޔާޤަތަކާއި ޤާބިލިއްޔަތުހުރި ހަރުދަނާ ބަޔަކު ކަމުގައެވެ. މިއީ މުސްލިމުން އެބައިމީހުންގެ މަންދޫބުން ހޮވާންވީ ގޮތާމެދު ދެއްވި ދާއިމީ އިރުޝާދެކެވެ. ނަޤީބުންގެ ޢަދަދު ކަނޑައެޅުއްވީ خـــــزرج ވަންހައާއި أوس ވަންހައިގެ އާބާދީގެ ނިސްބަތުންނެވެ.

އެގޮތުން خـــــزرج ވަންހައިގެ ނުވަ ބޭކަލުންނަށާއި أوس ވަންހައިގެ ތިން ބޭކަލުންނަށް ނަޤީބުކަމުގެ ޝަރަފު ލިބިވަޑައިގެންނެވިއެވެ. خـــــزرج ވަންހައިން ނަޤީބުކަމަށް ހޮވިވަޑައިގެންނެވި ނުވަ ބޭކަލުންނަކީ:

1. أسعــد بـــن زُرارة بـــن عــدس

(އެކަލޭގެފާނުގެ ވާހަކަ އިސްވެދިޔަ ޞަފްޙާތަކުގައި އަޅުގަނޑު ވާނީ ބަޔާންކޮށްފައެވެ. އެކަލޭގެފާނަކީ މުސްލިމުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވައި އުޅުއްވި ބޭކަލެކެވެ.)

2. سـعــــد بـــن الـــرّبـيــع بـــن عَــمـــــرو (އެކަލޭގެފާނަކީ އުޙުދުގެ ޝަހީދެކެވެ.)

3. عــبــداللّــــه بـــن رواحــــة بـــن ثــعــلــبــة (އެކަލޭގެފާނަކީ މަޝްހޫރު ޝާޢިރެކެވެ. ޝަހީދުވީ މުއުތާގެ ހަނގުރާމައިގައެވެ.)

4. ســعـــد بــــن عُــبــــادة بــــن ولـــيـــم (ޤަދަރުހުރި އަދި މަޝްހޫރު ޞަޙާބީއެކެވެ. ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ސުވަރުގެ ވަޑައިގެންނެވުމުން ޚަލީފާއަކު ޢައްޔަންކުރައްވާން ސަޤީފާބަނީސާޢިދާގައި ޞަޙާބީން ބޭއްވެވި ޖަލްސާގައި އެންމެފުރަތަމަ ޚަލީފާކަމަށް ދަޢުވާކުރެއްވީ ނުވަތަ އަންޞާރުން އެމަޤާމަށް ހުށަހެޅުއްވީ އެކަލޭގެފާނެވެ. الخــلـفــاء الـــرّاشــــدون ގެ ދައުރު ފެށުމުން އެކަލޭގެފާނު ވަނީ މަދީނާ ދޫކުރައްވައި ޝާމްކަރަޔަށް ވަޑައިގެންފައެވެ. އެކަލޭގެފާނު އަވަހާރަވީ ޝާމްކަރައިގައެވެ. عــمــــــر ގެފާނުގެ ޚިލާފަތުގެ ދުވަސްވަރުއެވެ.)

5. مــنـــذر بــــن عـــمــــــرو بــــن خُـنَـيـس )ޝަހީދުވީ ބިއުރު މައޫނާގައެވެ.)

6. بـــــرّاء بـــن مـعـــــــرور بـــن صخــــــر )ޢަޤަބާގެ ދެވަނަ ނުވަތަ ތިންވަނަ ބައިޢަތުގައި އަންޞާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ވަނީ ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ވަޑައިގެންނެވުމުގެ ކުރީން އަވަހާރަވެފައެވެ.)

7. عــبـــداللّــــه بــــن عَـــمــــــرو بـــن حــــــرام )އެކަލޭގެފާނަކީ އުޙުދުގެ ޝަހީދެކެވެ.)

8. عُــبــــادة بـــن صــامت بـــن قـيـس )މަޝްހޫރު ޞަޙާބީއެކެވެ. ވަރަށްގިނަ ޙަދީސު ރިވާކުރެއްވި ބޭކަލެކެވެ.)

9. رافـــع بـــن مـــالـك بـــن عجــلان (رضـــــى اللّــــه عــنـــــهــم - އެކަލޭގެފާނަކީ އުޙުދުގެ ޝަހީދެކެވެ.)

أوس ވަންހައިގެ ނަޤީބުންނަކީ:

1. أُسَـيــد بـــن حُـضَــيــــر (ބުޢާޘު ހަނގުރާމައިގައި أوس ވަންހައިގެ ކޮމާންޑަރަކީ އެކަލޭގެފާނުގެ ބައްޕާފުޅެވެ. أُسَـيــد އަވަހާރަވީ عــمــــــر ގެފާނުގެ ޚިލާފަތުގައެވެ.)

2. أبـــو الــهـيثــــم بــــن الــتّــيـهـــان (އެކަލޭގެފާނު ޝަހީދުވީ ޞިއްފީނު ހަނގުރާމައިގައެވެ. އެކަލޭގެފާނު ހުންނެވީ عــلــــــى ގެފާނުގެ ފަރާތްޕުޅުގައެވެ.)

3. ســعـــد بــــن خـيـثــمـــة (ބަދުރީ ޝަހީދެއް، رضـــــى اللّــــه عــنـــــهــم)

މި ތިން ބޭކަލުންނެވެ.

އިތުރު ސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم މި ބާރަ ބޭކަލުންގެ ތެރެއިން ނަޤީބުންގެ ނަޤީބަކު ޚިޔާރު ކުރެއްވިއެވެ. އެމަގާމަށް ޚިޔާރުކުރެއްވީ، أسـعــد بـــن زُرارة رضـــــى اللّــــه عــنـــــه އެވެ. އިތުރު ސާހިބާ އެބޭކަލުންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. "عـيســـى ގެފާނު ޙަވާރީންނަށް ވެރިކަން ދެއްވި ފަދައިން ދީން ފެތުރުއްވުމާއި މުސްލިމުންގެ ކަންތައް އިންތިޒާމު ކުރެއްވުމަށް ތިޔަބޭކަލުންނަށް ވެރިކަން ދެއްވައިފީމެވެ. ތިޔަބޭކަލުންގެ ވެރިޔަކީ أسـعــد بـــن زُرارة އެވެ." އެބޭކަލުން ބައިއަތުން ނިމިވަޑައިގެންނެވުމާއެކު ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. މާތް اللّــــه ގަންދެމުއެވެ. މާދަމާގެ އިރު ދުނިޔެމައްޗަށް ފާޅުވުމާއެކު އަޅުގަނޑުމެން ކަނޑިތައް ހިފައިގެން ނުކުމެ މައްކާގެ އަހްލުވެރީންނާ ހަނގުރާމަ ފަށައިފާނޫއެވެ." ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘު ކުރެއްވިއެވެ. "ތިޔަބޭކަލުން ފޭލިގެތަކަށް ވަޑައިގެން އަރާމު ކުރައްވާށެވެ. އަދިޔެއް ތިޔަކަމުގެ އަމުރެއް ނާދެއެވެ." އެބޭކަލުން އެނބުރި ޔަޘްރިބަށް ވަޑައިގަތުމާއެކު އެރަށުގައި އިސްލާމީ ވެރިކަން ހިނގާން ފަށައިފިއެވެ.

