ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، ކުރިއަށްއޮތް ފަސް އަހަރު މުއިއްޒު ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މުހިންމު އެއް ކަމަކަށް ވަކި ބޭފުޅަކަށްޓަކައި ވެރިކަން ކުރައްވައި، ވަކި ބޭފުޅަކު ޖަލުން ނެރުއްވަން މަސައްކަތްކުރައްވާ ވާހަކަ މުއިއްޒު ދައްކަވާ ކަމަށެވެ.

"އެންމެ މުހިންމު އެއް ކަމަކަށް މި ވިދާޅުވާ ވާހަކައަކީ ވަކި ބޭފުޅަކަށްޓަކައޭ ތިމަންނަ ވެރިކަން ހޯއްދަވަން މި އުޅުއްވަނީ، ވަކި ބޭފުޅަކު ޖަލުން ނެރުއްވާށޭ މި ވާހަކަ ދައްކަވަނީ، އެބޭފުޅާގެ ސިޔާސަތަށޭ ވެރިކަން ކުރައްވާނީ. އަޅުގަނޑު އެއާ ދޭތެރޭގައި އެހެން ގޮތަކަށް ވިސްނާލި އިރުގައި، އަޅުގަނޑަށް ކުރެވުނު އިހުސާސަކީ މި ބޭފުޅާ މި ދައްކަވަނީ ހަމަ ތެދު ވާހަކަބާވައޭ، ނޫނީ ހައްދަވަނީ ރައްޔިތުންނަށް އޮޅުވާލަން ދޮގެއްބާވައޭ. އެ ދެ ބޭފުޅުންގެ ވެސް މާޒީއާއި ޓްރެކް ރެކޯޑަށް ބަލައިލީމާ، އަޅުގަނޑަށް ފެނުނީ މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ މުއިއްޒު އޮންނާނީ ޖަލުގައި، އެހެންނޫނީ ޔާމީން އޮންނާނީ ޖަލުގައި. ކޮންމެވެސް އެކަކު ފަސް އަހަރުވަންދެން އޮންނާނީ ޖަލުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައުމެއް ތަރައްގީވާނީ އެ ގައުމެއްގައި ރައްޔިތުން ދިރިއުޅޭ ހުރިހާ ސިޓީއެއް، ހުރިހާ އަވަށެއް، ހުރިހާ ބައެއް ތަރައްގީވެގެން ކަމަށާއި މި ގައުމު ތަރައްގީވާނީ މި ގައުމުގައި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއް ތަރައްގީކޮށް، ހުރިހާ ރަށަކަށް ކުރިއެރުން ހޯދައިދީގެން، ހުރިހާ އެންމެންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައިދީގެން ކަމަށެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓުންގެ ވިސްނުން މުޅިން ތަފާތުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އޭގެ އިތުރުން މި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މުއާތިނެއްގެ ވިސްނުމާއި ފިކުރާއި ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައިދީގެން. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ހުރިހާ ޕްރޮގްރާމުތައް ވަރަށް ޝާމިލުކޮށް، ވަށައިޖެހޭ ގޮތަށް، ކިޔަވައިދިނުމާއި އުނގަންނައިދިނުމާއި ތަމްރީނުކުރުމާއި ހުނަރުވެރިކަމާއި ވަޒީފާއާއި މަސައްކަތްކުރެވޭނެ ގޮތާއި ލޯނާ، ހުރިހާ އެއްޗެއް ވަށައިޖެހޭ ގޮތަށް މި ގެންދެވެނީ މުޅި ރާއްޖެ ތަރައްގީކުރުމަށްޓަކައި. އަޅުގަނޑުމެންނަށް މި ފެންނަނީ ވާދަވެރި ކެންޑިޑޭޓުން ނުކުމެ، ކޮންމެވެސް އެންމެ ތަންކޮޅެއް ތަރައްގީކުރަން ހިފައިގެން އެ ވާހަކަ ދައްކާތަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ މި ރާއްޖެ ތަރައްގީކުރުމަށް ފުރިހަމަ ތައްސަވުރެއް އޮތް، ފުރިހަމަ މެނިފެސްޓޯއެއް ގެންގުޅުއްވަނީ ހަމައެކަނި ރައީސް ސޯލިހު ކަމަށާއި ރައީސްގެ ތަސައްވުރަކީ މުޅި ރާއްޖެ ތަރައްގީކުރުމުގެ ތަސައްވުރެއް ކަމަށެވެ.