މިމަހުގެ 25 ވަނަ ދުވަހު މަޑަގަސްކަރައިގައި ފަށަން ތައްޔާރުވެފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ އާއި ގައުމީ ޓެނިސް ޓީމުގެ މުހައްމަދު ފާއިހް ފަޒީލް (ފާއީ)އަށް ދީފިއެވެ.

ދީމާއާއި ފަޒީލަކީ ރާއްޖޭގެ ފްލެގް ބެއަރާކަން އިއުލާނުކުރީ އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އިއްޔެގެ އިވެންޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެއިން މިފަހަރު ދާ ކޮންޓިޖެންޓާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަދި ފަސްޓް ލޭޑީ މެޑަމް ފަޒުނާ އަހުމަދު ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ އިވެންޓެކެވެ.

އިއްޔެގެ އިވެންޓްގައި ރާއްޖޭގެ ދިދަ، ދީމާއާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދީމާ އަކީ އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ގެނެސްދިން އެއް އެތުލީޓެވެ. އަދި ފާއިހް ވެސް ވަނީ ޓެނިހުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައި، މީގެ ކުރިން އައިއޯއައިޖީގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގައި 280 އަށް ވުރެ ގިނަ މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން އެތުލީޓުންގެ ޖުމުލަ އަދަދަކީ 176 އެވެ.

އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ކުޅިވަރުތައް ކުރިއެރުވުމަށް ވެދެވޭނެ ހުރިހާ އެހީތެރިކަމެއް ދިނުމަށް ފަހު، މި ފަހަރުގެ އައިއޯއައިޖީން ގިނަ ކާމިޔާބީތަކަކަށް އުންމީދު ކުރައްވާ ކަމަށެވެ.

އިވެންޓްގައި އެތުލީޓުންގެ ފަރާތުން ވާހަކަ ދެއްކީ އައިޝަތު ރަފާ ނާޒިމެވެ. ރަފާގެ ވާހަކައިގައި އަލި އަޅުވާލައިފައިވަނީ ކުޅިވަރު ކުޅުންތެރިން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ރާއްޖޭގެ އެންމެންގެ އެއްބައިވަންތަކަމަށް އޭގެ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށާއި ކުޅިވަރު އެތުލީޓުން ކާމިޔާބު ހޯދަން ކުރާ ބުރަ މަސައްކަތުގެ މައްޗަށެވެ.