މި ބައިޢަތާއި މުޢާހަދާއާ ބެހޭގޮތުން "އުދުހެމުންދިޔަ" ޚަބަރު قـــــريـش ންނަށް ލިބުނެވެ. އެ ޚަބަރާމެދު قـــــريـش ން ސަމާލުވިއެވެ. ނަމަވެސް އެބައިމީހުންނަކަށް ވަގުތުން އެމައްސަލަ ތަޙުޤީޤެއް ނުކުރެވުނެވެ. ޔަޘްރިބުގެ މީހުންކުރެން ޚަބަރު އަހައިލައި އޭގެތެރޭގައި ތިބި މުޝްރިކުން ބުނި ބުނުމުގެ މައްޗަށް ފުއްދައިލިއެވެ. އެބައިމީހުންނަށް ޙަޤީޤަތް އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އަންޞާރުންގެ ޤާފިލާ މައްކާއިން ފުރައިގެން މާދުރަށް ދަތުރުކޮށްފިއެވެ. ޤާފިލާއާ ވަކިވެ ފަހަތަށް ޖެހިވަޑައިގެންނެވުނު ދެބޭކަލުން ކަމުގައިވާ ســعـــد بــــن عُــبــــادة އާއި مُـــنــــذر بـــن عـــمـــــــرو އާ ދެބޭކަލުން (رضـــــى اللّــــه عــنــهـمـــا) ހައްޔަރުކޮށް އަނިޔާކޮށް ހެދިއެވެ. ނަމަވެސް جُـبــيـــر بـــن مطـعـــم އާއި حـــارث بـــن أمـــيّــــة މެދުވެރިވެގެން އެބޭކަލުން ދޫކޮށްލިއެވެ. އެ ދެމީހުން ވަނީ ޝާމްކަރަޔަށް ކުރާ ދަތުރުތަކުގައި ســعـــد بــــن عــبــــادة ގެ މެހްމާންދާރީ ހޯދައިފައެވެ. (حــــيــات محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم، ޑޮކްޓަރ محــمّــــدحَسَـنَــيْــنِ هـيـكـــل)

ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ޢަޤަބާގެ ދެވަނަ ނުވަތަ ތިންވަނަ ބައިޢަތު ނިމުމުން އިސްލާމީ ތަޙުރީކުގެ މުސްތަޤިއްލު މަރުކަޒަކަށް ޔަޘްރިބު ހެއްދެވުމުގެ ޤަރާރު ނެރުއްވައިފިއެވެ. އެކަމުގެ ފަތްތޫރަ ހިންގަވައިފިއެވެ. أبـــوبــكـــر ގެފާނާއި عــلــــــى ގެފާނާ ދެބޭކަލުން (رضـــــى اللّــــه عــنــهـمـــا) ފިޔަވައި މަދީނާއަށް ހިޖުރަޔަށް ވަޑައިގެންނެވުމުގެ އެކަށޭނަކަންހުރި ކޮންމެ ޞަޙާބީއަކަށާއި ޞަޙާބިއްޔާއަކަށް މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ހުއްދަ ދެއްވައިފިއެވެ.

މަދީނާގެ ޚާއްޞަކަން

ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ دارالـهـجــــرة ކަމުގައްޔާއި އިސްލާމީ ދަޢުވަތުގެ މަރުކަޒު ކަމުގައްޔާއި މުސްތަޤްބަލުގައި އުފައްދަވާ އިސްލާމީ ދައުލަތުގެ ވެރިރަށް ކަމުގައި އަލްމަދީނާ ހަމަޖެއްސެވުމަކީ އެރަށުގެ އަހްލުވެރީންނަށް ދެއްވި ތަކްރީމެކެވެ. ހަމައެޔާއެކު އެރަށް ޚިޔާރުކުރެއްވުމަކީ މާތް اللّــــه سبحـــانــــه وتــعــــالــــى ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެންނުވާ ސިއްރުތަކެއް އެކުލެވޭ ކަމެކެވެ. އޭގެތެރެއިން ބޭރުފުށުން ވިސްނައިގަނެވޭ އެއްކަމަކީ ޢަސްކަރީގޮތުންނާއި ޖޯގްރަފީގެގޮތުން އެރަށުގެ މުހިންމުކަމެވެ. އެރަށަކީ ރައްކައުތެރި ކިއްލާއެއްފަދަ ރަށެއްކަމެވެ.

މިގޮތުން ބަލާއިރު جــــزيـــــرة الــعـــــرب ގައި އެރަށާ ހަމައެޅޭފަދަ އެއްވެސްރަށެއް ނެތެވެ. ޚާއްޞަގޮތެއްގައި ކައިރި ހިސާބެއްގައި އެފަދަ އެހެން ރަށެއް ނެތެވެ. މަދީނާގެ ހުޅަނގުފަރާތާއި އިރުމަތީފަރާތުން އެދެ ފަރާތުގެ ދެ حـــــــرّة ވަނީ އެރަށް ޙިމާޔަތްކޮށްދީފައެވެ. އެދެތަނަކީ އަނދައިފައިވާ ތަރުތީބެއްނެތް ތޫނު ހިލަތަކުން އުފެދިފައިވާ ދެ ސަރަޙައްދެވެ. އަސްމަތީގައި ނުވަތަ ޖަމަލުމަތީގައި އެ ސަރަޙައްދު ގިރާކުރުމަކީ މުސްތަޙީލު ކަމެކެވެ. އަދި ކީއްތޯއެވެ. އެކަނި އެކަކު ނުވަތަ ވަކާފަކާއަށް ފައިމަގުގައި އަންނަ ބަޔަކަށްވެސް އެ ސަރަޙައްދު ހުރަސްކުރުންވަނީ އިންތިހާދަރަޖައިގެ މުޝްކިލު ކަމަކަށެވެ. ލާހިކު ނޫންކަމެއް ކަމުގައެވެ. ލަޝްކަރަކަށް މަދީނާއަށް ޙަމަލަދޭން އާދެވޭނީ ހަމައެކަނި އެރަށުގެ އުތުރުފަރާތުންނެވެ. އެފަރާތަކީ ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ހިޖްރައިން ފަސްވަނަ އަހަރު އަހްޒާބު ހަނގުރާމައިގެ ދުވަސްވަރު މަދީނާ ދިފާޢުކުރައްވާން ޚަންދަޤު ކޮންނެވި ފަރާތެވެ. މަދީނާގެ ދެކުނުފަރާތުންވެސް ހަނގުރާމަވެރި ބާރަކަށް އެރަށަކަށް ޙަމަލައެއް ނުދެވޭނެއެވެ. އެފަރާތްވަނީ ގޭގެއާއި ކަދުރު ދަނޑުތަކާއި ބަގީޗާތަކުން ވަށައިލެވި ޙިމާޔަތްކުރެވިފައެވެ. އެފަރާތުން ރަށަށް ވަދެވޭން ހުންނަނީ ވަރަށް ހަނިހަނި މަގުތަކާއި ވަލުހިނގާ އަޑިގުޑަން މަގުތަކެވެ. އެހެންކަމުން ޢަސްކަރީ ޑިސިޕްލިނާއެކު ސަފުސަފަށް އައިސް އެފަރާތަކުން ރަށަކާ ނުތޮޅެވޭނެއެވެ. ފަހަރެއްގައި ބަޔަކު އެގޮތަށް ދިމާކުރިކަމުގައިވިޔަސް ވަރަށް އާދައިގެ ޢަސްކަރީ ޗެކްޕޮއިންޓްތަކެއްވެސް ރަށް ދިފާޢުކުރާން ފުދޭނެއެވެ.

إبـــن إسحـــاق ލިޔުއްވައިފައިވެއެވެ. "މަދީނާ ބޭރުގެ ދުނިޔެއަށް ހުޅުވައިލެވިފައިވަނީ ހަމައެކަނި އެންމެ ދިމާޔަކުންނެވެ. އެހެން ހުރިހައި ފަރާތްތަކެއްވަނީ ގުޅިފައިވާ ކަދުރު ދަނޑުތަކުން ވަށައިލެވިފައެވެ. ދުޝްމިނު ބާރަކަށް އެފަރާތްތަކަކުން މަދީނާއަށް ހުޖޫމެއް ނުކުރެވޭނެއެވެ."

ރަޙްމަތުގެ ނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ މުހިންމަތުގެ މަރުކަޒީ ރަށަކަށް މަދީނާ އިންތިޚާބުކުރެއްވީ ކުރީންވެސް ދެންނެވި ފަދައިން މި ސަބަބުތަކަށްޓަކައި ކަމުގައި ވެދާނެއެވެ. އެމާތް ސާހިބާއަށް ލިބިވަޑައިގެންފައިވާ ނަބަވީ ދުރުވިސްނުންފުޅާއި އިލާހީ ޙިކުމަތްފުޅާއި މަޞްލަޙަތު ހުރިގޮތް ދެނެވަޑައިގެންނެވުމުގެ ބާރަކީ އޭގެ ސަބަބެއްކަމުގައި ވެދާނެއެވެ.

މީގެއިތުރަށް އަދި އެހެން މަޞްލަޙަތެއްވެސް އެބައޮތެވެ. މަދީނާގެ އެންމެ ބާރުހުރި ވަންހަކަމުގައިވާ خـــــزرج ވަންހައިގެ އެންމެ ޝަރަފުވެރި ގޮފި بـــنــــى عــدى بــــن الــنّـجــار އާ هـــاشــــم ވަންހަޔާ ވަނީ މައިފުށުން ގުޅުން އުފެދިފައެވެ. މިފޮތުގައި މީގެކުރީންވެސް އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން ރަޙްމަތުގެ ނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ މުނިކާފާފުޅު هـــاشــــم بــــن عــبـــد مـــنـــــاف ވަނީ ނައްޖާރުވަންހައިގެ ބޭކަނބަލެއްކަމުގައިވާ سـلــمــى بـــنت عـمــــــرو އާ ކާވެނި ބައްލަވައިގެންފައެވެ. ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم ގެ ކާފާފުޅު عــبـــدالمطّــلــب ގެ މައިކަނބަލަކީ އެކަމަނާއެވެ. هـــاشــــم ގެފާނު عــبـــدالمطّــلــب ގެފާނު ބަހައްޓަވައިފައިހުރީ މައިކަނބަލުންގެ އަރިހުގައެވެ. މަދީނާގައެވެ. عــبـــدالمطّــلــب ގެފާނުގެ ބޮޑުބޭބޭފުޅު مـطّــلــب އެކަލޭގެފާނު މައްކާއަށް ގެންދެވީ ބާލިޣުވެވަޑައިގަތުމާ ކައިރި އުމުރުފުޅެއްގައެވެ. އެހެންކަމުން عــبـــدالمطّــلــب ގެފާނާ އެކަލޭގެފާނުގެ މައިފުނަ ޢާއިލާއާ ނުހަނު ގުޅުން ބޮޑެވެ. ކައުނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު އެންމެފުރަތަމަ ވަޒަނެއްކަމުގައި ހެއްދެވީވެސް ނައްޖާރުވަންހައިގެ ބޭކަލެއްކަމުގައިވާ أبــــو أيّـــوب الأنـصــارى رضـــــى اللّــــه عــنـــــه ގެ ގެކޮޅެވެ. ޢަރަބީންގެ އިޖްތިމާޢީ ދިރިއުޅުމުގައި ގާތްތިމާގެކަމުގެ ގުޅުމަކީ ވަރަށްބޮޑަށް އަހަންމިއްޔަތުދެވޭ ގުޅުމެކެވެ. އެއީ ޢަރަބީން ރިޢާޔަތްނުކޮށް ދޫކޮށްލާ ގުޅުމެއް ނޫނެވެ.

މިހުރިހައި ކަންކަމަކަށް ވިސްނުން ހިންގާއިރު ޔަޘްރިބަކީ ރަޙްމަތުގެ ނަބިއްޔާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ ޞަޙާބީންގެ دارالـهـجــــر އަކަށް ހައްދަވާން އެންމެ މުނާސަބު ރަށެވެ. އިސްލާމީ ތަޙްރީކުގެ މަލަސް ހެދިފޯދި އާރުލައި ބިޔަގަހަކަށްވީ އެރަށުގައެވެ. جــــزيـــــرة الــعـــــرب ފަތަޙަކުރި ލަޝްކަރުތައް ދަތުރުފެށީ އެރަށުންނެވެ. ފާރިސީ ރަސްކަން ވިދައިލީވެސް އެރަށުން ދަތުރުފެށި ލަޝްކަރުތަކެވެ. ޝާމުކަރައިން ޤައިޞަރިއްޔަތު ފައްސައި ބޭރުކުރި ލަޝްކަރުތަކުގެ މައި މަރުކަޒަކީވެސް އެއީއެވެ. އެޒަމާނުގެ ތަމައްދުނީ ދުނިޔޭގެ ބޮޑު ބައެއްގައި އިސްލާމީ ދިދަ ވިހުރުވައިލުމުގެ ޤާބިލުކަން ލިބުނީވެސް އެރަށުން ނުކުމެވަޑައިގެންނެވި މުޖާހިދުންގެ މުލައްދަނޑިފުޅުގެ ބާރުގައެވެ. (نـــبـــى رحـمت: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)

