އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިނުން ހޯދައިފިއެވެ.

ނިއު ޒީލެންޑް އެޑެން ޕާކްގައި މިއަދު ކުޅުނު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނުން ސްވިޑެން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް ގޮސްފައިނުވާ އިރު، މީގެ ކުރިން އެޓީމުން ގަދަ 16 ފަހަނަ އަޅައި ގޮސްފައެއްވެސް ނުވެއެވެ. 2015 ވަނަ އަހަރު ކެނެޑާގައި ބޭއްވި ވޯލްޑް ކަޕްގައި ސްޕެއިން ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ އިރު، 2019 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕުން ސްޕެއިން ކެޓީ ގަދަ 16 އިންނެވެ. އެހެންކަމުން ސްޕެއިންގެ އަންހެން ފުޓުބޯޅަ ތާރީހުގައި މިއަދަކީ ކާމިޔާބު ދުވަހެކެވެ.

އެންމެފަހުން ފްރާންސްގައި ކުޅުނު ވޯލްޑް ކަޕްގެވެސް ސެމީ ފައިނަލަށްވެސް ގޮސް ބަލިވި ސްވިޑެން، މިއަދުގެ ސެމީގެ މެޗު ނިމެން ދަނިކޮށްވެސް އެއްވަރު ކުރި ނަމަވެސް، ސްޕެއިން އެޓީމު މާޔޫސްކޮށްލިއެވެ.

މިއަދުގެ މެޗުގައި ފެނުނު ތިން ގޯލުވެސް ފެނިގެން ދިޔައީ ފަހު މިނެޓުގައެވެ. އޭގެ ކުރިން މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، 81 ވަނަ މިނެޓުގައި ސްޕެއިނުން ފުރަތަމަ ލީޑު ނެގިއެވެ. އުމުރުން 19 އަހަރުގެ ސަލްމާ ޕަރަލުއޭލޯގެ އެގޯލާއެކު ސްޕެއިން ލީޑު ނެގި ނަމަވެސް، 88 ވަނަ މިނެޓުގައި ސްވިޑެން ނަތީޖާ ހަމަހަމަ ކުރިއެވެ. ސްވިޑެންގެ ގޯލު ޖަހައިދިނީ ރަބެކާ ބްލޮމްގްވިސްޓެވެ.

ސްޕެއިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ސްވިޑެންއިން ގޯލު ޖެހިތާ 93 ސިކުންތު ފަހުންނެވެ. އެ ގޯލު ޖަހައިދީ ސްޕެއިނަށް ފައިނަލް ޔަގީން ކޮށްދިނީ ކެޕްޓަން އޮލްގާ ކަރްމޯނާއެވެ.

އޮސްޓްރޭލިއާ ސިޑްނީގައި ކުޅެން އޮތް އަންހެން ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނަން ޖެހޭ ޓީމު ޔަގީން ވާނީ މާދަމާ އިންގްލެންޑާއި އޮސްޓްރޭލިއާ ވާދަކުރާ ސެމީގެ ދެވަނަ މެޗަށްފަހުއެވެ.