ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތު ވަނީ އިފްތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ހަތަރުވަނަ ސިޔާސަތެވެ.

އެ ސިޔާސަތުގެ ދަށުން މީޑިއާގެ މިނިވަންކަން ކަށަވަރުކުރުން ހިމެނެއެވެ. އެގޮތުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރުން ހިމެނެއެވެ.

ޕްރައިވެޓް މީޑިއާތަކަށް މިހާރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް މާލީ ދަތިތަކަމަށް ހައްލެއް ހޯދައިދިނުމަށް އެ ސިޔާސަތުގައި ވަނީ ހިމަނައިފައެވެ. މާލީ ދަތިކަމަކީ މީގެ ކުރިން އެކި ޕްލެޓްފޯމުތަކުގައި މީޑިއާތަކުގެ ވެރިން ހިއްސާކޮށްފައިވާ ކަންބޮޑުވުމެކެވެ. މިހާރު މީޑިއާތަކުން ބަރޯސާވާން ޖެހެނީ ސްޕޮންސާޝިޕްގެ ދަށުން ދޭ ފައިސާއަށެވެ.

އެ ސިޔާސަތުގައިވާ ގޮތުން، ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އޮންނަ ރޭޓިން ނިޒާމެއް ކަނޑައަޅާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ވެރިފައިކުރެވިފައިވާ ހަބަރުތަކާއި މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އެ ސިޔާސަތުގެ ދަށުން ދިވެހި ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތަށް ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްޑީއެފްސީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާ ނޫސްވެރިން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.