قـــــريـش ންގެ ސިޔާސީ ތޫނު ވިސްނުމަށް މި ހިޖުރައިގެ އަހަންމިއްޔަތާއި ހިޖުރައިގެ ސަބަބުން މުސްތަޤްބަލުގައި ނުކުންނާނެ ނަތީޖާ ވަންހަނާވެފައެއް ނެތެވެ. ހިޖުރައިގެ ނަތީޖާއެއްގެގޮތުން މިނިވަން ވެއްޓެއްގައި އިސްލާމީ ތަޙުރީކު ހެދި ފޯދި، މަލާއި މޭވާ އެޅުމުގެ ފުރުޞަތު ދޭކަށެއް އެއުރެން ބޭނުމެއް ނުވިއެވެ. މުސްލިމުންނަށް ހަށިފޮޅައިލެވި އިންޤިލާބީ މުސްލިމުންނަށް قـــــريـش ންނާ ވާދަކުރެވޭފަދަ ބާރުވެރިކަމެއް ލިބޭކަށެއް قـــــريـش ންގެ ހިތްތަކެއް ނުރުހުނެވެ. އެހެންކަމުން ހިޖުރައިގެ މަގަށް ހުރަސްއެޅޭތޯ ނުފުރޮޅާ އެންމެ ގާކޮޅެއްވެސް އެމީހުން ދޫކޮށެއް ނުލައެވެ. ނަމަވެސް ގިނަ މުސްލިމުން ސިއްރާއި ފާޅުގައި ހިޖުރަކުރައްވައި ޤުބާއަށާއި ޔަޘްރިބަށް ޖަމާވެވަޑައިގެންފިއެވެ. އެކަމަކު ހިޖުރައިގެ ޝައުޤުވެރިކަން ހުރެމެ ވަސީލަތްތައް ލިބިވަޑައިގެންފައި ނުވުމާއި، ޙާލަތުގެ މަޖުބޫރީގެ ހިޖުރަ ނުކުރެއްވެވި ތިއްބެވި އެތަކެއް ޞަޙާބީންނާއި ޞަޙާބިއްޔާއިން މައްކާގައި ހައްޔަރުވެވަޑައިގެންފައި ތިއްބެވިއެވެ. ހިޖުރަކުރެއްވި މުސްލިމުންނަށް އެކަން އިޙުސާސްކުރެއްވެއެވެ. އިސްލާމީ ތަޙުރީކުގެ ޤާއިދު އެކަން ހަނދުމަފުޅު ނައްތަވައެއް ނުލައްވައެވެ. އެހެންކަމުން މުސްލިމުންގެ ފައިތިލަ ޔަޘްރިބުގައި ސާބިތުވުމާއެކު މުޝްރިކުންގެ އިސްތިބުދާދުގެ ވަކިތަކުގައި ހައްޔަރުވެފައިތިބި އަޚުންނާއި އުޚުތުން މިނިވަންކުރައްވަން ޖިހާދުކުރެއްވުމަށް އިލާހީ އަމުރުފުޅު އަތުވެއްޖެއެވެ. ވަޙީކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.

"އަދި، اللّــــه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންގެ ތެރެއިން ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނީ (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ އަހުލުވެރީން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟުރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟުރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!" (ســـــورة الـنّسـاء: 75)

(ނުނިމޭ)