އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ ކަރުން ދަންޖެހުނު ކަމުގެ ނިޝާނެއް ނުފެންނަ ކަމަށާއި މޭރީގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް ހެކިވެރިއެއް ބުނެފިއެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރެއެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާއެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިއެއްގެ ހެކިބަސް ނަގައިފައެވެ.
ފުރަތަމަ ހެކިބަސް ދިނީ މޭރީ އާއެކު އައިޖީއެމްއެޗްގެ ޑައިލަސިސް ޔުނިޓުގައި މަސައްކަތް ކުރި ނަރުހެއް ކަމަށްވާ އަނޫޕް ގުރުވަރާއެވެ. ހެކިބަސް ދެމުން އޭނާ ބުނީ މޭރީ މަރުވި ދުވަހު އޭނާއާ ވާހަކަދެއްކި ކަމަށާއި ވާހަކައިގެ ތެރެއިން މާވިން އާއެކު އަހަރީ ޗުއްޓީގައި ކްރޮސްރޯޑަށް ދިއުމަށް ނިންމާފައިވާ ކަމަށް މޭރީ ބުނި ކަމަށެވެ. އެ ދުވަހު މޭރީގެ ފަރާތުން އާދަޔާހިލާފު އެއްވެސް ކަމެއް ނުފެންނަ ކަމަށްވެސް ބުންޏެވެ.
އަނޫފް ގުރުވަރާ ބުނި ގޮތުގައި، މޭރީ މަރުވި ދުވަހު އޭނާ ބްރޭކަށް ދިޔައީ އެ ދުވަހުގެ 12:00 ޖަހާކަންހާއިރު ކަމަށާއި ނަމަވެސް ބްރޭކަށް ލިބޭ 30 މިނެޓަށްފަހުވެސް ޑިއުޓީއަށް އެނބުރި ނައުމުން ޝިފްޓް އިންޗާޖު ސުވާލުކުރި ކަމަށެވެ. އަދި ފަހުން މޭރީ އަމިއްލަ ނަފުސަށް ގެއްލުން ދީގެން ފަރުވާއަށް ހޮސްޕިޓަލަށް ގެނައި ކަމާއި އެ ފަހުން މޭރީ މަރުވި ކަމަށް ޝިފްޓް އިންޗާޖު ބުނި ކަމަށް ބުންޏެވެ.
"މަރުވި ގޮތް ޔަގީނެއް ނޫން. ހަށިގަނޑު ފެނުނު. ދަންޖެހުނު ކަމަށް ބުނީ، އެކަމަކު އަޅުގަނޑަށް ދަންޖެހުނު ކަމަށް ނިޝާނެއް ނުފެނޭ ކަރުން. މޫނު މަތި ހުރީ ނޫފައިގެންފައި" އަނޫފް ގުރުވަރާ ބުންޏެވެ.
ދެވަނަ ހެކިވެރިއަކީ އިބްރާހީމް ޝަކީބަކީ ފުލުހުންގެ ފިޒިކަލް ލެބޯޓަރީގައި މަސައްކަތް ކުރާ ފްރޮންސިލް އެނަލިސްޓެކެވެ. އޭނާ ބުނީ މައްސަލަ ތަހުގީގުކުރާ ފަރާތުން އެވިޑެންސް ކޮންޓްރޯލް މެދުވެރިކޮށް ފޮނުވި އިންޖެކްޝަން ފުޅިއެއް ތަހުލީލު ކޮށްފައިވާނެ ކަމަށެވެ.
"ތަހުލީލުން ދެއްކީ އެއީ ބޭނުންކޮށްފައިވާ ފުޅިއެއް ކަމަށް. މަތިގަނޑުގައި ހިމަތޫނު އެއްޗެއް ހަރާފައިވާކަމުގެ ނިޝާން ހުރި، ފުޅީގެ ލިކުއިޑް ސަބްސްޓެސް ހުރީ މަދުވެފައި. ޕެކިން ނައްޓާފައެއް ނެތް،" ތަހުލީލު ކުރީ ކައްޓާއަކާއި ވިޝުއަލް އެގްޒަމިނޭޝަން އަދި ވީއެސްގެ އެހީގައި ކަމަށް އޭނާ ބުންޏެވެ.
ދެން ހެކިބަސް ދިނީ މާވިންގެ ހަށިގަނޑު ބަލާފާސްކުރި ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތް ކުރާ އަޝްފާގު ހަސަނެވެ.
އަޝްފާގު ބުނީ މާވިންގެ ހަށިގަނޑު ބަލާފާސްކުރި އިރު، އޭނާގެ ކަކޫ ކައިރިން ތިންތަނަކަށް އަނިޔާ ލިބިފައި ހުރި ކަމަށާއި ބަނޑުމަތިން ދެ ސެންޓިމީޓަަރަށާއި ކޮނޑުމަތީގައާއި ބުރަކަށީގައި ނޫފައިގެންފައި ހުރިކަމުގެ ނިޝާންތައް ހުރި ކަމަށެވެ. އަދި އެ ތަންތަނުގެ ފޮޓޯ ނަގާފައިވާނެ ކަމަށްވެސް ބުންޏެވެ.
އަޝްފާގު ބުނީ މާވިންގެ ހަށިގަނޑު ބަލާފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނަން ނޭނގޭ ކަމަށާއި އަމުރު ހޯދުމަކީ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރުންގެ ޒިންމާއެއް ނޫން ކަމަށެވެ. އޭނާގެ މަސްއޫލިއްޔަތަކީ ކްރައިމް ސީން އެނަލިސިސް ކުރުން ކަމަށާއި އެކަން ކުރުމަށް ކޮންމެހެން އަމުރެއް ބޭނުންނުވާނެ ކަމަށް ބުންޏެވެ.
"މި ހާލަތުގެ ކްރައިމް ސީންއަކީ މާވިން، އެބޭފުޅާ އަމިއްލައަށް އަނިޔާ ލިބިފައިވާ ތަންތަން ދެއްކީ. އަދި އެ ބޭފުޅާވެސް އަމިއްލަ ފޯނުން ފޮޓޯ ނެގި،" އަޝްފާގު ބުންޏެވެ.
އޭނާ ބުނީ، ފުލުހުންގެ ކަންކަން ތަރުތީބު ވެފައިވާ ގޮތުން އޭނާ ހާޒިރުވާ ކްރައިމް ސީނެއްގެ ރިޕޯޓެއް އެހެން މީހެއް ތައްޔާރު ނުކުރާނެ ކަމަށާއި އޭނާ ނެތް ހާލަތެއްގައި އެހެން މީހަކު އެއްޗެއް އެނަލިސިސް ކުރާ ނަމަ ކޯޓުގެ އަމުރެއް ބޭނުންވާނެ ކަމަށެވެ.
"އެކްސެސް ކޮންޓްރޯލް ސިސްޓަމެއްގައި މަސައްކަތް ކުރަނީ. އަޅުގަނޑާއެކު ދިޔަ އެހެން އޮފިސަރަކަށް ފެނިދާނެ. އެކަމަކު އުނި އިތުރެއް ގެނައުމުގެ ފުރުސަތެއް ނޯންނާނެ. އެކަމަކު ގާނޫނާހިލާފަށް އެފަދަ ކަމެއް ކޮންމެ ސިސްޓަމެއްގެ ތެރޭގައި ކުރެވިދާނެ. އެކަހަލަ ކަމެއް ކޮށްފިއްޔާ ލޮގް ސިސްޓަމުން އެނގޭނެ،" އަޝްފާގު ބުންޏެވެ.
ސާވާ ތެރޭގައި ހުންނަ ހެކި ސްފްޓްވެއާގެ ތެރޭގައި ކޮންމެ އޮފިސަރަކަށް ވަކި ފޯލްޑާއެއް ނުހުންނަ ކަމަށާއި އެ ސޮފްޓްވެއާއަށް ރާއްޖޭގައި މަސައްކަތްކުރާ 50 ކްރައިމް ސީން އޮފިސަރުން އަދި ފުލުހުންގެ މުއައްސަސާއިން ކަނޑައަޅާ ވަކި ބަޔަކަށް އެކްސެސް އޮންނާނެ ކަމަށެވެ. ހެކި ސޮފްޓްވެއާ އެކްސެސް ވުމަށްފަހު ކުރާ ހުރިހާ ކަމެއް ލޮގް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ އައިޖީއެމްއެޗްގެ ނަރުހަކާއި ކްރައިމް ސީން އޮފިސަރެއްގެ އަދި އިތުރު މީހެއްގެ ހެކިބަސް ނަގައިފައެވެ.
މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު