ޚަބަރު

ޑރ. ވަހީދުގެ ރައްދެއް މުއިއްޒަށް: ކުޑަކުޑަ ޕާޓީއަކުން ނުކުމެ ޕީޕީއެމްގެ ކެންޑިޑޭޓުކަމަށް ބުނުމަކީ އޮޅުވައިލުމެއް!

އިބްރާހިމް ޒަކީ

ތިމަންނާއަކީ އިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށްބުނެ، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވާ ކަމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި، ށ. ފުނަދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޮއިސްއެއް ނޫން ކަމަށެވެ. "އެއީ އަޅުގަނޑުމެން މި ހާލަތަށް ވައްޓައިލީ އެމްޑީޕީން، ރާއްޖެ ދެކެ ލޯބިވާ ރައްޔިތަކު އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދެއްވާނެކަމަަށް ގަބޫލެއްނުކުރަން، އެހެންވީމަ އެއީ ނެތް ކެނޑިޑޭޓެއްކަމަށް ބައްލަވާ!،"

ދެން އޮތް އެންމެ ބޮޑު ޕާޓީއަކީ އިދިކޮޅު ޕީޕީއެމްކަން ފާހަގަ ކުރައްވައި، ޑރ. ވަހީދު ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނަވަން ހުންނެވި ނަމަވެސް، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ނުކުރާ ކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ ވޯޓިން ޕެލެޓުގައި ޕީޕީއެމްގެ ކުލަވެސް ނެތް ކަމަށެވެ.

"އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް، އަޅުގަނޑަށް ދައްކަވާ ބައްލަވާ ޕީޕީއެމްގެ ކެންޑިޑޭޓެއް، އަޅުގަނޑު ހުރީ ޕީޕީއެމުން ނިކުންނަން، އެ ފުރުސަތު ނުދެއްވި ވޯޓު ލުމުގެ ފުރުސަތުވެސް ނުދެއްވީ، ޕީޕީއެމްގެ ކެބިނެޓް، ޕީޕީއެމްގެ ސެނެޓް ބާއްވައިގެން ވޯޓު ލައިފަހުރި ކެންޑިޑޭޓެއް ނެތް މިއަދަކު، ނަތީޖާއަކީ އިންތިހާބުގެ ވޯޓް ޕެލެޓުގައި ޕިންކް ކުލަވެސް ނެތީ ވަހެއްވެސް ނެތީ،"

ޑރ. މުއިއްޒަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ޕީޕީއެމްގެ ނަމުގައި ނިކުމެ ވަޑައިގެން އުޅުއްވާ ކެންޑިޑޭޓަކީ ކުޑަކުޑަ ޕާޓީއަކުން ނިކުމެ އުޅުއްވާ ކެނޑިޑޭޓެއް ކަމަށެވެ. އަދި އެއީ ހީލަތާއި މަކަރުން ކުރިއަށް ގެންދާ ބޮޑު އޮޅުވާލުމެއްކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު މަކަރާއި ހީލަތުން ކުޑަކުޑަ ޕާޓީއަކުން ނިކުމެ ތިމަންނަ މީ ޕީޕީއެމްގެ ކެންޑިޑޭޓޭ ކިޔައިގެން، ކޮބައިތޯ ޕީއެންސީގެ ކުލަ އަޅުގަނޑަކަށް ނުފެނޭ ޕީއެންސީގެ ކުލައެއް، ޕީޕީއެމްގެ ކުލަ ހުރީ، އެކަމަކު ޕީޕީއެމްގެ ކެންޑިޑެޓެއް ނެތޭ، މީ ކިހާބޮޑު އޮޅުވާލުމެއްތޯ، އެހެންވީމަ މިހާބޮޑު އޮޅުވާލުމާއި މަކަރާއި ހީލަތުން ވެރިކަމަށް އަންނަން މަސައްކަތްކުރާ ބަޔަކު ވެރިކަމަށް ގެނައިމަ ދެން އަދި ކިހާބޮޑު މަކަރާއި ހީލަތެއް ހަދާނެތޯ، ކޮބައިތޯ އިތުބާރު ރައްޔިތުންގެ،"

ޑރ. ވަހީދު ވިދާޅުވީ އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރެވޭނެ ހުންނެވީ އެންމެ ކެނޑިޑޭޓެއްކަމަށެވެ. އެއީ ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށްވެސް ވިދާޅުވިއެވެ.