މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެން/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރަށް ތާއީދުކުރަން ނިންމެވީ ގައުމީ ވެރިކޮށް ކޮށްދެއްވާނެތީކަމަށް، ކުރީގެ އެޓާނީ ޖެނެރަލް އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކައްކަވަމުން މުނައްވަރު ވިދާޅުވީ، މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވީ ކޮން ސަބަބަކާ ގުޅިގެންތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ވަރަށް ސާފޭ ޖަވާބު. އަޅުގަނޑަށް ޖެހިލުމެއްނެތި އިނގޭތޯ، އަޅުގަނޑުމެން މިކުރަމުން އަންނަ ގައުމީ މަސައްކަތަށް އެންމެ ފަހިކޮށް ވެރިކަން ގެންނާނެ ބޭފުޅަކީއޭ، ހިތުގަ ޝައްކެއްވެސް ނެތް" މުނައްވަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުން ވެސް ދަންނަ ކަމަށާއި އޭގެ ތެރޭގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އެބަތިއްބެވިކަމަށް މުނައްވަރު ވިދާޅުވިއެވެ. އެހެންކަމުން ގައުމު ކުރިއަށް އޮތް ތަނުގައި ދާނެގޮތް ވަރަށް ސާފުކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަޅުވެތިކަމަކީ އުފާވެރިކަމަށް ދެކޭ ބޭފުޅެއްކަމަށް މުނައްވަރު ވިދާޅުވިއެވެ. ރައީސް ސޯލިހު ވެރިކަން ކޮށްދެއްވަނީ އެހެން ގައުމަކަށް ނުވަތަ އެހެން ގައުމެއްގެ ދަށުވެހުރެ ކަމަށްވުމުން ރައީސް ސޯލިހު ހުއްޓުވަން ޖެހޭކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރަކީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ބޭފުޅެކެވެ. އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަންޖެހޭ ކެންޑިޑެންސީ ފޯމާއެކު ހުށަހަޅަންޖެހޭ 1،500 މީހުންގެ ތާއިދު ސޮއި ވެސް ހަމަކުރެއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން އޭނާ ނިންމެވީ އިންތިހާބުގައި ވާދަނުކުރައްވައި މުއިއްޒުއަށް ތާއީދު ކުރެއްވުމަށެވެ.
މޮރިޝަސްގެ ޗާގޯސް އައިލެންޑާ، ރާއްޖެއާ ދެމެދު އިން ވަކިކޮށް އިޓްލޮސްއިން ކުރި ހުކުމާ ގުޅިގެން މުނައްވަރު ވަނީ ރައީސް ސޯލިހަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިއެވެ. އެގޮތުން ރައީސް ސޯލިހު ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ވިއްކާލާފައިކަމަށް މުނައްވަރު ވަނީ ތުހުމަތުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު