މި މަހު 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީއަށް އެސޯސިއޭޝަންތަކުން ވަމުން އަންނަ ތައްޔާރީތަކާއި، އެތުލީޓުން ވަމުން އަންނަ ތައްޔާރީތަކުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކުރިއަށްގެންދާ "އެމްއޯސީ ޓޯކްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މިފަހަރުގެ އައިއޯއައިޖީއަކީ ސަރުކާރުން ކުޅިވަރަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

"މިފަހަރުގެ ޓާގެޓަކަށް އަޅުގަނޑު ބެލީ، ހަ މަސް ދުވަހުގެ ތައްޔާރީތަކުން 2019 ވަނަ އަހަރު ގޮސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ހޯދި ކާމިޔާބީ އާއި މިފަހަރު ހަތަރު އަހަރު ފަހުން ގޮސް ހޯދޭ ކާމިޔާބީއަކީ ކުޅިވަރަށް ކޮށްދެވުނު ކަންކަމުގެ އަގު ވަޒަން ކުރަން ލިބޭ ފުރުސަތެއްގެ ގޮތުގަ. ވަރަށް ބޮޑު އުންމީދެއްގަ، ވަރަށް ބޮޑަށް ކަންކަމަށް ޓާގެޓްކޮށްގެން މަސައްކަތް ކުރެވިފަ މިހުރީ. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ވަރަށް މަސައްކަތްތަކެއް ކޮށްދެވިއްޖެ،" މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ މިފަހަރު ގޭމްސްއަށް ތައްޔާރުވާންވެސް އެތުލީޓުންނަށް ވަކިވަކީންވެސް ވަރަށް ރަނގަޅު ކަންތައްތަކެއް ކޮށްދެއްވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އޭގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް މިދިޔަ ހަތަރު އަހަރުން އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މިދިޔަ ފަހަރު ލިބުނު 15 މެޑެއްޔަށްވުރެ އިތުރަށް މިފަހަރު މެޑަލް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރައްވާ ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

"މިފަހަރު އަސްލު ގޭމްސް ފެށުމުގެ ކުރިންވެސް އަޅުގަނޑުމެން އަތުން މެޑަލްތަކެއް އަތުލާފަ އެ ފަށަނީ. އެއީ ސާފިންނާއި ބީޗް ވޮލީ ނުހިމެނޭތީ. ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ދެ ކުޅިވަރު އެއީ. އެކަމަކު އެއަށް ކަނޑާފަވެސް، ރަނގަޅު އަދަދެއްގެ މެޑަލްތަކެއް ގެނެވޭނެ އިރާދަކުރެއްވިއްޔާ،" މަހްލޫފް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން ގޭމްސް ފުރަތަމަ ބާއްވަން އޮތީ ރާއްޖޭގައެވެ. 2019 ވަނަ އަހަރު ރާއްޖެއިން އެ ބިޑް ކާމިޔާބުކުރި ނަމަވެސް، ކޮވިޑްގެ ހާލަތާއެކު ރާއްޖެއިން އެ ފުރުސަތު ދޫކޮށްލިއެވެ. މަހްލޫފް ވިދާޅުވީ ރާއްޖޭގައި ގޭމްސް ނުބޭއްވުމަކީ "ލިބޭ ހިތްހަމަ ޖެހުމެއް" ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖެ އަދި މިއޮތީ އެކަހަލަ ގޭމްސްއެއް ބޭއްވޭ ހިސާބަކު ނޫން. ރާއްޖޭގަ އަދި ބައިވަރު ބައިނަލްއަގުވާމީ މުބާރާތްތަކެއް ބާއްވަން ޖެހޭ އެކަމަށް ތައްޔާރުވާން. މި ކަންކަމަށް ހޭނިލައިގެން ނޫނީ އެކަހަލަ ކަންކަން ނުކުރެވޭނެ. ރަނގަޅަށް ތައްޔާރުވެގެން އެކަންކަން ކުރެވޭނީ،" މަހްލޫފް ވިދާޅުވިއެވެ.

އެތުލީޓުންނަށް ހޯއްދަވައިދެވުނު ފުރުސަތުތަކުގެ ވާހަކަ ވެސް މަހުލޫފް ފާހަގަކުރެއްވިއެވެ. އެގޮތުން އެތުލީޓުން ކުރިއަރުވަން ބައިނަލްއަގުވާމީ ގޮތުން ހޯދައިދިން ފުރުސަތުތައް ގިނަވުމުން، އައިއޯއައިޖީގެ ނަތީޖާއަށް އެކަމުގެ އަސަރު ހެޔޮ ގޮތުގައި ކުރާނެ ކަމަށްވެސް މަހްލޫފް ފާހަގަކުރެއްވިއެވެ. މަހްލޫފް ފާހަގަކުރެއްވީ ޓީޓީއާއި ބެޑްމިންޓަންގެ އިތުރުން ޓެނިސް ފަދަ ކުޅިވަރުތަކުންވެސް އުންމީދީ ނަތީޖާތަކެއް ނެރެ، މެޑަލްތައް ހޯދައިދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި މަހްލޫފް އިތުރަށް ފާހަގަކުރެއްވީ މިހާރު ކުޅިވަރަށް އައިސްފައިވާ އެންމެ ހެޔޮ އެއް ބަދަލަކީ މިނިސްޓްރީއާއި އެސޯސިއޭޝަންތަކާ މެދު ގުޅުންތެރިކަން ރަނގަޅު ކުރެވުން ކަމަށާއި، ސަރުކާރުންވެސް ކުޅިވަރަށް ވަރަށް ބޮޑަށް ހާއްސަކަމެއް ދެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުޅިވަރުގެ މުހިއްމުކަން އެނގިވަޑައިގެންނެވުން އެއީ މަސައްކަތް ފަސޭހަވެގެން ދާ ކަމެއް ކަމަށްވެސް މަހްލޫފް ފާހަގަކުރެއްވިއެވެ.