ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ބެލެނިވެރިން ނެތް ކުދިންނަށް އާއިލާއެއް ހޯދުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ. ފުނަދުއަށް ރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި "ކޮންމެ ކުއްޖަކަށްއާއިލާ" ނަމުގައި ހާއްސަ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ. އެ މަޝްރޫއުގެ ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލީ ލޯބިން މަހުރޫމްވިޔަ ނުދީ، އެ ކުދިން އާއިލާގެ ލޯބިލިބިގެން ބޮޑުވާ ކުދިންގެ ގޮތުގައި ހެދުން ކަމަށެވެ.
"ކުޑަކުދިންގެ ތެރޭގައި އެބަތިބި އެކިކަހަލަ ސަބަބުތަކާ ހެދި ބެލެނިވެރިން ނެތް ކުދިން. ސަރުކާރުން ބަލަހައްޓާ ކުދިން. އެ ނިޒާމު ވަރުގަދަކުރުމުގެ އިތުރަށް އަޅުގަނޑުމެން ހާއްސަ ޕްރޮގްރާމެއް އިފުތިތާހުކުރާނަން. ކޮންމެ ކުއްޖަކަށް އާއިލާއެއް މަޝްރޫއެއް. އެއިރުން އެ ކުއްޖާ ބަލަހައްޓާނެ އާއިލާއެއް ހޯދަން، އެ ކުއްޖާއަށް އަޅާލާ ބޮޑުކުރަން، ގޭތެރޭގެ ލޯބިވާ، ލޯބިދޭ އާއިލާއެއްގެ ބަލަހައްޓައިގެން ބޮޑުކުރުން. ވަރަށް އެމްބިޝިއަސް ވާހަކައެއް މިހެން ބުންޏަސް" މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ އިތުރު ކަންތައްތަކެއް ވެސް ވަނީ މިރޭ އާންމުކުރައްވައިފައެވެ. އެގޮތުން އިސްރަށްވެހިންނަށް ހާއްސަ، އިސްރަށްވެހިންގެ މަރުކަޒެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަދައިދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގައުމު މިހާ ހިސާބަށް އައިސްފައިމިވަނީ އިސްރަށްވެހިންގެ މަސައްކަތުން ކަމަށާއި އިސްރަށްވެހިންނަކީ ޒުވާނުން ބިނާ ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށްވުމުން އެއީ ގަދަރުވެރި ބަޔަކަށްވާން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި ހިމަނައިފައިވާ ކަންކަމުގެ ތެރޭގައި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަގުވާމީ މުޖުތަމައަށް މާކެޓްކޮށް، ވިއްކޭނެ ގޮތް ފަހިކުރުމަށް "ޕްރޮމޯޝަނަލް އެޖެންސީ"އެއް އުފެއްދުން ހިމެނޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ ހުރިހާ ސިޓީއެއްގައި ޒަމާނީ މަސް މާރުކޭޓް ހަދައިދޭނެ ކަމަށެވެ. މާލޭ މަސް މާރުކޭޓް "ސްޓޭޓް އޮފް ދަ އާޓް" ފެންވަރަށް ހަދާނެ ކަމަށާއި މާލޭ ސިޓީ ކައުންސިލަށް މަސް މާރުކޭޓް ތަރައްގީ ނުކުރެވުނީ ސަރުކާރުން އެކަމަށް ހުރަސް އެޅުމުން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެތަން ތަރައްގީކުރާނެ ކަމަށެވެ.
ނަފުސާނީ މައްސަލައަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ހަދާނެ ކަމަށާއި އެއިރުން އާސަންދައިން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ވައުދުވެގެން އައި ސަރުކާރެއް ނަމަވެސް، ފެންނަނީ ޕާކު ކުރާނެ ތަންތަން ނުދައްކައި ޕާކިން ސްޓިކާ ޖަހަމުންދާ މަންޒަރު ކަމަށެވެ. މުއިއްޒު ވިދާޅުވީ، ޕާކިން ސްޓިކާއަކީ ދައުލަތަށް އާމްދަނީ ހޯދަން ހިމަނައިފައިވާ ވަސީލަތެއްގެ ގޮތުގައި މި ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަޖެޓުގައި ވެސް ޖަހާފައި ހުރޭ ޖޫރިމަނާގެ ފައިސާ. ޕާކިން ސްޓިކާ ޖޫރިމަނާ އިންސާފުވެރިއެއް ނޫން. އަދުލުވެރިކަމެއް ވެސް ނޫން އެއީ. ޕާކިން ޖޫރިމަނާ އެއްކޮށް ހުރިހާ ރައްޔިތުންނަށް މައާފު ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މަލްޓީ ސްޓޯ ޕާކިން ބިލްޑިންތައް ހެދުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް ހުރަސްއަޅައި ހުއްދަނުދިނުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމެއްގައި މަލްޓި ސްޓޯ ޕާކިން ބިލްޑިން ހަދައި، މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ގަރާޖު ސިޓީ ވިއްކުމުގެ ކަންތައް މިހާރު އޮތީ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާ ގޮތަކަށް ނޫން ކަމަށެވެ. އަލަށް އަޅާ ޕާކިން ބިލްޑިންއާއެކު ގަރާޖު ސިޓީއަށް ސަލާން ޖެހުން ވެސް އެއްކޮށް ނިމިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު