ރޯމަސް ގަންނަން ލިބޭ އަގު 20 ރުފިޔާއަށް ކުޑަކޮށް، ބޮޑުކަންނެލީގެ އަގު 80 ރުފިޔާއަށް ކުޑަކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. ދިއްގަރަށް ވަޑައިގެން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަސްވެރިކަމާ ބެހޭ ޗެޕްޓަރަކީ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއް ޗެޕްޓަރު ކަމަށާއި އެމަނިކުފާނުގެ ތަސައްވަރަކީ ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތް ނަގައި ކޮޅަށް ޖެއްސެވުން ކަމަށެވެ.

"އެގޮތުން ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ، އަޅުގަނޑުމެން ގަސްދުކުރާ ގޮތަކީ ރާއްޖޭގައި ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން ކަމަށް އަޅުގަނޑު އިއުލާންކުރަން،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސް ގަންނަ އަގު ކުޑަކުރުމަށްޓަކައި މަސް ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތައް ހުންނާނެކަން މަސްވެރިން ވެސް ގަބޫލުކުރާނެ ކަމަށާއި ނަމަވެސް އެ އަމާޒު ހާސިލުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މ. އަތޮޅު ވިޔަސް، އުތުރު ވިޔަސް، ދެކުނު ވިޔަސް، ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކީގައި މަސްވެރިންނަށް އޭގެ އަގު ޔަގީންވެގެންދާނެ. އެއީ އަޅުގަނޑުމެން މަސައްކަތްކުރާނެ އަމާޒަކަށް ވާނެކަން ޔަގީންކޮށް އަރުވަން. އެހެންވީމާ ތިބޭފުޅުން ފުރުސަތު ދެއްވައިފިއްޔާ، އަޅުގަނޑުމެން އެ އަގުގައި ހިފަހައްޓައިދޭނަން. އެ ހިސާބަށް ގެންގޮސް، ހިފަހައްޓައިދޭނަން،" އޭނާ ވިދާޅުވިއެވެ.

މ. މުލަކަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ބޮޑުކަންނެލި ގަންނަން ލިބޭ އަގަށް ވެސް ބަދަލު ގެންނާނެކަން އިއުލާންކުރައްވައިފައެވެ. އަދި އެކަމަށް ވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ކޮންމެ ފެކްޓަރީއަކަށް، އެއީ ޕްރައިވެޓް ފެކްޓަރީއަކަށް ވިޔަސް، ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާއަށް ހެދުމަށާއި، އަދި އޭ ގްރޭޑް ކަންނެލި އެންމެ ދަށްކޮށް 100 ރުފިޔާއަށް ގަނެވޭގޮތަށް ހެދުމަކީ އަޅުގަނޑުމެންގެ މަގުސަދުކަން އަޅުގަނޑު އިއުލާންކުރަން. އަޅުގަނޑުމެން ޖެހޭނީ އެކަމަށް މަސައްކަތްކޮށްގެން އެކަން ހާސިލުކުރަން. އެކަމަކު އަޅުގަނޑުމެންގެ މަގުސަދަކީ، އަޅުގަނޑުމެންގެ ޓާގެޓަކީ، އަޅުގަނޑުމެންގެ ޕޮލިސީއަކީ އެއީކަން އަޅުގަނޑު މި އިއުލާންކުރަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލް ވިއްކަމުންދަނީ އަގުބޮޑުކޮށް ކަމަށާއި އެހެންކަމުން ޑީސަލާއި ޕެޓްރޯލް ގަންނަން ލިބޭ އަގު މަސްވެރިންނަށް ހެޔޮކޮށްދެއްވާނެ ކަމަށެވެ.