"ބިންވެރިޔާ" ސްކީމްގެ ގޯތީގެ ގުރު ނެގުން ދިގުލައިގެން ދާތީވެ، ގައުމީ ދަނޑުގައި ކުރިއަށްދާ އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފިއެވެ.

މިއީ ގޯތި ދިނުމުގެ އިވެންޓަށް މެޗުތައް ފަސްކުރަން ޖެހުނު ދެވަނަ ފަހަރެވެ. ފުރަތަމަ މެޗުތައް ފަސްކުރަން ޖެހުނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މިހަފުތާގެ މެޗުތައް މިމަހުގެ 16 އަދި 17 ވަނަ ދުވަހަށް ފަސްކޮށްފައިވާ އިރު، މެޗުތައް ފަސްކުރީ ސަރުކާރުގެ އިވެންޓަކަށް ޔޫތު މިނިސްޓްރީން އެދިގެން ކަމަށްވެސް އެފްއޭއެމްއިން އެފަހަރު ބުނެފައިވެއެވެ.

އެ މެޗުތައް އިއްޔެ ކުޅެން ފުރަތަމަ ތާވަލުކުރި ނަމަވެސް، ހައުސިން މިނިސްޓްރީގެ އެދުމަށް ރަސްމީ ދަނޑު ދޫކުރި މުއްދަތު އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާތީ، މިހާރު އަނެއްކާ ވެސް ދިވެހި ޕްރިމިއާ ލީގު ފަސްކުރަން ޖެހިފައިވާ ކަމަށް އެފްއޭއެމުން ރޭ ވަނީ މީޑިއާގައި ބުނެފައެވެ. މެޗުތައް އަލުން ތާވަލުކޮށް، ޝެޑިއުލް ވީ އެންމެ އަވަހަކަށް ނެރޭނެ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

މިފަހަރުގެ ލީގަށް މިހާތަނަށް ގިނަ މެދުކެނޑުތަކެއް އައިސްފައިވެއެވެ. ފުރަތަމަ ސީޒަން ފަށައިގެން ކޮންމެ ކްލަބަކުން ތިން މެޗު ކުޅުނުތަނާ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލީގު ވަނީ މެދުކަނޑާލަން ޖެހިފައެވެ. އަދި ސާފް ޗެމްޕިއަންޝިޕް ފެށުމަށްފަހު ޖުލައި 26ގެ ކުޅިވަރުތަކަށް ދަނޑު ބޭނުން ކުރުމަށްވެސް ލީގު މެދުކަނޑާލަން ޖެހިފައިވެއެވެ.

ބްރޭކްތަކާއެކު ލީގު ކުރިއަށްދާ އިރު، މާލޭގައި ފެތުރެމުންދާ ރޯގާގެ ސަބަބުން ބައެއް ޓީމުތަކުން ވަނީ ލީގު މެޗުތައް ދޫކޮށްވެސްލައިފައެވެ. އެހެންކަމުން ބައެއް މެޗުތައް ނުކުޅެ، ޓީމުތަކަށް މެޗުތައް ލިބިފައިވެސް ވެއެވެ. މިއަހަރުގެ ލީގު ފެށުމުގައިވެސް ލަސްތަކެއް ކުރިމަތިވެފައިވާ އިރު، ކްލަބުތަކުގެ ފައިސާގެ ހާލަތު އަދިވެސް އޮތީ ދަތި ކޮށެވެ. އަދި ބެލެވޭ ގޮތުގައި ދަނޑުގެ މަރާމާތަށް ހުޅުމާލެއަށް މެޗުތައް ބަދަލުކުރުންވެސް އެކަށީގެންވެއެވެ. އެއީ ކޮން މުއްދަތެއްގައި ފެށޭނެ މަރާމާތެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ލީގު މެދުކެނޑޭތީ އެކަމުގެ ކަންބޮޑުވުން ކޯޗުން ފާޅުކޮށްފައިވާ އިރު، ކޯޗުން ދެކޭ ގޮތުގައި ލީގު ނުކުޅެ ހުއްޓާލައިގެން ތިބޭ ނަމަ، އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންއަށް އަސަރު ކުރާނެއެވެ.