މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފި ނަމަ, ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްއަށް ފަސޭހަކަމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވުމުން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެކަމަށް ރައްދުދެއްވައިފިއެވެ.

ޑިމޮކްރެޓްސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވިދާޅުވެފައިވަނީ އެއީ އުނދަގޫ ކަމެއް ކަމަށާއި މުއިއްޒާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ޕާޓީން ކަމަށެވެ. އިންތިގެ އިތުރުން އެ ޕާޓީގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ މުއިއްޒާއި ޕީޕީއެމްގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ހއ. ވަށަފަރުގައި މިއަދު ހަވީރު ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ވާދަވެރިން ރަށްރަށަށް ވަޑައިގެން ތަފާތު ވާހަކަ ދައްކަވަމުންދާ އެބޭފުޅަކަށް އެ ދެއްކެވޭ ވާހަކައެއް، ނުދެއްކެވޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އޭގެ ތެރޭގައި އެބަ ވިދާޅުވޭ ޑރ. މުއިއްޒާއެކު ކޯލިޝަން ހަދާކަށް ތައްޔާރެއް ނޫނޭ. އަޅުގަނޑުމެން ނޫޅެން އެ ބަޔަކާއެކު ކޯލިޝަން ހަދާކަށް. އަޅުގަނޑުމެން މި އިންތިހާބުގެ ދެވަނަ ބުރަކަށް ތައްޔާރެއް ނޫނޭ، އިންތިޒާރެއް ނުކުރަމޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒާއެކު މި އިންތިހާބު ކާމިޔާބުކުރާނީ ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި ދިވެހި ރައްޔިތުންގެ މަސައްކަތާއި ﷲގެ ތަނަވަސް ރަހުމަތްފުޅާއެކީގައި އެއްބުރުން. އަޅުގަނޑުމެންނާއެކު ކޯލިޝަން ނުހަދަން ވާހަކަދައްކާނެ ކަމެއް ނެތް. ދިވެހި ރައްޔިތުން ބޭނުމެއް ނޫން އެހެން ކޯލިޝަން ސަރުކާރެއް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޯލިޝަން ސަރުކާރުތަކުގެ ތަޖުރިބާ ދިވެހި ރައްޔިތުންނަށް ކުރެވިފައިވާ ކަމަށާއި އެ މަންފާއެއް ރައްޔިތުންނަކަށް ނުލިބުނު ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާ ލިބެން އޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައިކަން ރައްޔިތުންނަށް އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެބަ އެނގޭ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ ތަރައްގީގެ ފިކުރަށްކަން، މާދަމާ ޒުވާނުންނަށް ފަހި މުސްތަގުބަލެއް ހޯދައިދެވޭނީ ތައުލީމީ ގާބިލު ރިޔާސީ ކެންޑިޑޭޓެއް އިންތިހާބުކޮށްގެންކަން. މި ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރައްވާ އިލްމީގޮތުން ބެލިޔަސް، ތަޖުރިބާގެ ގޮތުން ބެލިޔަސް، ހިންގުންތެރިކަމުގެ ގޮތުން ބެލިޔަސް، އަހުލާގީ ގޮތުން ބެލިޔަސް، މަޑުމައިތިރިކަމުގެ ގޮތުން ބެލިޔަސް މުއިއްޒާ ވާދަކުރެވޭ ވަރުގެ ރިޔާސީ ކެންޑިޑޭޓެއް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައްޔިތުން ތިބީ ވޯޓު ކަރުދާސްކޮޅު އަތަށް ނާރައިގެން ކެތްމަދުވެފައި ކަމަށާއި ރައްޔިތުން ތިބީ މުއިއްޒާ އެކީގައި އަމާން ބަނދަރަކަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.