ޖިންސީ އަނިޔާގެ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރުމަށްފަހު ދައުވާ ނުކުރަން ނިންމާފައިވާ މޭސަން ގްރީންވުޑް، މެންޗެސްޓާ ޔުނައިޓެޑުގައި ދެން މަޑުނުކުރާނެ ކަމަށް އިއްޔެ އިއުލާނު ކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ގްރީންވުޑް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއަށް އަނިޔާކުރި ކަމަށް ބުނެ، ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް ވަނީ ވީޑިއޯތަކުގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއްވެސް ޕޯސްޓުކޮށްފައެވެ.
އެ މައްސަލައިގައި މިދިޔަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ގްރީންވުޑް ހައްޔަރުވެސް ކޮށްފައިވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ގްރީންވުޑްގެ މައްޗަށް ފުރަތަމަ ދެ ދައުވާއެއް އުފުލި ނަމަވެސް، މިއަހަރު ފެބްރުއަރީ މަހު އެ ދެ ދައުވާވެސް ވަނީ ބާތިލުކޮށްފައެވެ.
އެ މައްސަލައިގެ ކޯޓު މަރުހަލާ ނިމުނު ނަމަވެސް، ޔުނައިޓެޑުން އިއްޔެއާ ޖެހެންދެން ދިޔައީ އިންޓާނަލް ޓީމެއް މެދުވެރިވެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގައި އިއްޔެ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުން ރަސްމީކޮށް ބާތިލުކުރަން ނިންމީ ދެފަރާތް އެއްބަސްވެގެން ކަމަށާއި، ގްރީންވުޑްގެ ލޯބިވެރިޔާ ސްޓޯރީއަށްލި ކަންކަމަކީ ހަގީގަތެއް ނޫން ނަމަވެސް، ގްރީންވުޑަށް ގޯސްތަކެއް ހެދިފައިވާކަން ގަބޫލުކުރާ ކަމަށެވެ.
އެކަމާ ގުޅިގެން ގްރީންވުޑް ބުނީ، ގޯސްތައް ހެދުނު ނަމަވެސް ލޯބިވެރިޔާގެ އިންޓަގްރާމްގެ ސްޓޯރީގައި ވަނީ އޭނާ ނުކުރާ ކަމަކަށް ތުހުމަތު ކޮށްފައި ކަމަށެވެ. އަދި ޔުނައިޓެޑް ދޫކޮށްލަން ޖެހުމަކީ ހިތާމައެއް ނަމަވެސް، އެކަމަކީ މިހާރުގެ ހާލަތުގައި އެންމެ އެކަށީގެންވާ ކަންތައް ކަމަށްވެސް ގްރީންވުޑް ބުނެފައިވެއެވެ.
ޔުނައިޓެޑުގެ އެކަޑެމީގެ ތެރެއިން ސީނިއާ ލެވެލްއަށް އަރައިގެން އައި އުންމީދީ ފޯވަޑް، ކްލަބަށް ފުރަތަމަ މެޗު ކުޅުނީ 2019 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑުގެ އެއްބަސްވުން ގްރީންވުޑް އާކޮށްފައިވާ އިރު، އިންގްލެންޑު ގައުމީ ޓީމުގެ ކޭމްޕުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެންވެސް ގްރީންވުޑަށް ފިޔަވަޅު އަޅާފައިވެއެވެ. އެއީ ކޮވިޑް 19ގެ އުސޫލު މުގުރާލައި، ހޮޓަލަށް އަންހެނުންތަކެއް ވެއްދި މައްސަލައެއްގައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު