އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއް މާލޭގައި ބޭއްވުމަށް ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ހަދާފައިވާ ރައީސް ސޯލިހުގެ ކެމްޕޭން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން މާލެ ސިޓީ ކައުންސިލުގައި އެދެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށްޓަކައި މިހާރު ސިޓީ ކައުންސިލުން އެދެމުން ދަނީ. ފުރަތަމަ ފަހަރުވެސް އެހެން ކަމެއް އޮތޭ ކިޔައިފަ ނުދެއްވީ. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނާއިރު އެތާ އެތެރޭގައި އުޅުއްވާ ކައުންސިލަރުން އެބަ އަޅުގަނޑުމެން ކައިރީގައި ވިދާޅުވޭ އެކަމެއް ނެތޭ،" މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސްއަޅަމުން ގެންދާއިރު، ސަރުކާރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ވާދަވެރި ޕާޓީތަކާއި ވާދަވެރިންނަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދެމުން އަންނަ ކަމަށެވެ. އެގޮތުން އާބަންކޯއިން ހުއްދަ ދީގެން މުއިއްޒުގެ ޖަލްސާއެއް ދެވަނަ ފިޔަވަހީގައި ބާއްވާފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރުން ޒިންމާދާރު ކަމާއެކު ޑިމޮކްރެޓިކް އުސޫލުން ކަންކުރިޔަސް, މުއިއްޒު އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު