ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނެވެ. ތައުލީމަށް ފަހު މަދު ޒުވާނަކު މެނުވީ އުޅެނީ ވަޒީފާގައެވެ. މިހަކާ އިންނަން ބޭނުންވި ނަމަވެސް ކައިވެނި ކުރަން ފަސް ޖެހެނީ އުޅޭނެ ތަނެއް ނެތުމުން ކަމަށް ގިނަ ޒުވާނުން ބުނެއެވެ.

ހައްސަކޮށް މާލެފަދަ ތަނެއްގައި ކުއްޔަށް އުޅުމަކީ ލިބޭ ހުރިހާ ފައިސާ އެކީ ކުއްޔަށްދެއްކުމެވެ. ދިވެހިންގެ އެވްރެޖް މުސާރައަކީ 10،000 ރުފިޔާ ކަމަށް ބަލަމާ ހެެއްޔެވެ. ތިން ކޮޓަރީގެ ތަނެއް ކުއްޔަށް ލިބެނީ އެންމެ ދަށްކޮށްވެސް 18 ހާހަށެވެ. އާއިލާގެ 2 މީހެއްގެ މުސާރަ އެއްކޮށްލުމުން ނޫނީ ކުލި ދެއްކޭނެ ގޮތެއް ނެތެވެ. މާލޭގެ ފަސްކުދިން އެކީ ގޯތި ފޯމުލީ މީހަކާ ސުވާލުކޮށްލުމުން ބުނީ ދިރިއުޅެނީ ވަރަށް ހަލުގައި ކަމަށެވެ. އަމިއްލަ ގެއެއް ހުއްޓަސް އެއްތަނެއްގައި މިއުޅެނީ 11 ވަރަކަށް މީހުންނެވެ. ގެއެއް ހުރީ ނަމެއްގައެވެ.

"މާލެ މީހުންނޭ ބުނީމަ މީހުންނަށް ހީވަނީ މާލޭ މީހުން އުޅެނީ ވަރަށް ފުދިގެންނޭ. އަސްލު މާލޭ މީހުން މާހާލުގަ މިއުޅެނީ. އަޅުގަނޑުމެން ބޮޑު ސްޓްރަގްލްއެއް ތެރޭ މިތިބީ ބޮޑެތިވެފަ. އަނެއްކާވެސް ދެން އަންނަ ޖެނެރޭޝަން ވީ ހަމަ އޭގެ ތެރޭ ދިރިއުޅެން. ރަށަަށް ދިޔަޔަސް މިޖެހެނީ ތަނެއް ކުއްޔަށް ނަގައިން އުޅެން. ރަށުގަވެސް ތަނެއް ނުލިބޭ" ދިރިއުޅުމަކަށް އުންމީދު ކުރަމުން ގެންދާ ޒުވާނަކު ބުންޏެވެ.

"މި އުޅެވެނީ ދެން. މީހަކާވެސް އިންނަން ބޭނުން. ތަނެއް ނެތީ. ގޮތެއް ނުފެނިގެން އުޅެނިކޮށް ގޮތެއް މިފެނުނީ، ބަލަނީ ރަނގަޅުވާނެ ކަމަށް" ދަތި އުނގަދޫ ތަކާއި އެކުވެސް މާލޭގައި އާއިލާއާއި އެކު އުޅޭ ޒުވާނަކު ބުންޏެވެ.

މާލޭގެ ގިނަ ޒުވާނުންނަށް ހަމަޖެހޭ ދިރިއުޅުމަކީ ދިރިއުޅޭނެ ތަނެކެވެ. ނަމަވެސް ގިނަ މީހުން ބުނާގޮތުން ނަމަ މާލޭގެ ރަށްވެހިންނަކީ މުއްސަނދި އަދި ފޯރާ ބައެކެވެ. ހަގީގަތް ހާމަވަނީ ނިކުމެ މާލޭގެ އަސްލު މީހުން އުޅޭ ހާލު ގާތުން ބަލައިލުމުންނެވެ.

"މިވަގުތު ވަރަށް ހާލުގަ މައިންބަފައިންނާ އެކު މި އުޅެނީ. 8 ދަރިން ކުޑަ ގެއެއްގަ. 400 ވަރަކަށް އަކަފޫޓްގެ ތަނެއްގަ އެއް ފާހަނާއެއް ބޭނުންކުރަނީ. 3 ކޮޓަރި އެންމެ ފާހަނާއެއް. ބޮޑެތި ވެފަ ތިބި ދަރީންނާ އެކު މައިންބަފައިންނާއެކު އުޅެން ޖެހުމުން އަސްލު ވަރަށް ދަތި. އަސްލު ބުނަންޏާ ވަރަށް ރަނގަޅުކަމެއް މި ކުރީ. މިއީ ދިރިއުޅުމަށް ލިބުނު އުއްމީދެއް" މާލެ ސަރަހައްދުން ގޯތި ލިބުމުގެ އުންމީދުގަ އެއްބަނޑު ކުދީންނާ އެކު ގޯތި ފޯމުލީ އިތުރު ޒުވާނަކު ބުނިއެވެ.

