އަމިއްލަ ފައިދާއަށް ސަރުކާރާއެކު ހެދި އެއްވެސް ޑީލެއް ނޯންނާނެ ކަމަށް "ދަ ޑިމޮކްރެޓްސް"އިން ވަކިވެވަޑައިގެން، އެމްޑީޕީއާ މި ފަހުން ގުޅިވަޑައިގެންނެވި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި މޭޔަަރު އާތިފް އިތުރުން ހުރިހާ ކައުންސިލަރުން ވަނީ މި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތީ ފައިސާގެ "ޑީލެއް"ގެ ތެރެއިން ކަމުގެ އަޑުތައް ފެތުރުނެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކަންމަތި ޖަލްސާއެއްގައި އޭނާއަށާއި އެމްޑީޕީއާ ގުޅިވަޑައިގަތް ކައުންސިލަރުންނާއި މެންބަރު ޔާސިރަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި އާތިފް ވިދާޅުވީ، އެ ބޭފުޅުންގެ އަމިއްލަ މަންފާއަށް ހެދި އެއްވެސް ޑީލެއް ނޯންނާނެ ކަމަށާއި ޑީލް ހަދާފައިވާނީ ރައްޔިތުންގެ ނަމުގައި ކަމަށެވެ.

"ރައީސް އިބޫއާއެކު ޑީލެއް ހެދިން. އެއީ ތިބޭފުންގެ ނަމުގައި ހެދި ޑީލެއް. ކުޅުދުއްފުށީގެ ރައްޔިތުންގެ ނަމުގައި ހެދި ޑީލެއް އެއީ، އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއް ބިލިއަނަށްވުރެ މަތިވާނެ، އެއީ މި ބަދަލުގެ ސަބަބުން ކުޅުދުއްފުއްޓަށް ލިބޭނެ މިންވަރު" އާތިފް ވިދާޅުވިއެވެ.

ރައީސްއާއެކު ހެދި ޑީލް އިތުރަށް ތިލަކޮށްދެއްވައި އާތިފް ވަނީ، އެ ޑީލުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ހިއްސާވެސް ކުރައްވައިފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުޅުދުއްފުށީގެ ޒަމާންވީ ކުނީގެ މައްސަލަ ހައްލުކުރަން ވެމްކޯއާ ހަވާލު ކުރެވިއްޖެ ކަމަށާއި ދެ ވަނަ ކަމަކަށް އިންތިހާބުގެ ކުރިން އެ ސިޓީގައި ކޮންކްރެކްޓާ ފައިނޭންސްގެ އުސޫލުން 1،000 ހައުސިން ޔުނިޓު އަޅަން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ކޮންމެ ގެއަކުން ނަރުދަމާއަށް މިހާރު ނަގަމުން އަންނަ 30 ރުފިޔާގެ ފީވެސް އިންތިހާބުގެ ކުރިން މާފުކޮށްދޭނެކަމުގެ ޔަގީންވެސް ރައީސްއާއެކު ހެދި ޑީލްގައި ދެއްވި ކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެއީ ކުޅުފުއްފުށި ސިޓީގެ ރަން ފަސް އަހަރަށް ވެގެންދާނެ ކަމަށެވެ.