ރާއްޖެއަކީ ދުނިޔޭގެ ކުދި ގައުމުތަކުގެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އިނގުރައިދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގެންގުޅުނީ ދުނިޔެއާ އެކަހެރިވުމުގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކާ އެކަހެރިވެގެން ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގެ ވެރީންގެ އިތުބާރު ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި އެ ގައުމުތަކުން ރާއްޖެ ބަލައިގަންނަ ކަމަށެވެ. އެގޮތުން އދ.ގެ 185 ގައުމަކާ ރާއްޖެއާ ގުޅުން ބަދަހިކުރެވިފައިވާއިރު 89 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓް ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު ކުދި ގައުމުތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މަަސައްކަތް ކުރާ ގައުމަކީ ދިވެހި ގައުމު. އަޅުގަނޑުމެންނާ މަޝްވަރާ ނުކޮށް މިއިން އެއްވެސްކަމެއްގައި މިހާރު ގޮތެއް ނުނިންމާ. މިއީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން ފެންނަކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ގުޅުން ކަނޑާލި ގަތަރާއެކު މި ސަރުކާރުން ގުޅުން ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ މަންފާ ރާއްޖެއަށް އެކި ގޮތްގޮތުން ކުރާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ލޯނާއި ގްރާންޓްގެ އެހީ ހޯދަން ފަސޭހަ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ހުރިހާ ބޮޑެތި ގައުމުތަކުގެ އެމްބަސީތައް މިހާރު އެދަނީ ރާއްޖޭގައި ހަދަމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ މައިގަނޑު ފަސްކަމެއްގެ މައްޗަށެވެ. އެއީ ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ސަރަހައްދީ ގައުމުތަކުގެ ރައްކާތެރިކަމާއި ހަމަޖެހުމުގެ އިތުރުން މިނިވަންކަމާއި އިސްލާމީ ވަހުދަތު ކުރިއެރުވުމުގެ މައްޗަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ މައްޗަށް އެހެން ބަޔަކަށް ބަހެއް ނުކިޔޭނެ ކަމަށެވެ.