• އއ. އުކުޅަހުން އަލީ ރިފްޝާން

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ތަރައްގީގެ ސިޔާސަތެއް ހިފައިގެން އައިސް ތިބީ އެމްޑީޕީން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ އިގުތިސާދީ ބޮޑު ބަދަލަކާ ދިމާއަށް ކަމަށެވެ.

"ކުރިއަށް މިއޮތް ފަސް އަހަރަށް އެކުލަވާލާ ތަރައްގީގެ ސިޔާސަތެއް ހިފައިގެން އައިސް ތިބި ބަޔަކީ ހަމައެކަނި އަޅުގަނޑުމެން. އިގުތިސާދީ ބޮޑު ބަދަލެއްގެ ބިންގާ އަޅުގަނޑުމެން މި އަންނަނީ އަޅަމުން. މިކަން އެއްކޮށް އަޅުގަނޑުމެންނަށް ނިންމައިލެވޭނީ އަދި ދުވަސްކޮޅެއް ލިބިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަނިޔާވެރިކަމަށް އަނބުރާ ދާން އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ ކަމަށާއި 2013 އިން 2018 އަށް އެ ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ވެރިކަމަށް ތަޖުރިބާކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ތިބޭފުޅުންނަށް ތަފާތުތަކެއް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު މި ދެންނެވިގެން އަޅުގަނޑުމެން މި ގެންދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އުފާވެރި އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައްކޮށް ނިންމަމުން. ދެން އޮތީ އެ ރާއްޖެއަށް އަޅުގަނޑުމެން ދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އުފާވެރި ދިރިއުޅުމެއް ގާއިމުކުރުމަށް އަމާން މުޖުތަމައެއް ބޭނުންވާ ކަމަށާއި ހަމައެގޮތަށް އަމާން މުޖުތަމައެއް ގާއިމުކުރުމަށް އުފާވެރި ދިރިއުޅުމެއް ވެސް ބޭނުންވާ ކަމަށެވެ.