ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ވާދަވެރިން ދަނީ ތަފާތު ވައުދުތައް ވަމުން ކަމަށާއި ނަމަވެސް އެ ވައުދުތައް ފުއްދާނެގޮތެއް ވާދަވެރިންނަށް ނޭނގޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ވައުދުތައް ފުއްދާނެ ފުރުސަތު ރައްޔިތުން ވަނީ 2013 ވަނަ އަހަރު ދީފައި ކަމަށެވެ. ނަމަވެސް ފުއްދުނު ވައުދެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވާދަވެރިންގެ ސިޔާސަތު ވަރަށް ސާފު. މިއަދު އެ ބޭފުޅުން ނުކުމެވަޑައިގެން އެ ދައްކަވާ ވާހަކައިން އެކަން ވަރަށް ސާފުކޮށް އެބަ އެނގޭ. އެ ވިދާޅުވަނީ އަޅުގަނޑުމެން އަނެއްކާވެސް އައިސް ބައިވަރު ވައުދުތަކެއް ވަނީއޭ. ހަމަ އަރާ ކޮންމެ ރަށަކަށް ރައްޔިތުން ބޭނުންވާހާ، ހަމަ ބުނާ ކޮންމެކަމެއް ކޮށްދޭނަމޭ ބުނަނީ. އެ ބޭފުޅުންނަކަށް އެނގިވަޑައިނުގަންނަވާނެ އެ ކަންކަންތައް ކޮށްދޭނެ ގޮތެއް. ފުރުސަތު ދެވުނު، އިގުތިސޯދީ ގޮތުން އެންމެ ފުދުންތެރި އެންމެ ތަނަވަސް ދުވަސްވަރު އެއީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބޭފުޅުންނަށް އެއިރު އެކަން ނުކުރެވުމަކީ އެހެން ބަޔަކަށް އެކަން ނުކުރެވެންވީ ސަބަބެއްކަމަށް ބަލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ބަޔަކު ދައްކާނެ ވާހަކަތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކަން ކުރަންވީ ގޮތް. އަޅުގަނޑުމެންގެ ތެރޭގައި ޕްލޭން އެބައޮތް. އެކަންކުރާނެ މީހުން ވެސް އެބަތިބި. މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންވީ ވައުދުތައް ފުއްދަމުން މި އަންނަނީ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ގެންދަނީ ތަރައްގީގެ މަޝްރޫއު އެއްފަހަރާ އެތަކެއް ރަށުގައި ހިންގަމުންކަމަށް ރައީސް ވިދާޅުވިއެވެ. 140 އަށްވުރެ ގިނަ ރަށުގައި ބަނދަރު ހެދުމާއި 150 އަށްވުރެ ގިނަ ރަށުގައި ދަނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި ފައިސާ ހުއްޓަސް އެފަދަ ކަންކަން ޕީޕީއެމަށް ކޮށްނުދެވޭނެކަން މާޒީން އެނގިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ މަޑުއްވަރީ ރައްޔިތުން ބޭނުންވާނަމަ މަޑުއްވަރީ އިތުރަށް ހިއްކައިގެން ނުވަތަ ފުއްސަރު އަލުން ހިއްކައިގެން ހައުސިން މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށެވެ. ހެލްތު ސެންޓަރުގެ ވަސީލަތް އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށާއި އަދި ސްކޫލަށް ބޭނުންވާ އިތުރު އިމާރަތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލުގެ އެޑްމިން ބްލޮކްވެސް ހަދައިދީ، ޒުވާނުންނަށް ފުޓްސަލް އަދި ހޭންޑްބޯލް ސްޓޭޑިއަމެއް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސް ދޯނިތައް އެހެލަން ހާއްސަ ސަރަހައްދަކާއި އިންޖީނުގެ މީހުން ދިރިނުޅޭ ހިސާބަކަށް ބަދަލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު