އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް ދެވަނަ ޖާގަ، އިންގްލެންޑުން ހޯދައިފިއެވެ.

އޮސްޓްރޭލިއާ ސިޑްނީގައި އެތައް ހާސް އޮސްޓްރޭލިއާ ސަޕޯޓަރުންނެއްގެ ކުރިމަތީގައި މިއަދު ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ 1966 ވަނަ އަހަރު ފިރިހެން ޓީމުން ވޯލްޑް ކަޕް ފައިނަލަށް ގޮސް މުބާރާތް ކާމިޔާބުކުރި ފަހުން، އެގައުމުގެ ގައުމީ ޓީމުން ވޯލްޑް ކަޕެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ އަންހެން ޗެމްޕިއަނުން ކަމަށްވާ އިންގްލެންޑުން މިފަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.

މިއަދު މެޗުގެ ފުރަތަމަ ހާފުގައި އެލާ ޓޫނޭ ޖެހި ގޯލުން އިންގްލެންޑުން ލީޑު ނެގި އިރު، އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ފުރަތަމަ ހާފުގައި އިންގްލެންޑުން ރަނގަޅަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ އޮސްޓްރޭލިއާއިން ކުޅުން ރަނގަޅު ކުރިއެވެ.

ވޯލްޑް ކަޕް ފެށި އިރު އަނިޔާގައި ހުރި އޮސްޓްރޭލިއާ ކެޕްޓަން، ޗެލްސީގެ ސޭމް ކާ ހާފުގެ މެދާ ހަމައިން ފޮނުވާލި ހަމަލާ ގޯލަށް ވައްދާލާ އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ.

އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އިންގްލެންޑުން އަލުން ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޮސްޓްރޭލިއާ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ލޮރެން ހެމްޕް ޖެހި ގޯލެކެވެ. އިންގްލެންޑުން ތިންވަނަ ގޯލެއް ޖަހައި ފައިނަލް ޔަގީންކުރީ ފަހު މިނެޓު ކޮޅުގައެވެ. އެ ގޯލަކީ އަލޭސިއަ ރޫސޯ ޖެހި ފުރިހަމަ ގޯލެކެވެ.

އިންގްލެންޑާއި ސްޕެއިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަދީއްތަ ދުވަހުއެވެ. ސްޕެއިންވެސް މިފަހަރު ވޯލްޑް ކަޕް ފައިނަލަށް ދިޔައީ އަލަށެވެ.