ޚަބަރު

ތަރައްގީ ގެނެސްދިނުމަށް ކުރިއަށްއޮތް ފަސް އަހަރު ނިމެންދެން ރައީސް ސޯލިހާއެކު ދެމިހުންނާނަން: ސިޔާމް

ރާއްޖެއަށް ތަރައްގީ ގެނެސްދިނުމަށް ކުރިއަށްއޮތް ފަސް އަހަރު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިހުންނަވާނެ ކަމަށް އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ކެމްޕޭން ނިމުމަށްފަހު ވެސް ރައީސާއެކު ހުންނަވާނަންތޯ އޭނާއާ އެކި ބޭފުޅުން ސުވާލުކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ރައްޔިތުންނަށް މި ދަންނަވަނީ އާނއެކޭ، އަޅުގަނޑު އިބްރާހިމް މުހައްމަދު ސޯލިހާއެކު ތަރައްގީގައި ކުރިއަށްދާން އަޅުގަނޑު މިހުރީ އަތުކުރި އޮޅާލައިގެންނޭ. އިރާދަކުރެއްވިއްޔާ ފަސް އަހަރުވަންދެން އިބްރާހިމް މުހައްމަދު ސޯލިހާއެކު އަޅުގަނޑު މި ތަރައްގީ ގެނައުމަށްޓަކައި، ރައްޔިތުންނަށް މި އުފާވެރިކަން ގެނައުމަށްޓަކައި އަޅުގަނޑުގެ ތަޖުރިބާ އާއި އަޅުގަނޑަށް ލިބިފައި ހުރި އިލްމާއި ހިލްމެއް ބޭނުންކޮށްގެން މި ތަރައްގީ ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭނެ ވާހަކަ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަޅުގަނޑު ދަންނަވަން. އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ބ. އަތޮޅުގެ ކުދިބޮޑު ރަށްތަކަށް ފަތުރުވެރިކަން ހަބޭހަށް ވަރަށް ބޮޑަށް ފެތުރިގެންދާނެ ކަމަށާއި އޭގެ ސަބަބުން ހީނުކުރާ ވަރަށް ރާއްޖޭގެ އިގުތިސާދު އެތައް ގުނައެއް މައްޗަށް ޖެހިގެންދާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ވިޔަފާރިކުރާ އެއްވެސް ވިޔަފާރިވެރިޔަކު ވިޔަފާރި ނުވެގެން އުޅޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އާންމު ރައްޔިތުންނަށް ލިބޭ ވަޒީފާތައް އެތައް ގުނައެއް ބޮޑުވެގެންދާނެ. އަދި ރަށުގެ އާބާދީގެ ހުރިހާ މީހުންނަށް ފުދުންތެރިކަން ދެ ގުނަ، ތިން ގުނަ އިތުރުވެގެންދާނެކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއް ނޫން. މި ސަބަބަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އިބްރާހިމް މުހައްމަދު ސޯލިހު ހޮވަން، އެއްބުރުން މިކަން ކާމިޔާބުކުރަން އެބަޖެހޭ އަޅުގަނޑުމެން،" އޭނާ ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ގެނެސްދެއްވާފައިވާ ތަރައްގީއަކީ އެއްވެސް މީހަކު ހަނދާން ނެތޭނެ ކަމަށް ނޫން ކަމަށާއި ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިން ރަށްރަށުގެ ރައްޔިތުން ބުނާ ބުނުންތައް ގިނަ ފަހަރު އަޑު ނާއްސަވާ ކަމަށެވެ.