ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅު، ނޮވެމްބަރު/ޑިސެމްބަރަށް ބަދަލު ކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ޖޫން/ޖުލައި އަށް ބަދަލުކޮށްފައިވަނީ މި ސަރުކާރުންނެވެ. އެ ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެ ބަދަލާ ގުޅިގެން ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޖޫން/ޖުލައިގެ ގަދަ ވިއްސާރައާ ބަންދު ދިމާވާތީ، ދަތުރު ނުކުރެވި ބޮޑު ޗުއްޓީ ބޭކާރުވާ ކަމަށްބުނެ ކަންބޮޑުވުންތައް ފާޅުކުރިއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ސަރުކާރުން ގެނައި އެއް ބަދަލަކީ ސްކޫލުތަކުގެ ބޮޑު ބަންދު ޑިސެމްބަރުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުން ކަމަށެވެ.

"ޖޫން ޖުލައިއަށް ބަދަލު ކުރީމާ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. ދަތުރުފަތުރެއް ނުކުރެވޭ. އޭގެ ސަބަބުން އެ ބަންދުގެ ބޮޑުބައި ގެއްލިގެން ދަނީ. އަނެއް ކަމަކީ ޖުލައި 26 އާދެ. އައުމުން މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ ކުދިން އެބަ ޖެހޭ މަޑުކުރަން ޕްރެކްޓިސް ކުރަން. މަޑު ކުރީމާ ބޮޑު ބަންދުގެ ބޮޑުބައެއް އެބަ ގެއްލޭ. މިފަދަ އެތައް ކަމެއް ވެގެން ވަރަށް ގިނަ ބެލެނުވެރިން ވަރަށް ގިނަ ކަންބޮޑުވުންތައް ފާޅުކޮށް ސަރުކާރަށް ތަކުރާރުކޮށް އެކަން ހުށަހަޅަމުންދިޔަ ބޮޑު ބަންދު މިއޮތީ ނުބައިކޮށޭ ބަދަލުކޮށްފައި. ކުރީގައި އޮތް ގޮތަށް މާ ރަނގަޅޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބަދަލު ގެނައި އެއް ސަބަބަކީ ޓޫރިޒަމް ސެކްޓާގައި އުޅޭ ބައެއް ފަރާތްތަކުން އެކަމަށް އެދިގެން ކަމަށެވެ. އެކަމަށް އެދުނީ އަހަރުގެ ފަހުކޮޅު ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާތީ ކަމަށެވެ.

"އެހެންވެގެން ގެނައި ބަދަލުގެ ސަބަބުން އެބޭފުޅުންނަށްވެސް ބޭރަށް ދެވެނީކީއެއް ނޫން މިހާލަތުގައި. މި ގެނައި ބަދަލު ވެގެން މިދިޔައީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލަކަށް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި 2025 ވަނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ އަހަރުގެ ފަހު ކޮޅަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާނެ ކަމަށެވެ.

"ޑިސެމްބަރަށް އަނބުރާ ގެންނަން ވަގުތު ބޭނުންވާނެ. މިހާރު އޮތް ގޮތަށް ކުރިއަށްދާއިރުގައި އެ ރޯލްވާ ރޯލްވުން އަނބުރާ ޖެނުއަރީގައި ދިރާސީ އަހަރު ފެށޭ ގޮތަށް ދެން ބަދަލު ކުރެވޭނީ 2025ގެ ޖެނުއަރީގައި. 2025ގެ ޖެނުއަރީގައި ދިރާސީ އަހަރު ފެށީމައި އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ބޮޑު ބަންދު އަންނާނީ ޑިސެމްބަރަށް. އެގޮތަށް ބަދަލު ކުރީމައި އަނެއްކާވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޓޫރިޒަމް ސެކްޓާގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް އެ ސެކްޓާގެ ވިޔަފާރިވެރިންނާއި އޯނަރުންނާ ވާހަކަ ދައްކައިގެން އެދެވޭނެ ހައްލެއް ގެނެވޭނެ ފޯމިއުލާނެއް ނެރެވޭނެ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކޮށް. އެފަރާތްތަކަށްވެސް އޭގެ ގެއްލުން ނުވާނެ ފޯމިއުލާއެއް ނެރެވިދާނެ ކަމަށެވެ.