ހަ ފަހަރަށް ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދާފައިވާ ޑާކާ އަބަހާނީ ކްލަބު އީގަލްސް ބަލިކޮށް، އޭއެފްސީ ކަޕް ޕްލޭ އޮފް މެޗުން ޖާގަ ހޯދައިފިއެވެ.
ބަންގްލަދޭޝްގެ ސިލެޓް ޑިސްޓްރިކް ސްޓޭޑިއަމްގައި މިއަދު ކުޅުނު އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ މެޗުގައި މިއަދު އަބަހާނީން އީގަލްސް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އުނދަގޫ ހާލަތެއްގައި އޮތް ދަނޑެއްގައި މިއަދުގެ މެޗު ކުޅެފައިވާ އިރު، ވަރަށް ބޮޑަށް ދަނޑު ޗަކަވެފައި އޮތުމުން ދެ ޓީމަށްވެސް އެންމެ ރީތި ފުޓުބޯޅައެއް ކުޅެން ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.
މިއަދުގެ މެޗުގެ 21 ވަނަ މިނެޓުގައި ޑާކާ އަބަހާނީން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ލީޑު އެޓީމަށް ނަގައިދިނީ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އެންޑް ރެކްރިއޭޝަނަށް ކުޅުނު ސެއިންޓް ވިންސެންޓްގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓް ޖެހި ގޯލުންނެވެ. ކޯނެލިއަސް ގޯލު ޖެހީ އަރިމަތިން ޑޭވިޑް ފެގްވޫ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
އޭއެފްސީ ކަޕް ޕްލިމިނަރީ މެޗަށް ތައްޔާރުވާން އަބަހާނީންވެސް ބިދޭސީ ގިނަ އާ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ އީގަލްސްއިން ކުޅުން ރަނގަޅު ކުރިއެވެ.
އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެ ގޯލަކީ އީގަލްސްއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ކާމިޔާބު ކުރި ގޯލެކެވެ. މިއަދުގެ މެޗުން އަބަހާނީ މޮޅުވި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ޑެނީލިއޯ އޯގަސްޓޯއެވެ. މެޗު ނިމެން ދަނިކޮށް އޭނާވެސް އެ ގޯލު ޖެހީ އޭރިއާ ތެރެއަށް އައި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
މިއަދުގެ މެޗުން މޮޅުވުމާއެކު ޑާކާ އަބަހާނީން އޭޝިއަން ސައުތު ޒޯންގެ ޕްލޭ އޮފް ބުރުގައި ދެން ނުކުންނަން ޖެހޭނީ އިންޑިއާގެ މޯހަން ބަހާން އާއި ނޭޕާލްގެ މަޗިންދްރާ އެފްސީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.