މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އިންޑިއާއިން ދޫކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ހެއްކެއްކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ދީފައިވާ 30 ބިލިޔަން ރުޕީސްގެ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމުން އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން ނިންމި އެ މުހިންމު ނިންމުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާއެކު އޮންނަ ގުޅުންތައް ދަނީ ވަރަށް ބާރަށް ހަރުދަނާވަމުންކަމަށް އިރުތިޝާމް ވިދާޅުވިއެވެ. އަދި ގައުމުގެ އިގްތިސޯދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.

ރާއްޖެއިން ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން، އެމްއެމްއޭ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު)ގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ދޫކުރަން އެއްބަސްވިއެވެ. މިއީ ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އެމްއެމްއޭއިން މި ސްވޮޕް ފެސިލިޓީ ނަގާފައިވަނީ މި އަހަރުގެ އޭޕްރީލް 23 ގައެވެ. ކަރެންސީ ސްވޮޕް ފެސިލިޓީއަކީ ތިން މަހަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭސިން ފެސިލިޓީ އެކެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.

ހައި ކޮމިޝަނުން ބުނީ 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފު ކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ހައި ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން ކަރެންސީ ސްވޮޕާއި ޓީބިލް ފެސިލިޓީގެ އިތުރުން ދިގު މުއްދަތުގެ ޓީ ބޮންޑު ދެ ފެސިލިޓީއެއް ވެސް ރާއްޖެއަށް ދޫކޮށްފައިވެއެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ޓީ ބޮންޑް ދެ ފެސިލިޓީއެވެ.

މީގެ އިތުރުން ސަރުކާރުން މި އަހަރު ވަނީ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް އަނބުރާ ދައްކައިފައެވެ. އަދި ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު އިންޑިއާ ސަރުކާރުން އިޝޫކުރި 50 މިލިއަން ޑޮލަރުގެ ޓީބިލް ވެސް ދައްކައި ހަލާސްކޮށްފައެވެ. އެއީ 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މައްޗަށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަންޏެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ތިން ޓީބިލްގެ އިންޓްރެސްޓް ރޭޓް ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި އިންޓްރެސްޓް ރޭޓުގެ ގޮތުގައި 43 މިލިއަން ޑޮލަރު ދެއްކި ކަމަށެވެ.

ހައިކޮމިޝަނުން ބުނީ މި ކަރަންސީ ސުވަޕް ފެސިލިޓީ އާއި ޓީ-ބޮންޑް އަދި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދިޔަ ވަރަށް މުހިންމު އެހީއެއް ކަމަށެވެ.

އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި ސަރަހައްދީ ސަލާމަތާއި ކުރިއެރުމަށް އެކުލަވާލާފައިވާ "ވިޝަން މަހާސާގަރު" ގެ ދަށުން ރާއްޖެއަކީ އަބަދުވެސް ވަރަށް ހާއްސަ އިސްކަމެއް ދެވޭ ގައުމެއް ކަމަށެވެ. އިތުބާރު ހިފޭ، ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮވެ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު އިގުތިސޯދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ގުޅުންތައް ތަންފީޒު ކުރުމުގައި އިންޑިއާއިން ދެމި އޮންނާނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.