ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލިޔާސް ލަބީބަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއެކު ނ. ވެލިދޫއަށް އިއްޔެ ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ހިތާމަވެރި ކަމަކަށް ދިމާވީ އެމްޑީޕީން 2018 އަށް ހުށަހެޅި މެނިފެސްޓޯގައި ހިމެނި، 18 މަސްދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ބުނާ ބުނުމަށް ރައީސް ސޯލިހު އަމަލު ނުކުރެއްވުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ޑިމޮކްރެކްޓްސް އިން ރިޔާސީ އިންތިހާބަށް ކުރިމަތިލަނީ ތަންދޮރު ދަންނަ ޒުވާން ކެންޑިޑޭޓަކާ އެކުގައި ކަމަށާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ދެވަނަ ބުރަކަށް ދާނެ ކަމަށާއި އިންތިހާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އެކި ބޭފުޅުން ލައްވައި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ގުޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް ދެވަނަ ބުރެއްގައިވެސް ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަަރައިވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައީސް ސޯލިހު އެކިއެކި ބޭފުޅުން ލައްވައި އަޅުގަނޑުމެންނަށް ގުޅުއްވޭތޯ އެބަ ބައްލަވާ، ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ސޯލިހާއެކުގައެއް. އަޅުގަނޑުމެން ރައީސް ސޯލިހު ތިން ވަނަ އަށް ނުލައި ހުއްޓައެއް ނުލާނަން" ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ސޯލިހު ވާދަކުރައްވާއިރު، އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ޗެލެންޖަކަށް ވާނީ ޕީޕީއެމް ކަމަށާއި އެހެން ޕާޓީތަކަކީ ޗެލެންޖެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ނަޝީދުގެ ޑިމޮކްރެޓްސްވެސް ހިމެނެއެވެ.