އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހދ. ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުން އެހެން ގައުމެއްގެ ސިފައިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

ޖޭޕީން ށ. މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވަނީ ކެމްޕެއިންގައި ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުން އެހެން ގައުމެއްގެ ސިފައިން ފެނިވަޑައިގެންނެވި ކަމަށާއި ސަޕޯޓަރުންނާއެކު ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ބޭރުގެ ސިފައިން އެ ސަރަހައްދުން އެތައް ފަހަރަކު ދަތުރުކުރި ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބަޔަކު ބުނާއިރު، އެކަމާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ނުދައްކަވަނީ ކީއްވެގެންތޯވެސް ސުވާލު ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އިނގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ، ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށްރަށުގައި ބޭރު ގައުމެއްގެ ސިފައިން އަރައި ފުރިފައިވާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވާ ކަމަށެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު ތިމަންނަ އަރާއިރު ބޭރު ގައުމެއްގެ ސިފައިން އަރައި ފުރިފައޭ އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ހިނގައިނުގަނެވޭތޯ. ރައްޔިތުންނަށް އޮޅުވާލުމަށްޓަަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއް ކަމަަށާ ދިވެހީންގެ މައްޗަށް ބަސް ކިޔާނެ އެހެން ބަޔަކު ނުތިބޭނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އަބަދުވެސް ތުހުމަތުކުރެއެވެ. އަދި އިދިކޮޅޫ ބައެއް އެހެން ޕާޓީތަކުންވެސް އެ ތުހުމަތުކުރެއެވެ.