ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް އެޕާޓްމެންޓުން ފުލެޓު ލިބުނު މީހުންނަށް މާދަމާ ތަޅުދަނޑި ހަވާލުކުރަން އާބަންކޯއިން ނިންމައިފިއެވެ.
އާބަންކޯއިން މިއަދު ބުނީ ފުލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި ވިނަރެސް 10 ވަނަ އިމާރާތުގައި ކަމަށެވެ.
ވިނަރެސް ފުލެޓު ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މީގެ ކުރިން އެގްރީމެންޓުގައި ސޮއިކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ފުލެޓުތަކަށް ޑައުންޕޭމަންޓު ދައްކައިފައެވެ.
އެ ފުލެޓުތައް ލިބުނު މީހުންގެ ދާއީމީ ލިސްޓު އާބަންކޯއިން އާންމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ލިސްޓުގައިވާ ގޮތުން 295 މީހުންނަށް ވަނީ ފުލެޓް ލިބިފައެވެ. ވިނަރެސް ފުލެޓު ގަތުމަށް 1،400 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުންކަމަށް އާބަންކޯއިން ވަނީ ކުރިން ބުނެފައެވެ.
ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭން ނިންމިއެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓު ހާއްސަކޮށްފައިވެއެވެ.
800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. އަދި ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.
ވިހި އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ.
ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހެއެވެ. އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު