އެމްޕީއެލްގައި ހިންގި 8.7 މިލިޔަން ރުފިޔާގެ ތެޔޮ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ޗީފް މެނޭޖަރުކަމުން ވަކިކުރި ސ.ފޭދޫ ވާރުގެ މުހައްމަދު އައިމަން އަށް އަލުން ވަޒީފާ ދިނުމަށާއި، ބަދަލު ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ބާތިލުކޮށް، އޭނާއަށް އެއްރުފިޔާގެ ބަދަލެއް ދޭން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެކެއް ޖެނުއަރީ 2020 އިން ފެށިގެން 12 އޮކްޓޯބަރު 2020 އާ ދެމެދު އެމްޕީއެލްގައި ހިންގާފައިވާ ތެލުގެ ހިޔާނާތުގައި އައިމަން ޝާމިލުވާ ކަމަށް ތަހުގީގަށް ސާބިތުވުމާ ގުޅިގެން 23 މާރިޗް 2021 ގައި އައިމަން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރިއެވެ.

އެކަމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ، ވަޒީފާގެ އެއްބަސްވުމާއ،ި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ އައިމަންގެ ފަރާތުން އެމްޕީއެލްއާ ދެކޮޅަށ،ް 17 މެއި 2021 ގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މިމައްސަލައިގައި އައިމަން އެދިފައި ވަނ،ީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވާތީ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އަލުން ވަޒީފާ އިޔާދަ ކޮށްދިނުމަށެވެ. އަދި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އެދިފައިވެއެވެ.

ޓްރައިބިއުނަލުން އެ މައްސަލަ ނިންމީ، އައިމަން ވަޒިފާއިން ވަކިކުރީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ކަމަށެވެ.

އެހެންކަމުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، އައިމަން އަދާކުރަމުން ދިޔަ ވަޒީފާއަށް އޭނާ އަނބުރާ ރުޖޫއަކުރުމާއެކު ވަޒީފާ އަދާކުރަމުންދިޔަ އިރު މަހު މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 8،500 ރުފިޔާ އާއި އިނާޔަޔްތަކުގެ ގޮތުގައި މަހަކު އެވްރެޖްކޮށް ލިބެމުންދިޔަ 10،515 ރުފިޔާގެ ނިސްބަތުން އައިމަން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިމުމާ ހަމައަށް، އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައ،ި 27 ޖަނަވަރީ 2022 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަންތައްތައް ފުރިހަމައަށް ތަންފީޒުކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް، އެމްޕީއެލްގެ މައްޗަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.

އެކަމާ ގުޅިގެން އެމްޕީއެލްއިން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ. ހައިކޯޓުގައި އެމްޕީއެލްއިން މައިގަނޑުގޮތެއްގައި ވާހަކަ ދައްކާފައިވަނ،ީ އައިމަންގެ މައްޗަށް ކުރެވުނު ހިޔާނާތުގެ ތުހުމަތާ ގުޅިގެނ،ް ކުރި ތަހުގީގުން މި ހިޔާނާތުގައި އައިމަން ބައިވެރިވެފައިވާކަމަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށެވެ. މި ސަބަބުތަކަށް ބަލާއިރ،ު އެމްޕީއެލް އާއި އައިމަން އާ ދެމެދު އޮތް އިތުބާރުގެ ގުޅުން ނެތިގެން ގޮސްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. ވީމ،ާ އައިމަންގެ ވަޒީފާ ރުޖޫއަކޮށްދޭން ޓްރައިބިއުނަލުން ނިންމި ނިންމުން ގާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އައިމަންގެ ވަޒީފާ އަލުން އިއާދަކުރަން ޓްރައިބިއުނަލުން އަންގާފައިވާ ބައި ބާތިލުކޮށް އައިމަންއަށް ވަޒީފާ އަލުން ދޭން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައި ދިނުމަށް އެމްޕީއެލުން ހައިކޯޓުގައި އެދުނެވެ.

ތެލުގެ ހިޔާނާތުގައި އޭނާ ބައިވެރި ނުވާ ކަމަށާއި، އެއީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫންކަމަށް ބުނެ، އައިމަންގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރާނެ ޝަރުއީ އަދި ގާނޫނީ އުސޫލެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.

މި މައްސަލަ ބެއްލެވި، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ޗީފް މެނޭޖަރު އައިމަން އަކީ ކުންފުނީގެ ސްޓޯރާ ހަވާލުވެ ހުންނަ ފަރާތް ކަމަށާއި، ވެހިކަލް ވެސަލްސްތަކަށް ތެޔޮއެޅުން އަދި ތެލުގެ ރެކޯޑް ބެލެހެއްޓުމަކީ ޗީފް މެނޭޖަރު އައިމަންގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ވީމ،ާ މެނޭޖަރަކާއި އަދި އިތުރު މުވައްޒަފަކު ފޮނުވައިގެން އެކަންތައް ކުރުވިނަމަވެސް އެމީހުން އެކަން އެކުރަނީ ކަނޑައެޅިފައިވާ ހަމަތަކުގެ މަތިންތޯ ބެލުމަކީ ޗީފް މެނޭޖަރުގެ ކިބައިން ބަރީއަ ވެވޭނެ މަސްއޫލިއްޔަތެއް ނޫންކަމަށެވެ. އަދި 8 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ހިޔާނާތެއް ވެއްޖެކަން ފަޅާ އެރުމުން އެ ހިޔާނާތުގެ ކަންކަން ޗީފް މެނޭޖަރު އައިމަންއަށް އެނގިފައި ނެތޭ ބުނުމުން، އެކަމާ އަޖައިބުވެ އަންތަރީސްވަމޭ ބުނެ ނިންމާލުމަކީ ސަލާމަތް ބުއްދި ހުރި މީހަކު ކުރާނެ ކަމެއްނޫން ކަމަށާއި، މި މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، ފާޅުކޮށް ފެންނަން އޮތީ، އައިމަންގެ ބައިވެރިވުން މިކަމުގައި އޮތް ގޮތާއި އޭނާގެ އިހުމާލާއި ފަރުވާކުޑަކަން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރައްވައި، ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އައިމަނަށް އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލުކުރާ ކަމަށެވެ. އަދި އައިމަން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އޭނާއަށް ދޭން ޖެހޭ މުސާރައެއް އަދި އިނާޔަތެއް ނެތްކަމަށް ކަނޑައަޅައި، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައި ވާތީ ނޮމިނަލް ބަދަލެއްގެ ގޮތުން އައިމަންއަށް އެއްރުފިޔާ ނަގައިދިނުމަށް ކަނޑައަޅައި، އެ އެއްރުފިޔާ އައިމަނަށް ހަވާލު ކުރުމުގެ ގޮތުން، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ޓްރައިބިއުނަލަށް ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.