ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ހިންގުމުގައި މަސްވެރިންގެ ހިއްސާ އޮންނަ ގޮތް ހަދައި މަސްވެރިންނަށް ލޯނު ލިބޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ އިސްކަމެއްދެއްވާނެ ކަމަށާއި އެގޮތުން މަސްވެރިކަން ކުރިއެރުވުމަށް، މަސްވެރި އުޅަނދުތައް ބަނުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރި އުޅަނދުތައް ބަނުމުގައި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ލޯނު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންނަކީ މުވައްޒަފުންގެ ގޮތުގައި ބޭންކުތަކުން ބަލައިނުގަންނަ ކަމަށެވެ.
"އެހެންވީމާ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި ތައާރަފްކުރަން ޖެހޭ ލީގަލް ޑޮކިއުމަންޓްތައް ހަދައި، މަސްވެރިންގެ ހާއްސަ ދަފްތަރެއް ހަދައި، އެ ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަކީ މުވައްޒަފުންގެ ގޮތުގައި ރިކޮގްރައިޒް ކުރެވި ބޭންކްތަކުން ލޯނު ނެގުމުގައި ފަސޭހަ ގޮތް މަސްވެރިންނަށް އަޅުގަނޑުމެން ފަހިކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މިފްކޯގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ހިންގުމުގައި މަސްވެރީންގެ ހިއްސާ އޮންނަ ގޮތް ހަދައިދެއްވާނެ ކަމަށެވެ.
"..، އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރީ މަސްވެރިންގެ ކޯޕަރޭޓް ސޮސައިޓީއެއް ގާއިމްކޮށް، އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި އަދި އެ ސޮސައިޓީގެ ފަރާތުން މިފްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި މެންބަރަކު ހިމެނުން. އޭރުން މިފްކޯގެ ހިއްސާދާރުންގެ ގޮތުގައި އެ ވަނީ ސީދާ މަސްވެރިން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މެދުރާއްޖެ ތެރޭގައި މަސް ބަންދުކޮށް ޕްރޮސެސް ކުރާނެ ފެކްޓަރީއެއް ނެތް ކަމަށާއި އެހެންކަމުން އޭނާގެ ވެރިކަމެއްގައި ދ. މާދެރީގައި ސަރަހައްދީ ފެންވަރުގެ މަސް ބަންދުކުރާ ފެކްޓަރީއެއް އަޅައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު