އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ބައިބައިކުރަން އުޅޭ މީހުންނަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި އެކަން ކުރާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުން ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ މަރަދޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަދުރޭ ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފައްދުމަށް ފުރުސަތު ނުދެއްވުމަށް ގޮވާލައްވައިފައެވެ.
އަދުރޭ ވިދާޅުވީ، އިދިކޮޅު ބައެއް ފަރާތްތަކުން ޑރ. މުއިއްޒަކީ ކުޑަ ޕާޓީއަކުން ނުކުމެ ހުރި ކެންޑިޑޭޓެއް ކަމަށް ބުނަމުންދާ ކަމަށެވެ.
"އެހެން ވިދާޅުވާ ބޭފުޅުންނަށް ޕީއެންސީއަކީ ކޮންއެއްޗެއްކަން ނޭނގޭތީ އެހެން އެ ވިދާޅުވަނީ. ޕީޕީއެމްއަކީ ޕީއެންސީ. ޕީއެންސީއަކީ ޕީޕީއެމް. މި ދެ ޕާޓީއަކީ ރައީސް ޔާމީން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމުން ނުކުތަސް ޕީއެންސީން ނުކުތަސް އެއީ ރައީސް ޔާމީންގެ ކެންޑިޑޭޓުން ކަމަށެވެ. އަދި ޑރ. މުއިއްޒަށް ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނެއް ނެތީމޭ އެ މީހުންނަށް (އިދިކޮޅު ފަރާތްތަކަށް) ރައްދު ދޭކަށް، އަޅުގަނޑުމެން ރައްދު ދޭނީ އިރާދަކުރެއްވިއްޔާ ވޯޓު ފޮށިން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މުއިއްޒުއަށް ވޯޓުލައި ފުރާލުމަކީ ގައުމުގެ މުސްތަގުބަލަށް ކޮށްދެވޭނެ ކަމެއް ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ބައިބައިކުރަން އުޅޭ ފަރާތްތަކަށް ރައްދު ދޭނީ ވޯޓުން ކަމަށް އަދުރޭ ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުގެ ސްޕޯކްސްޕާސަން، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ޕީޕީއެމްގެ ވަސްވެސް ފުހެލާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު