މި މަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 105،866 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ 17.8 ޕަސެންޓުގެ އިތުރުވުމެކެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޖުމުލަ 143،599 ފަތުރުވެރިން އައިސްފައިވެއެވެ. އެ އަދަދު މުގުރާލަން މި މަހުގެ ތެރޭގައި އިތުރު 37,733 ރާއްޖެ އަންނަން ޖެހެއެވެ.
ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދަށް ބަލާ ނަމަ, އެ ރެކޯޑް މުގުރާލައި މި އަހަރުގެ އޮގަސްޓު މަހަކީ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އޮގަސްޓު މަހަށް ވުމުގެ ފުރުސަރު އެބައޮތެވެ.
ތަފާސްހިސާބު ދައްކާ ގޮތުން މި މަހު އެވްރެޖުކޮށް 5،572 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.18 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުގެ 62 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު