- އއ. ބޮޑުފޮޅުދޫން އަލީ ރިފްޝާން
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. ބޮޑުފޮޅުދުއަށް ވަޑައިގެންނެވުމާއެކު މި ރަށުން އެތައް ރައްޔިތުންނެއް ނުކުމެ، އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު މެންދުރުގެ އެންމެ ހޫނު ވަގުތުގައި ރައީސް މި ރަށަށް ވަޑައިގެންނެވުމުން، ދިގު ސަފަކާއެކު ރައްޔިތުން ވަނީ އެ މަނިކުފާނާ ސަލާމްކުރުމަށް ޖަމާވެފައެވެ. ބަނދަރުން ފެށިގެން "ނިމުމެއް ނެތް ފަދަ" އެ ދިގު ސަފު ނިމިގެންދިޔައީ މި ރަށުގެ އެމްޑީޕީގެ އާ ޖަގަހައާ ހިސާބުންނެވެ.
ރައީސް ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމުންދިޔަ އިރު، އެ ސަރަހައްދު ގުގުމާލާފައި ވަނީ "ރައީސް އިބޫ އެއްބަރުން" ކަމަށް ގޮވާލާ އަޑުންނެވެ. އެ ދިގު ސަފުގައި ތިބި ހުރިހާ ރައްޔިތުންނާ ސަލާމްކުރެއްވުމަށްފަހު އެ މަނިކުފާނު ވަނީ އެމްޑީޕީގެ އާ ޖަގަހަ ހުޅުއްވައިދެއްވައިފައެވެ.
އެއަށްފަހު މި ސަރުކާރުން އަލަށް ތަރައްގީ ކުރި ފުޓުބޯޅަ ދަނޑު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި މި ރަށު ކައުންސިލުގެ ރައީސް ސުޖާއު އާދަމް އަދި ކައުންސިލު މެންބަރު މުހައްމަދު ނާޝިޒް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި، ރައީސް ސޯލިހާ ފޯމު ހަވާލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ހޫނުގަދަ ވަގުތު ރައްޔިތުން ދެއްވި ހޫނު މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި ފެނިގެން މިދަނީ ސަރުކާރުން ކަންކަން ކޮށްދޭކަމުގެ ހެޔޮ ފާލެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ކުދި ރަށްތައް ބާކީކޮށްފައި އޮތުމުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުން ބޭނުންވަނީ ގައުމު ތަރައްގީވާން، ހަމަޖެހިގެން އާއިލާ އާއެކު ދިރިއުޅެވޭނެ ގޮތެއް. މީގެ ފަސް އަހަރު ކުރިއަށް ބަަލައިލާ އިރު، މިއީ ބާކީ ކޮށްފައިވާ ރަށްތަކެއް. އަސާސީ ހިދުމަތްތަކުގެ ގޮތުގައި ކޮށްދޭންޖެހޭ ކަންކަން ކޮށްދެވިފައެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލުގެ ރައީސް ސުޖާއު ވިދާޅުވީ ރައީސް ސޯލިހަކީ ތަފާތުކުރުމެއް ނެތި ހިދުމަތް ދެއްވާ ރައީސެއްކަން މިއަދުގެ ބައްދަލުވުމުން ފެނިގެންދާ ކަމަށާއި ފެނިގެންދަނީ ތަރައްގީއަށް ފެން ބޮވައިގެންފައި ތިބި ރައްޔިތުންތަކެއް ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން އަޅާނުލުމުން ތަރައްގީ ލިބިފައިނުވާކަން އޭނާވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު