ޑރ. މުހައްމަދު މުއިއްޒު އިންތިހާބަށް ނުކުމެވަޑައިގެންނެވިއިރު މެނިފެސްޓޯއެއް ނެތް ކަމަށާއި ރަށްރަށަށް ކެމްޕޭނަށް ވަޑައިގެން ޑރ. މުއިއްޒު ވައުދުވެވަޑައިގަންނަވަނީ ރައީސް ސޯލިހު ނިންމަވައިފައިވާ މަޝްރޫއުތަކުގެ މަސައްކަތް އަލުން ފަށާނެކަމުގެ ވާހަކަ ކަމަށް މާރިޔާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތް ކަމަށެވެ. ހުރީ ޕީއެންސީއާއި ސަލަފުގެ ކެންޑިޑޭޓެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ފެންނަނީ ޕީއެންސީގެ ލޯގޯ އެ ބޭފުޅާގެ ކެންޑިޑެންސީގަ ވެސް ޖަހާފަ އޮތީ. ރައީސް ޔާމީން ޕީޕީއެމް ބޮއިކޮޓްކުރަން ގޮވާލި. ކޮންމެ ތަނަކުން އަޅުގަނޑުމެންނަށް ބެނާތައް ފެނޭ. ޕީޕީއެމްގެ ބޭފުޅުން ނުކުމެވަޑައިގެން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވާތަނެއް ނުފެނޭ. އޭގެ އަނެއްކޮޅަށް ބަލާއިރު ސަލަފުގެ ހުރިހާ ބޭފުޅުން، ފަހަރަކު ބޭފުޅަކު ވަޑައިގެން ދަނީ މުއިޒުއަށް ތާއީދުކުރަމުން. އެ ބޭފުޅުން ތާއިދުކުރައްވާ، އެ ބޭފުޅުން އެންޑޯޒްކުރައްވާ މި ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ވިދާޅުވަމުން. އެހެންވީމާ އެގޮތަށް ފެންނަ ހެކިތަކަށް ބަލައި އަޅުގަނޑުމެން މި ދަންނަވަނީ އެއީ ޕީއެންސީ ސަލަފުގެ ކެންޑިޑޭޓެކޭ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑރ. މުއިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޖަމިއްޔާތަކުން ވެސް ހަރުކަށި ފިކުރު އެގޮތަށް ގެންދާކަމަށް ވިދާޅުވެވެން ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑރ. މުއިއްޒަކީ ކުރިން ޕީޕީއެމްގެ ނައިބު ރައީސް ކަމަށާއި އެ ޕާޓީން އިންތިހާބުގައި ބައިވެރި ނުވާކަމަށް މާރިޔާ ވިދާޅުބވިއެވެ. ނަމަވެސް ފެނިގެން ދިޔައީ ޑރ. މުއިއްޒު ކުއްލިއަކަށް ޕީއެންސީއަށް ވަޑައިގެން ރިޔާސީ ކެންޑިޑެންސީ ހޯއްދެވިތަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމް މެމްބަރުން ހަމަނުޖެހުން އުފައްދަނީ އެ މަނިކުފާނުގެ އަޑު ކަނޑުވާލަންކަމަށް މާރިޔާ ވިދާޅުވިއެވެ. އެއީ އެ ބޭފުޅުން ވެރިކަމުގައި ތިބެވެސް އެމްޑީޕީގެ އަޑު ކަނޑުވާލަން ކުރި މަސައްކަތްކަމަށް މާރިޔާ ވިދާޅުވިއެވެ.