Close Election
Close
ރިޕޯޓް

ސިޔާސީ ފޯރި ގަދަ ތުޅާދޫ: މިފަހަރުގެ ނަތީޖާ ބުރަ ވާނީ ކޮން ފަޅިއަކަށް؟

އަލީ އަފާފު ރަމީޒު

ބ. ތުޅާދޫން އަލީ އަފާފު ރަމީޒް

ބ. ތުޅާދޫއަކީ ސިޔާސީ ފޯރީ އެންމެ ގަދަ އެއް ރަށެވެ. މިރަށުގެ ސިޔާސީ ވާދަވެރިކަމާއި ފޯރިއަކީ އަބަދުވެސް އަޑު އިވޭ ވާހަކަތަކެވެ. އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ވާދަވެރިކަން އެންމެ ބޮޑު އެއް ރަށެވެ. ޖޯޝުގައި ސިޔާސީ ހަރަކާތްތައް ހިންގާ ރަށެކެވެ. އެކަން އެންމެންވެސް ދަނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް އިއްޔެ ދަތުރުތައް ފެއްޓެވީއްސުރެ ގިނަ ބަޔަކު ދެކެން ބޭނުންވެފައި ވަނީ ތުޅާދޫގެ ސިޔާސީ މަސްރަހެވެ. މި ރަށް މިފަހަރު އޮތް ގޮތް ބަލަން އެތައް ބަޔަކު ތިބީ ކެތް މަދުވެފައެވެ. ނޫސްވެރީންވެސް ތިބީ އެ މަންޒަރަށް އިންތިޒާރު ކޮށްގެންނެވެ.

ރައީސް ސޯލިހު އިއްޔެ މިއަތޮޅު އޭދަފުއްޓަށް ވަޑައިގެންނެވި އިރު، އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ މިރަށުން ލިބިގެންދިޔަ ހަބަރަށެވެ. ހަމަނުޖެހުން ހިންގައި، ސިޔާސީ ފޯރި ގަދަކޮށްލި އަޑެވެ. އެ ހަމަނުޖެހުމުގައި ފަސް މީހަކު ހައްޔަރުވެސް ކުރިއެވެ. އެއާއެކު އެންމެންވެސް ތިބީ މި ފޯރިގަދަ ރަށުން ފެނިގެންދާނެ މަންޒަރަކަށް އިންތިޒާރު ކުރާށެވެ.

ރައީސް، އިއްޔެ މިރަށަށް ވަޑައިގެންނެވުމުގެ ކުރިން ފުލުހުން ވަނީ މުޅި ސަރަހައްދު ބަންދުކޮށް، އިދިކޮޅު އެއްވެސް ފަރާތަކަށް ނުވަދެވޭ ގޮތް ހަދައިފައެވެ. އެހެނަސް އިދިކޮޅު ފަރާތްތައް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. މިރަށަށް އާދެވުނު އިރު ފެނުނީ އިދިކޮޅުން ފޯރީގައި އަޑު އުފުލާ މަންޒަރެވެ. އޭގެ ފަހުން ރައީސް ވަޑައިގެންނެވި އިރުވެސް އިދިކޮޅު ފަރާތްތައް ވަރަށް ދުރުގައި ތިބެގެން ދިޔައީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އަޑުގަދަކުރާއިން އެ އަޑުތައް ރައީސަށް އިއްވަމުންނެވެ.

އިދިކޮޅު ފަރާތްތައް ފޯރިގަދަކޮށް ފެނިގެން ދިޔައިރު، އެމްޑީޕީވެސް އޮތީ ވަރަށް ތައްޔާރަށެވެ. އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިރަށުން ރައީސަށް މަރުހަބާ ކިޔަން ބަނދަރުމަތީ ދަމާލީ ބޮޑު ލައިނެކެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ އެމަންޒަރެވެ. ބަނދަރުގެ އެއްކޮޅުން އަނެއް ކޮޅަށް ދަމާލާފައި އޮތް އެ ލައިނުގައި މިރަށު އެމްޑީޕީ މީހުން ތިބީ ވަރަށްވެސް ޖޯޝުގައެވެ.

ބޮޑުބެރާއެކު ރައީސަށް މަރުހަބާ ކިޔައި، ކުދިބޮޑު އެންމެން ދިޔައީ ރައީސާ ސަލާމް ކުރަމުން ސެލްފީވެސް ނަގަމުންނެވެ. ރައީސް، އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ހޭދަވިއެވެ. އެ ހަރަކާތްވެސް ފެނިގެން ދިޔައީ ފޯރިގަދަ ކޮށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވި އިރު، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ މުޅީންހެން ބަދަލުވެފައެވެ. ހާއްސަކޮށް އެންމެ ވަރުގަދަ އެއް ޕާޓީ އެމްޑީޕީ ދެބައިވެ، ރަށްރަށުގެ އެމްޑީޕީ މެންބަރުންވެސް އޮތީ ދެބަޔަކަށް ބެހިފައެވެ. އެ ތަފާތު ރަށްރަށުންވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން އޭގެ އެއް ރަށަކީ ތުޅާދޫއެވެ.

ތުޅާދޫއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ ބަޔަކު އުޅޭ ރަށެކެވެ. އެކަން ހާމަކޮށްދޭ އެެއް ހަގީގަތަކީ މިރަށުގެ ހިއްކި ސަރަހައްދުގެ ބޮޑު މަގަށް އެމީހުން ކިޔަނީ "އަންނި" އެވެ. އެހެން ކަމުން އެމްޑީޕީ ދެބައިވެ، ޑިމޮކްރެޓްސް ވުޖޫދުވި ހިސާބުން ބޮޑު ބަދަލެއް ފެނިގެންދާނެ އެއް ރަށުގެ ގޮތުގައި ބެލެވިފައި އޮތީ މިރަށެވެ.

މިރަށުގެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެޕާޓީއަށް އޮތް ތާއީދު ފަނޑެއް ނުވެއެވެ. އަދިވެސް އެރަށް އޮތީ ރާއްޖޭގެ އެންމެ ވަރުގަދަ އެމްޑީޕީގެ އެއް ރަށުގެ ގޮތުގައެވެ. މަދު ބަޔަކު ދިޔަ ނަމަވެސް ބޮޑު މެޖޯރިޓީއެއް އޮތީ އަދިވެސް އެމްޑީޕީގައެވެ.

"މިއަދުވެސް ދަމާލި ސަފުން އެކަން އެނގޭނެ. މިއީ އަދި އެންމެނެއް ނޫން. ނަމާދު ވަގުތާ ދިމާވީމަ ގިނަ ބަޔަކަށް ނާދެވުނީ. އެހެން ނޫން ނަމަ މިޔަށްވުރެވެސް މި ސަފު ދިގުވާނެ،" މިރަށުގެ އެމްޑީޕީގެ އިސް ބޭފުޅަކު ބުންޏެވެ.

ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ އެކު މިރަށުގެ ސިޔާސީ މަސްރަހަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް ވަނީ އަރައިފައެވެ. އެގޮތުން މިރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލި މަނިކު ވިދާޅުވީ އެމްޑީޕީ ބައިބައިވުމާ އެކު މިރަށަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ އަދިވެސް އެމްޑީޕީގެ ގަދަ ބާރެއް ކަމަށް އޭނާ ވިދާޅުވެއެވެ. 

"އަޅުގަނޑުމެން އެމްޑީޕީގެ ތެރޭގައި ކުޑަކުޑަ ލޮޅުމެއް އަރައިފި. އެކަން އެޖެސްޓް ކުރަމުން އަޅުގަނޑުމެން މިދަނީ. މިއަދު ރައީސް ވަޑައިގެންނެވި އިރުގައި ދަމާފައި އޮތް ސަފުތަކުން ލިބެމުންދިޔަ ތަރުހީބުން، އެކަން އެނގިވަޑައިގަންނަވާނެ އެންމެ ބޭފުޅުންނަށް. އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް މި ކުރަނީ މިރަށަކީ އެމްޑީޕީގެ ރަށެއްގެ ގޮތުގައި އެމްޑީޕީގެ ގަދަ ބާރެއްގެ ގޮތުގައި ބޭއްވުމަށް. އެކަން ކާމިޔާބު ކުރާނަން،" އަލި މަނިކު ވިދާޅުވިއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްވެސް ފާހަގަކުރެއްވި ގޮތުގައި މަލްޓިޕާޓީ ސިސްޓަމަށްފަހު އެރަށަކީ ސިޔާސީ ފޯރި ގަދަ ރަށެކެވެ. އެގޮތުން އެމްޑީޕީ އާއި ކުރިން ޑީއާރުޕީ އަދި މިހާރު ޕީޕީއެމާ އެކު އޮންނަ ވާދަވެރިކަން އަބަދުވެސް އޮވެއެވެ. ޑިމޮކްރެޓްސް ވުޖޫދުވި ނަމަވެސް އަދިވެސް ސިޔާސީ ވާދަވެރިކަން ބަދަލެއް ނުވެއެވެ. އެ ފޯރި އާއި ޖޯޝު އޮތީ ޕީޕީއެމާއި އެމްޑީޕީ މެންބަރުންގެ މެދުގައެވެ.

އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވި އާދިލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެެރެއިން ޑިމޮކްރެޓްސްއަށް މިރަށުން ބަޔަކު ބަދަލުވި ނަމަވެސް އެމްޑީޕީ އަދިވެސް އޮތީ ގަދަކޮށެވެ. މިފަހަރުވެސް މެޖޯރިޓީ ބޮޑަށް ބުރަ ވެވެނީ އެމްޑީޕީއަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެނަސް މިރަށުގެ ޑިމޮކްރެޓްސްގެ އިސް ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެޕާޓީއަށް އޮތް ތާއީދު ބޮޑުތަނުން އިތުރުވާނެއެވެ. އެމްޑީޕީ ބަލިކޮށް މެޖޯރިޓީ ނަގާނީ އެ ޕާޓީން ކަމަށެވެ. އެކަން ރޭގެ ރައީސްގެ ޖަލްސާއިން ވެސް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ސިޔާސީ ފޯރި ގަދަ މިރަށުގެ ހަމަނުޖެހުންތައް މީގެކުރިންނާއި މިހާރުވެސް ހަބަރުތަކުގެ ފަލަ ސުރުހީތަކުން އަންނަނީ ޖާގަ ހޯދަމުންނެވެ. ވާދަވެރިކަން ބޮޑު މި ރަށުގެ ހަލަބޮލި ސިޔާސީ މައިދާނުން މިފަހަރު ނުކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އެމްޑީޕީއަށް އެ މެޖޯރިޓީ ދެއްކިދާނެ ހެއްޔެވެ؟ ނޫނީ އެމްޑީޕީ ދެބައިވުމުގެ ފައިދާ ޕީޕީއެމަށް މިރަށުން ލިބިދާނެ ހެއްޔެވެ؟