ސޯޝަލް މީޑިއާގައި ބަޔަކު ބަޑިއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، އެކަމާ ގުޅިގެން ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއާ ގުޅިގެން އިތުރަށް ބެލިބެލުމުން އެނގުނު ގޮތުގައި، އެއީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން އެނގުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލު ކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވާތީ، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގަށް އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަކެތި ބޭނުންކޮށްފައި ވަނީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހިމެނޭ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންކަމަށް ފުލުހުން ބުންޏެވެ.