އަންނަ ދައުރުގައި މި ރަށުގައި އިތުރު ބަނދަރަކާއި އިސްލާމިކް މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި އިރު، މިރަށުގެ މަގުތައް ހަދަން ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށްވެސް ކުޑަކޮށް ކަމަށެވެ. އެ މަސައްކަތް ރައްޔިތުންނާއި ކައުންސިލް އެދޭ ގޮތަށް މިހާރު ނިންމާފައިވާއިރު، ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ ރަށުގެ ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް މިހާރު އޭދަފުށި ހޮސްޕިޓަލުން ލިބެމުންދާނެ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީ އިތުރު ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށެވެ. އަދި ބަނދަރު ކުޑަވުމުގެ ސަބަބުން އިތުރު ބަނދަރެއް ހަދައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އިތުރު ބަނދަރެއް ހެދުމަށް ހުޅަނގު އުތުރުފަރާތުގައި ނިންމައި، އެކަމުގެ ޕްލޭނެއް ކޮށްފި. ލަސްތަކެއް ނުވެ، މި މަސް ނިމުމުގެ ކުރިން މި އަންނަ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ދާތަން ތިބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކުރައްވައި ރައީސް ވިދަޅުވީ، އެކަމަށް ޕްލޭނެއް އެބަ އޮތް ކަމަށެވެ. އެގޮތުން އަންނަ ދައުރުގައި ރައްޔިތުންނަށް ބޭނުންވާ ރަނގަޅު، ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިންގާނެ ކަމަށް ވިދާޅުވިއެވެ.
"މި ރަށަކީ ދީނީ ހޭލުންތެރިކަން ބޮޑު ރަށެއް. ދީނީ އިލްމު އުގެނެން ބޭނުންވާ ބަޔަކު އުޅޭ ރަށެއް. މި ފެށޭ ދައުރުގެ ތެރޭގައި މި ރަށުގައި އިސްލާމިކް މަރުކަށެއް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އާ ބަނދަރާއެކު މޫދަށް އެރުމަށް ބީޗެެއްވެސް ހަދާނެ ކަމަށާއި ޒުވާނުންނަށް ރަނގަޅު ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.