މާދަމާ މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ފިރިހެން ވޮލީ ޓީމު އެކުލަވާލި އިރު، އެންމެ ބޮޑު ސަމަލުކަމެއް ދީފައިވަނީ ރަނގަޅު ފޯމެއްގައި މި ވަގުތު ތިބި ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހިމަނައިގެން، ވީ އެންމެ ވަރުގަދަ ޓީމާއެކު ގޭމްސްގައި ވާދަކުރުމެވެ. އެގޮތުން، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައި، ތައިލެންޑް ކޭމްޕެއް ފުރިހަމަ ކުރުމުގެ އިތުރުން، މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗު ސީރީސްއަށް ފަހު ޓީމު އޮތީ އައިއޯއައިޖ އަށް ތައްޔާރަށެވެ.
ގިނަ އަހަރުތަކެއް ފަހުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އާއި ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ އަލީ އާމިރު (ދިގު އައްޔަ) ޓީމަށް އައި އިރު، ބީޗް ވޮލީބޯޅަ އިވެންޓް މި ފަހަރުގެ އައިއޯއައިޖީގައި ނެތުމުން، ބީޗްވޮލީއަށް ހުސްވެ ތިބި ރާއްޖޭގެ އެންމެ ހުނަރުވެރި ކުުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ކަމަށްވާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި އާދަމް ނަސީމް (އެޑަމް) ވެސް ޓީމުގައި ހިމެނެއެވެ. ޓީމުގައި މިފަހަރު ނެތީ އާއިލީ ޒިންމާގެ ކަމެއްގައި ހުރި ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.
ގައުމީ ކޯޗު ކާއްޓޭ ފާހަގަކުރި ތައްޔާރީތަކަށް ބަލާ އިރު، ގިނަ މެޗުތަކެއް ލިބިފައިވާތީ އޭގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ގުރުއަތުލުން ބޭއްވުމަށްފަހު ދިޔަ ގްރޫޕް ރަނގަޅު ކަމަށާއި ދިމާވި ކަމަކާ ހެދި ދެވަނަ ފަހަރަށް ގުރުއަތުލުން ކުރިއަށްގެންގޮސް، ދެން ޖެހުނީ ކުރިއަށްވުރެ އުނދަގޫކޮށް އޮތް ގްރޫޕެއްގައި ކަމަށް ކާއްޓޭ ވަނީ ބުނެފައެވެ.
މި ފަހަރު ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ މި ވަގުތަށް ބަލާ އިރު، ރާއްޖޭން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި ތަޖުރިބާއަށް ބެލިޔަސް އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނަޒަރު ހިންގާލިޔަސް، ޓީމުގައި އެކި ލެވަލްގެ ފެންވަރުގެ ކުޅުންތެރިން ތިބިކަން ކާއްޓޭގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މިފަަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ އާދަމް ފައިރޫޒެވެ. ފައިރޫޒް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ވޮލީ ޓީމުން މިފަަހަރުގެ އައިއޯއައިޖީއަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ތައްޔާރީތަކުގެ ސަބަބުން، ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން މިހާތަނަށް ބޭއްވި ޓްރެއިނިންތަކާއި ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ފެނުނު ކަމަށެވެ.
އައިއޯއައިޖީގައި މީގެ ކުރިން ގައުމީ ވޮލީ ޓީމުތައް ވާދަކޮށްފައިވާ އިރު، އަންހެން އަދި ފިރިހެން ޓީމަށް ވެސް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ އެހެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ތަކުރާރުވާ އެއް މައްސަލައެވެ. އެއީ ސެޓު ނިންމަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމާއި، އަމިއްލައަށް ހެދޭ ގޯސްތަކާ ހެދި ޕްރެޝަރަށް ވެއްޓިގެން ދިއުމެވެ. އެކަމަކު، ފަަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ މެޗުތައް ލިބެމުން އަންނަ މިންވަރަށް ބަލާ އިރު، ޓީމުގެ ކުރިއެރުން ވެސް އަންނަނީ ފެންނަމުންނެވެ.
މި ހުރިހާ ކަމަކަށް ބަލާ އިރު، މިފަަހަރުގެ އައިއޯއައިޖީގެ ވޮލީބޯޅަ އިވެންޓުގައި ގައުމީ ފިރިހެން ޓީމުން ވަރަށް ބޮޑަށް ނަތީޖާއަށް އަމާޒުކޮށްގެން މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި މެޑަލް ޓާގެޓެއް އޮވެގެން ކުރިއަށްދާން ބަލާ އިރު، ވޮލީ ޓީމަށް އޮތް ޗެލެންޖަކީ އިދިކޮޅަށް ނުކުންނަ ގައުމުތަކުގެ ޓީމުތަކަކީ އަހަރުން އަހަރަށް ބަދަލުވާ ޓީމުތަކެއް ކަމަށްވުމުންނެވެ. ފްރާންސަށް ނިސްބަތްވާ އެކި ކުޅުންތެރިން އައިއޯއައިޖީގައި ވާދަކުރާ އެކި ގައުމުތަކަށް ރަށްވެހިކަން ބަދަލުކޮށްގެން ކުޅެއެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް