ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ ގާނޫނީ ހަމައެއް ނެތް ކަމަށާއި އެކަން ޔާމީނަށްވެސް އެނގެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން އެޗްކިޔުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕޯޑިއަމްތަކަށް އަރާވަޑައިގެން ގާނޫނީ ހަމަތަކުގެ ތެރެއިން ޔާމީން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"ހުރިހާ ކޯޓުތަކުން އެ ދަނީ ނިންމަމުން ޔާމީނަކީ ކުށްވެރިއެއް ކަމަށް. ދެން ގާނޫނީ ހަމައެއް ކޮބައިތޯ؟ ޔާމީން ދޫކޮށްލައްވާނެ އެއްވެސް ހަމައެއް ނޯންނާނެ. ޔާމީނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒަކީ އެމްޑީއޭ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމްގައި އުޅުއްވި ބޭފުޅެއް ކަމަށާއި ޕީއެންސީއަށް ބަދަލުވީވެސް ރިޔާސީ ޓިކެޓުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން މުއިއްޒަކީ ޔާމީނަށް ވަފާތެރިވާނެ ބޭފުޅެއް ނޫން ކަމަށާއި މުއިއްޒަކީ އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅެއް ކަމަށްވެސް މާރިޔާ ތުހުމަތުކުރެއްވިއެވެ.

ޑރ. މުއިއްޒަކީ ޕީއެންސީ/ސަލަފު ޖަމިއްޔާގެ ކެންޑިޑޭޓެއްކަން ތަކުރާރުކުރައްވާ މާރިޔާ ވިދާޅުވީ، ސަލަފު ޖަމިއްޔާއަށް، އެޑިއުކޭޝަން މިނިސްޓްރީ ދިނުމަށް މަޝްވަރާތަކެއް ކުރި ކަމަށް ވާހަކަދެކެވޭ ކަމަށެވެ.