ބޭރު ކުޅިވަރު

ޗެލްސީ ހަރަދުކުރާ ގޮތަށް ސިޓީން ހަރަދުކުރާނަމަ، "ދުވަސް ދުއްވާލާނެ": ގާޑިއޯލާ

ޗެލްސީން ހަރަދުކުރާ ގޮތަށް މެންޗެސްޓާ ސިޓީން ހަރަދުކުރާނަމަ، އެކަންކަން ސީރިއަސް ކަންކަމުގެ ގޮތުގައި ބަލައި، ސިޓީއަށް އުނދަގޫތައް ކުރިމަތިކުރުވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޗެލްސީގެ އާ ވެރިން ކްލަބާ ހަވާލުވިފަހުން ޓްރާންސްފާތަކަށް އެ ކްލަބުން މިހާތަނަށް ޖުމުލަ 850 މިލިއަން ޕައުންޑްގެ ހަރަދުކޮށްފިއެވެ. ފީފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ އުސޫލުން ބޭރުން ޗެލްސީން ކަންކަން ހިންގާ ކަމަށް ގިނަ ބަޔަކު ޝައްކު ކުރަމުންދާ އިރު، ޗެލްސީން މިހާރު ކުޅުންތެރިން ގެންދިއުމުގައި ބޭނުންކުރާ އުކުޅަކީ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމެވެ. ދިގު މުއްދަތަކަށް ސޮއިކުރުމުން ފައިނޭންޝަލް ފެއާ ޕްލޭ އުސޫލުން ބަލާ އިރު، ކުޅުންތެރިޔަކަށް ކުރާ ހަރަދު ބެހިގެން ދަނީ އަހަރުތަކުގެ މައްޗަށެވެ.

މި ހަފުތާގެ ލީގު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ސިޓީން އެގޮތަށް ކުޅުންތެރިން ގެންދަން ހަރަދުކުރާ ނަމަ، އެކަން ބަލައި ސިޓީ "މަރާލާނެ" ކަމަށެވެ.

"އަހަރެން މި ބުނަނީ ޗެލްސީ ހަރަދުކުރާ ގޮތަށް ސިޓީން ކުރާނަމަ އެކަން ބަލައި ސިޓީގެ ދުވަސް ދުވައްވާލާނެ ކަމަށް، މަރާލާނެ ކަމަށް. އަހަރެން ޗެލްސީއަށް ފާޑުކިޔަނީކީ ނޫން. މި ބުނަނީ ޗެލްސީއަށް ފަސޭހައީއޭ އެގޮތަށް ފައިސާ ތަޅަންވެސް. އެޓީމުން ބޭނުން ގޮތަކަށް ހަރަދުކުރަމުން އެ ދަނީ. އަހަރެމެން އެގޮތަށް ހަރަދުކުރާނަމަ، އެންމެންވެގެން އެކަން ބަލަން އުޅޭނެ،" ގާޑިއޯލާ ބުންޏެވެ.

ނިމިގެންދިޔަ ޓްރާންސްފާ ސީޒަނުގައި އެކަނިވެސް އަށް ކުޅުންތެރިޔަކަށް ޗެލްސީން ވަނީ 323 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. އެއީ ޔޫރަޕްގެ ކްލަބަކުން މި ޓްރާންސްފާ ސީޒަނުގައި ކޮށްފައިވާ އެންމެ ބޮޑު ހަރަދެވެ. އަދި އެއީ އެއް ޓްރާންސްފާ ސީޒަނެއްގައި ކްލަބަކުން މިހާތަނަށް ކުރި އެންމެ ބޮޑު ހަރަދުވެސް މެއެވެ. އެ ރެކޯޑު ކުރިން އޮތީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 292 ޕައުންޑް ހަރަދުކުރި ރެއާލް މެޑްރިޑް އަތުގައެވެ.

ޑުބާއީގެ ޝެއިހް މަންސޫރު 2008 ވަނަ އަހަރު ސިޓީ ގަތް ފަހުން، ޕްރިމިއާ ލީގުގެ އުސޫލުން ބޭރުން ހަރަދުކޮށްގެން 115 މައްސަލައެއްގައި ޖަވާބުދާރީވާން ޖެހުނެވެ. އަދި 2020 ވަނަ އަހަރު ސިޓީއަށް ވަނީ ފައިނޭންޝަލް ފެއާ ޕްލޭއާ ހިލާފުވެގެން އަ ދުވެސް އައިސްފައެވެ. އެފަހަރު ސިޓީ ދެ އަހަރަށް ޔޫރަޕް މުބާރާތްތަކުން ސަސްޕެންޑް ކުރި ނަމަވެސް، ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް އިސްތިއުނާފުކޮށް، ސިޓީން މައްސަލަ ކާމިޔާބުކުރިއެވެ.