މިކަމާ ގުޅޭ ގޮތުން ޒުވާން މަންމައަކާ ސުވާލު ކޮށްލުމުން ބުނީ އޭނާއަކީ މާލޭ އުފަން މާލޭގެ ރަޖިސްޓްރީގައި އޮންނަ މީހެއްކަމެވެ. އުޅެމުންދަނީ 9 ފޫޓް 13 ފޫޓުގެ ކޮޓަރިއެއްގައިކަމަށެވެ މަންމަގެ 7 ކުދިން، މާމަ 11 މާމަ ދަރީން، ދިރިއުޅެމުންގެންދަނީ އެއްތަނެއްގަ ކަމަށެވެ. އެބުނާ މާލޭގެ ކުދިން އުޅެނީ އަމިއްލަ ވަޒަނުގައި ކުއްޔަށެވެ. އަސްލަކީ މިއީއެވެ.

"ޕޭރަންޓުންނާއި އެކު 10 އެއް. ޖޮއިންޓް ފޯމުލައިގެން މި ލިބުނީ. ތަނެއް ނެތި ދިރިއުޅުމެއް ވެސް ނުފެށޭނެދޯ. މިހާރު މިގޮތަށް ބޮޑު ބިމެއް ލިބި ތަނެއް އިމާރާތް ކުރަން ލިބުނީމަ ފަސޭހަ. އެހެންނޫނީ ޖެހޭނީ ތަނެއް ކުއްޔަށް ނަގައިން ދާކަށްނު. އަތުންދަނީ އިތުރު ހަރަދެއް. ވަޒީފާއަށް ގޮސްގެން ލިބެނީ ކުލިދައްކައިން އެހެން ޒަރޫރިީ ބޭނުންތައް ކޮށް އުޅެވޭ ވަރުގެ މުސާރައެއްނޫން. ބިލުތައް ދައްކާފަ ފައިނޭންޝަލް ސްޓޭބިލިޓީއެއް ނުހުންނާނެ ކުލިނަގައިން ތަނެއްގަ އުޅެންވެއްޖެއްޔާ" މިއީ މާލޭގައި ގެ ހުރެ ދިރިއުޅުމުގެ ހާލަތު "ވަން" އަށް ހިއްސާކުރި ޒުވާނެއްގެ އިހުސާސްތަކެވެ. ނަމަވެސް ގޯތި ލިބުމަށްފަހު ދިރިއުޅުން ބަދަލުވާނެ ކަމަށް މި ޒުވާނާ އުއްމީދު ކުރެއެވެ.

މިއަދު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ގިނަ އަދަދެއްގެ މީހުން އެތަނަށް ދިޔައެވެ. ބޯޅަދަނޑުން ފެނިގެން ދިޔައީ އުންމީދީ މޫނުތަކެވެ. އުފާވެރިކަމެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އެމީހަކަށް ގުރު ނަގަން ބޯޅަދަނޑުގެ މެދުގައި ހުރި ޓެންޓަށް ވަންނަ ވަގުތަށެވެ. އުންމީދެއް އޮތް މިސްރާބަކީ ޓެންޓް ތެރެއިން ނެގޭ ނަންބަރޭ ބުނާކަހަލައެވެ.

އެ މީހުންގެ މޫނުމަތީން ފެންނަމުން ދިޔައީ މާދަމާގެ އުއްމީދެވެ. ޒަވާޖީ ހަޔާތެއް ފަށާންވީ ވަގުތު ޖެހިއްޖެ ކަމުގެ ހިތްހަމަޖެހުމެވެ. މުޅި އުމުރުގައި ތެޅުނު ގަނަ، ދެން ތެޅޭން ނުޖެހޭނެ ކަމުގެ ހިތްހަމަޖެހުމެވެ. ދަރީން ބޮޑެތި ވާއިރު، އެ ކުދީން ހަމަނޭވާއެއް ލާނެ ތަނެއް ހޯދައިދެވޭނެ ކަމުގެ އުފާވެރި އިހުސާސެވެ.