އެމްޑީޕީގެ ހާއްސަ ކެމްޕޭން ހަރަކާތެއް މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާދަމާ ރޭ 8:00 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ އެ ހަރަކާތަކީ އެ ޕާޓީން އާންމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާ މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
"އެމްޑީޕީއަކީ ހަރުގެ ބައްދަލުވުންތަކާއި ކަންމަތީ ބައްދަލުވުންތަކާއި ކެމްޕޭން ޖަގަހަތަކާއި، މި ނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތައާރަފުކުރި ޕާޓީއެވެ. މާދަމާ ރޭ ބާއްވާ މި ހަރަކާތަކީ ވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީން އަލަށް ތައާރަފުކުރާ ކަންތަކުގެ ލިސްޓަށް އިތުރުވެގެންދާނެ ނަމްބަރެކެވެ..،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުންޏެވެ.
މާދަމާ ރޭ ބާއްވާ އެ ހަރަކާތުގައި އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައި ކަމަށްވާ އިގުތިސާދީ މެނިފެސްޓޯ ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އެ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހުގެ މެނިފެސްޓޯގައި ފަސް ސިޔާސަތެއް ހިމެނެއެވެ. މިހާތަނަށް އިއުލާންކޮށްފައިވާ ހަތަރު ސިޔާސަތަކީ އުފާވެރި ދިރިއުޅުން، އަމާން މުޖުތަމައު، ޒުވާނުންގެ އާ ޖީލު އަދި ހެޔޮވެރިކަމެވެ.
ރައީސް ސޯލިހު ގެންދަވަނީ ރިޔާސީ ކެމްޕޭނަށް ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން މިހާތަނަށް އެމަނިކުފާނު ވަނީ 90 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ނުކުންނަވާނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު