މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްގެ ވަކީލު މައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ.
ކުރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ބުނީ ސާހިލްގެ ވަކީލު ވަނީ މިމަހުގެ ނުވަވަނަ ދުވަހު މައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ. އެ ވަކީލަކީ ދައުލަތުގެ ހަރަދުގައި ސާހިލަށް ހަމަޖައްސައިން ވަކީލެކެވެ.
ސާހިލް މައްސަލައިގެން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް އަންގާފައިވާތީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދޭން އެޓާނީ ޖެނެރަލް އޮފީހުގައި އެދިފައިކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.
އަންނަ ހަފުތާގައި ސާހިލްއަށް ވަކީލަކު ހަމަޖެހޭނެކަމަށް ޕީޖީއާ ހަވާލާދީ ކޯޓުން ބުންޏެވެ. ސާހިލަށް ވަކީލަކު ހަމަޖެހެންދަން ކުރިއަށްދާނީ ޕީޖީން ހުށަހަޅައިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމުންކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.
ޝިއާއުގެ މަރުގެ މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ ސިއްރުކޮށްދިނުމަށް އެދުނީ ޕީޖީގެ ފަރާތުންނެވެ. އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއްގެ ޝަރީއަތުގައި ސާހިލް ވާހަކަދައްކާފައެއްނުވެއެވެ. މައްސަލައިގަ ތަހުގީގަށް ކުރިއަށް ދިޔައިރު އޭނާ ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ސާހިލްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު ވެސް އޭނާ ކުށަށް އިއުތިރާފުވެފައިނުވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.
އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައެއް ނުވެއެވެ. އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޝިއާއު މަރާލި މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮތް އެޕާޓްމަންޓްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު